ޑިޖިޓަލް ބޭންކު މުހިންމު، އަލުން ހުއްދައަށް އެދޭނަން: އަމްރު

އެސްޓީއޯގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސައިން އަމްރު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެސްޓީއޯއިން ގާއިމު ކުރުމަށް މަސައްކަތްކުރާ ޑިޖިޓަލް ބޭންކް، އިވޯލްވްއަކީ މުހިންމު މަޝްރޫއެއް ކަމަށާއި، އެކަމަށް ބޭނުންވާ ހުއްދައަށް އެދި އެމްއެމްއޭއަށް އަލުން ހުށަހަޅާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު މުޙައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

ރޭ ކްރޮސްރޯޑްސްގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ޑިޖިޓަލް ބޭންކް އުފެއްދުމުގެ ސަބަބުން މުޅި ބޭންކިން ސިނާއަތަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ. އަދި އެކަމުގެ ފައިދާ އަމިއްލަ ވިޔަފާރިތަކަށް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ވިޔަފާރިތަކަށް އިތުރު ކުރިއެރުން ލިބެން އަންނަނީ ބޭންކިން ސެކްޓާ ކުރިއަށް ގޮސްގެން،" އަމްރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑިޖިޓަލް ބޭންކިންގެ ސިނާއަތަކީ މުޅި ދުނިޔެއަށް ވެސް އައު، އަދި ކުރިއަރަމުން އަންނަ ސިނާއަތެއް ކަމަށާއި، އެހެންކަމުން ވީހާވެސް އަވަހަކަށް އެ ސިނާއަތަށް ވަންނަން ބޭނުންވާކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވޭ، ދުނިޔޭގަ ކުރިއަރަމުން އަންނަ އިންޑަސްޓްރީއަކަށް ވާތީވެ މީގެ އެންމެ ކުރީގަ އިންޑަސްޓްރީއަށް ވަންނަން. ވަދެއްޖެ ނަމަ ދުނިޔޭގެ އެހެން ގައުމުތަކުގައި އަޅުގަނޑުމެންނަށް މި ސާވިސް އެބަ ޕްރޮވައިޑްކޮށް ދެވޭ،" އެމްޑީ ވިދާޅުވިއެވެ.

ޑިޖިޓަލް ބޭންކިންއަށް މާބޮޑު އިންފްރާސްޓްރަކްޗާއެއް ބޭނުން ނުވާކަން ފާހަގަކުރައްވާ، އޭނާ ވިދާޅުވީ މި ވިޔަފާރިއަކީ، މަސްވެރިކަމާއި، ފަތުރުވެރިކަމުގެ އިތުރުން ރާއްޖެއަށް ބޭރު ފައިސާ ވަނުމަށް ފަހިވާ މަގެއް ކަމަށެވެ.

"ޑިޖިޓަލް ބޭންކަކީ ވެސް، އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެއަށް ބޭރު ފައިސާ ވައްދާނެ އިންޑަސްޓްރީ އަކަށް ހަދަން،" އަމްރު ވިދާޅުވިއެވެ.

އެސްޓީއޯއިން ޑިޖިޓަލް ބޭންކިން ލައިސަންސަށް އެދި އެމްއެމްއޭއަށް ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް، އެމްއެމްއޭއިން ވަނީ އެ ހުއްދަ އެސްޓީއޯއަށް ދޫނުކުރުމަށް ނިންމާފައެވެ.

comment ކޮމެންޓް