ފަނޑިޔާރު ހަމީދު ވަކިކުރަން އެމްޑީޕީން ތްރީ ލައިން ވިޕެއް

ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު-- ފޮޓޯ/ ހައިކޯޓު

ހައިކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ހަމީދު ފަނޑިޔާރު ކަމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ތްރީ ލައިން ވިޕެއް ނެރެފިއެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގައި ނެގި ވޯޓުގައި ފަނޑިޔާރު ވަކިކުރަން ފާސްވީ ވޯޓުގައި ބައިވެރިވި 35 މެންބަރުންގެ ތެރެއިން 29 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕަކީ 65 މެންބަރުން ތިއްބަވާ ގްރޫޕެކެވެ.

ތިން ލައިން ވިޕެއް ނެރެން އެމްޑީޕީން ނިންމިއިރު، ފަނޑިޔާރު ޢަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް ވެސް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.

ދެ ފަނޑިޔާރުން މަގާމުން ވަކި ކުރުމަށް ޖޭއެސްސީން މިދިޔަ މަހު މަޖިލީހަށް ހުށަހެޅީ، އެ ދެ ބޭފުޅުން ޤާނޫނު އަސާސީގެ 152ވަނަ މާއްދާއާ ޚިލާފަށް، މަޖިލީހުގެ އެއްވެސް ދައުރެއް ނެތި، ސީދާ ސަރުކާރުން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓުތަކަކާ ހަވާލުވި މައްސަލައިގައެވެ. އެ އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއް ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

އެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބެލުމަށް ފަހު މިދިޔަ މަހުގެ 18 ވަނަ ދުވަހު ފާސްކޮށްފައި ވަނީ އެ މައްސަލާގައި އިޖުރާއީ އަދުލުވެރިކަން ގާއިމު ކޮށްފައި ނުވާ ކަމަށާއި އިޖުރާއީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށްޓަކައި އަލުން މައްސަލަ ޖޭއެސްސީއަށް ފޮނުވަން ޖެހޭ ކަމަށެވެ.

ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުމުގެ ރިޕޯޓަށް ވޯޓަށް އެހުން އަންނަ ހޯމަ ދުވަހު އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި އިއުލާންކުރައްވާފައެވެ.

މި މައްސަލައިގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު ޢަލީ ސަމީރު ވަނީ މިހާރު މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން އެ ދެ ބޭފުޅުންގެ މައްސަލަ ދެން އިތުރަށް މަޖިލީހުގައި ކުރިއަކަށް ނުގެންދާނެއެވެ.

އެ މައްސަލަ ޖޭއެސްސީން ބަލަން ފެށީ މިދިޔަ ޖަނަވަރީ މަހުއެވެ.

comment ކޮމެންޓް