އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވޭ ގޮތް ހަދަނީ

އުރީދޫއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ/ މުޙައްމަދު ޙައްޔާން

އުރީދޫގެ އެމް-ފައިސާ ވޮލެޓް މެދުވެރިކޮށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވޭގޮތް ހަދައި، ޓެސްޓް ޓްރަޔަލް ފަށައިފިއެވެ.

އުރީދޫގެ މައި އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ޙުސައިން ނިޔާޒް ވިދާޅުވީ ބައެއް ކަސްޓަމަރުންނަށް ކުރިއަށްގެންދާ މި ޓްރަޔަލް ކުރިއަށް ދާނީ އެމްއެމްއޭއާ ގުޅިގެން ކަމަށެވެ.

"އަދި މިހާތަނަށް އަޅުގަނޑުމެން އިންޓާނަލް ޓެސްޓުތަކުން އެއްވެސް މައްސަލައެއް ދިމައެއް ނުވޭ. ދެން އަޅުގަނޑުމެން މި އުންމީދު ކުރަނީ މި ޓްރަޔަލްގައި ވެސް އެއްވެސް މައްސަލައެއް ދިމާނުވެ، ވަރަށް އަވަހަށް އަޅުގަނޑުމެންނަށް މި ޕްރޮޑަކްޓް ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލެވޭނެ ކަމަށް،" ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ މި ޚިދުމަތާއެކު ރާއްޖޭގެ ކޮންމެ ތަނަކު ހުރެގެން ވެސް ބޭނުން ގައުމަކަށް ފައިސާ ފޮނުވޭނެ ކަމަށެވެ. އަދި މިހާރު މި ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ވުރެ އުރީދޫގެ ސާވިސް ޗާޖު ވެސް ކުޑަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ/ މުޙައްމަދު ޙައްޔާން

މި ހިދުމަތާއެކު އެމް-ފައިސާ ވޮލެޓުގައި ހުންނަ ރުފިޔާ، އެ ފައިސާ ފޮނުވާ ގައުމެއްގެ ފައިސާއަށް ސީދާ ބަދަލުކޮށްގެން ފޮނުވޭނެއެވެ. އެ ފައިސާ ލިބެންވީ ފަރާތުގެ ބޭންކް އެކައުންޓަށް، އެ ގައުމުގައި ހުންނަ ޕިކްއަޕް ޕޮއިންޓަކަށް، މޯބައިލް ވޮލެޓަކަށް ނުވަތަ ގެއަކަށް ވެސް ފޮނުވޭނެއެވެ.

އެމްފައިސާ އެޕް މެދުވެރިކޮށް މި ހިދުމަތް ހޯދުމަށްޓަކައި ފުރިހަމަ ކުރަންޖެހެނީ މަދު މަރުހަލާތަކެކެވެ. ފައިސާ ފޮނުވާ ފަރާތާއި، ލިބެންވީ ފަރާތް އަދި ފައިސާގެ ބާވަތާ ބެހޭ މައުލޫމާތު ފުރާލުމާއެކު ކުޑަ ހިނދުކޮޅެއް ތެރޭ ފައިސާ ފޮނުވޭނެއެވެ.

އެ ހިދުމަތް މެދުވެރިކޮށް ދުވާލަކު އެންމެ ގިނައިން ފޮނުވޭނެ ފައިސާގެ ލިމިޓެއް ކަނޑައެޅިފައި ވީކަމުގައި ވިޔަސް، މިހާރު ބޭންކުތަކުން ކަނޑައަޅާފައި ލިމިޓާ އަޅާބަލާއިރު، އެ ލިމިޓް ބޮޑުވާނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.

މި ހިދުމަތަކީ މިހާރު ވެސް އުރީދޫއިން ބައެއް ގައުމުތަކުގައި ފޯރުކޮށްދެމުން އަންނަ ހިދުމަތެކެވެ. މިދިޔަ ޖަނަވަރީ މަހުގެ ތެރޭ އެމްއެމްއޭއިން ވަނީ އެ ކުންފުންޏަށް އިންޓަނޭޝަނަލް ރެމިޓެންސްގެ ލައިސަންސް ދޫކޮށްފައެވެ.

comment ކޮމެންޓް