ޑިޖިޓަލް އައިޑީކާޑު ތައާރަފް ކުރުން މި އަހަރު ފަހުކޮޅު

ވިޔަވަތި ކޮންފަރެންސް ގައި އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވާހަކަ ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފިސް

ރާއްޖޭގައި ޑިޖިޓަލް އައިޑީކާޑު ބޭނުންކުރަން މި އަހަރުގެ ފަހުކޮޅު ފަށާނެ ކަމަށް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އއ. އުކުޅަހުގައި މިއަދު ބޭއްވި "ވިޔަވަތި" ކޮންފަރެންސް ގައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ ޑިޖިޓަލް އައިޑީކާޑުގެ މަސައްކަތުގެ ވަރަށް ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ.

"މިހާރު ކުރަމުން އަންނަނީ ޑޭޓާ އެންޓާ ކުރުމުގެ މަސައްކަތް،" މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

މިއަދުގެ ކޮންފަރެންސްގައި ކައުންސިލްތަކުން ވަނީ އައިޑީކާޑު ހެއްދުން އަދިވެސް މާލެއިން ކުރެވޭ ގޮތަށް އޮތް އުސޫލު ބަދަލުކޮށްދިނުމަށް އެދިފައެވެ. އަދި އަތޮޅު ކައުންސިލުން އައިޑީކާޑު ހެއްދޭނެ ގޮތަށް އުސޫލުތައް ބަދަލުކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.

މި ނިޒާމުގެ ދަށުން އައިޑީކާޑުގެ ވެރިފަރާތާ ގުޅުން ހުރި މައުލޫމާތު އެމީހެއްގެ ހުއްދައާ އެކު ފޯރުކޮށްދޭނެ ގޮތް މަގުފަހިވާނެއެވެ.

ޒަމާނީ ލުއި ފަސޭހަތަކާ އެކު ޚިދުމަތް ފޯރުކޮށްދިނުމުގައި ކައުންސިލްތަކަށް ވެސް ލުއި ވާނެ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ސަރުކާރުން ބޭނުންވާ ގޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޑިޖިޓަލް އައިޑީކާޑު ބޭނުންކުރަން ފެށި ނަމަވެސް، ބޭނުންވާނަމަ އައިޑީކާޑު ޕްރިންޓް ވެސް ކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ޑިޖިޓަލްކޮށް އައިޑީކާޑު ހެއްދޭނެ ގޮތް 2023 ގައި ތައާރަފް ކުރާނެކަމަށް މިނިސްޓަރު ޝައުނާ ވަނީ މީގެކުރިން ވިދާޅުފައެވެ.

comment ކޮމެންޓް