އަޤްސާ މިސްކިތަށް ޔަހޫދީން ވަދެގަތް މައްސަލަ، މުޅި މުސްލިމް އުއްމަތުން ކުށްވެރިކުރާންޖެހޭ: މަޢުމޫން

ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

މަސްޖިދުލްއަޤްސާގެ ހުރުމަތް ކެނޑުމަށްޓަކައި ޔަހޫދީންގެ ހައްދުފަހަނަޅާފައިވާ ފިކުރުގެ އެތައް ހާސް ބަޔަކު އެ މިސްކިތަށް ވަދެގަތް މައްސަލަ މުޅި މުސްލިމު އުއްމަތުން ކުށްވެރިކުރުމަށް ކުރީގެ ރައީސް، މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވައިލައްވައިފިއެވެ.

އަޤްޞާ މިސްކިތަށް ޔަހޫދީންގެ ހައްދުފަހަނަޅާފައިވާ ބައިގަނޑު އިއްޔެ ވަދެގަތީ 1967ގެ އަރަބި އިސްރާއީލު ހަނގުރާމައިގައި އިސްރާއީލުން އެމިސްކިތަށާއި އެމިސްކިތް ހިމެނޭ އިރުމަތީ ގުދްސަށް ވެރިވެގަތް އަހަރީ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުންނެވެ.

މި މައްސަލައާ ގުޅުވައިގެން ރައީސް މަޢުމޫން ވިދާޅުވީ ދިދަ ހިފައިގެން ތިބި ބަޔަކު އަޤްޞާ މިސްކިތަށް ވަދެގަނެ، އެ މާތް މިސްކިތުގެ ހުރުމަތް ކަނޑާލުމަކީ މުޅި އިސްލާމީ އުއްމަތް، އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާންޖެހޭ ކަމެއް ކަމަށެވެ.

ފާއިތުވި މަސްތަކުގައި ވެސް އިސްރާއީލުގެ ސިފައިންނާއި ފުލުހުންގެ ހިމާޔަތުގައި ތިބޭ ހަރުކަށި ޔަހޫދީން ވަނީ އަޤްޞާ މިސްކިތުގެ ތެރެއަށް ވަދެގަނެ އެތަނުގެ ހުރުމަތް ކަނޑައި ލަވަކިޔައި ނަށައި ފަލަސްތީނުގެ މުރާބިތުންނަށް ހަމަލާދީ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފައެވެ.

ހަމައެއާއެހު އިސްރާއީލުގެ ސިފައިންނާއި ފުލުހުންވެސް ވަނީ އެމިސްކިތުގައި ނަމާދު ކުރާން ތިބޭ ފަލަސްތީނު މީހުންނަށް ތަކުރާރުކޮށް ހަމަލާދީ ލާއިންސާނީ ބޮޑެތި ޖަރީމާތަކެއް ހިންގާފައެވެ.

comment ކޮމެންޓް