އިހުތިސާސްގެ މައްސަލާގައި އިސްދޫ އަންހެނުން މުޒާހަރާކޮށްފި

އިސްދޫ އަންހެނުން ކުރި މުޒާހަރާގެ ތެރެއިން -- ފޮޓޯ/ އިސްދޫ ކައުންސިލް

ލ. އިސްދޫ އަންހެނުން ކުނިކަހަނިކޮށް ކަލައިދޫ ކައުންސިލުން އެކަމަށް ހުރަސްއެޅި ކަމަށް ބުނެ، މުޒާހަރާ ކޮށްފިއެވެ.

އިސްދޫއާއި ކަލައިދޫއަކީ އެއް ފަސްގަނޑެއްގައި ދެ ކައުންސިލެއް ހިންގާ ރަށެކެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޚަލީލު ވިދާޅުވީ، މި މައްސަލަ ފެންމަތިވީ މިދިޔަ ހުކުރު ދުވަހު އިސްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ކުނި ކަހަނިކޮށް، އެކަމަށް ކަލައިދޫ ކައުންސިލުން ހުރަސް އެޅުމުންނެވެ.

"މުޒާހަރާ ކުރަމުން އެދަނީ އިހުތިސާސްގެ މައްސަލައިގައި. ހާއްސަކޮށް އިސްދޫ އަންހެނުން، އިސްދޫ ސަރަހައްދުގައި ކުނި ކަހަމުން ދަނިކޮށް ކަލައިދޫ ކައުންސިލުން ހުރަސް އަޅައި، އެކަމުގެ ހިތްހަމަ ނުޖެހުމުގެ ސަބަބުން އަންހެނުން ނުކުމެގެން އެ އުޅެނީ،" ޚަލީލު ވިދާޅުވިއެވެ.

އިސްދޫ އަންހެނުން ގޮވާލަމުން ދަނީ، އެއް ފަސްގަނޑެއްގައި ދެ ކައުންސިލް ހިންގާ އިސްދޫ ކަލައިދޫގައި ހަމަހަމަ އުސޫލަކުން އިހުތިސާސް ބެހުމަށް ކަމަށް ޚަލީލު ވިދާޅުވިއެވެ.

"މި ބޭފުޅުން މި ގޮވާލަނީ އީކުއަލިޓީއަށް ބަހާލަދޭށޭ ނޫނީ ބޮލަށް ބަހާލަދޭށޭ. މީގަ އަސްލު ބޮޑަށް މި ދިމާވީ، ސަރުކާރުން އިހުތިސާސް ކަނޑައެޅިއިރު ވަކި ދައްކާދީފައެއް ނެތް، މިއޭ އިސްދޫއަކީ މިއޭ ކަލައިދޫއަކޫ. [އޭގެ ބަދަލުގައި] ލައިނެއް ކުރައްސަވާފައި ދޫކޮށްލާފައި އޮތީ،" ޚަލީލު ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން އިސްދޫ ކައުންސިލުން މިހާރު ދަނީ ޕްލޭނިން މިނިސްޓްރީއާއެކު މަޝްވަރާ ކުރަމުންނެވެ.

މިދިޔަ ހުކުރު ދުވަހު އިޖުތިމާއީ ސަރަހައްދު ސާފުކުރުމުގެ ތެރޭގައި ކުރިމަތިވި އެ މައްސަލައާ ގުޅިގެން މިއަދު އިސްދޫ އަންހެނުން މުޒާހަރާ ކުރުމުން، ސަރުކާރާ ވާހަކަ ދައްކައި، ތިން ދުވަހުގެ ތެރޭގައި އެ މައްސަލައިގައި ޖަވާބެއް ދޭނެ ކަމަށް ބުނުމުން މުޒާހަރާ ހުއްޓާލާފައިވާ ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.

އިސްދޫ އަންހެނުން ކުރި މުޒާހަރާގެ ތެރެއިން -- ފޮޓޯ/ އިސްދޫ ކައުންސިލް

ނަމަވެސް އެ މައްސަލައާ ބެހޭ ގޮތުން ކަލައިދޫ ކައުންސިލުގެ ޚިޔާލު ތަފާތެވެ.

"އެއީ ހަމަ ކަނޑައެޅިގެން ދޮގެއް އެ ހަދަނީ. ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއް އެއީ އިހުތިސާސް ކަނޑައަޅާފަ އޮތް ތަނެއް. ދެން އަޅުގަނޑަށް ހީވަނީ ބޮޑަށް ދިމާވެގެން ތި އުޅެނީ އިސްދޫ ކައުންސިލަށް އެބޭފުޅުންގެ އިހުތިސާސް، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ފާސްކޮށްފައި އޮތް އިރުވެސް އެބޭފުޅުންނަށް ސާފު ނުވަނީ ކަންނޭނގެ،" ކަލައިދޫ ކައުންސިލްގެ ރައީސް އަހުމަދު ޝިޔާމް ވިދާޅުވިއެވެ.

އިސްދޫގެ އިހުތިސާސް އޮންނަ ސަރަހައްދުގައި ކަލައިދޫއިން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ކަލައިދޫގެ އިހުތިސާސް ތެރޭގައި ކަމެއް ހިންގާނަމަ އެކަމުގެ ޝަކުވާ އެ ކައުންސިލުން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ކުރިން ވެސް އިސްދޫ އަންހެނުން ކަލައިދޫ ސަރަހައްދުގައި ކުނިކަހައެވެ. އަދި އެ މީހުން އެގޮތަށް އަމަލު ކުރަނީ އިސްދޫ ރައީސްގެ އެންގެވުމަށް ކަމަށް ވެސް، އިސްދޫ އަންހެނުންނާ ހަވާލާދީ ޝިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް