ގޭންގުތަކުގެ ނުރައްކާ އިންތިހާއަށް، ރައީސްގެ ޓާސްކްފޯސް ކޮބާ؟

(ކ-ވ) ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، ސީޕީ މުޙައްމަދު ޙަމީދު --- ފޮޓޯ/ ރައީސް އޮފީސް

މާލޭ ސަރަހައްދުގައި ހަރަކާތްތެރިވާ 44 ގޭންގުގައި 2800 މެންބަރުން ހަރަކާތްތެރިވެއެވެ. އޭގެތެރޭގައި ނުރައްކާތެރި ކުށްތަކަށް އަރައިގަންނަ ނުވަ ގޭންގެއް ފާހަގަ ކުރެވެއެވެ. އެ ގޭންގުތަކުގެ މެންބަރުންގެ ގޮތުގައި 1300އެއްހައި މީހުން އެބަ ތިއްބެވެ.

މީގެ އިތުރުން މެދު ރާއްޖެ ތެރޭގައި 197 ގޭންގުގައި އިސް ސަފުގައި ހަ މީހަކާއި، ތިން ކުޑަ ކުއްޖަކު ވެސް ހަރަކާތްތެރިވެއެވެ.

މިހާރު އއ. އުކުޅަހުގައި ކުރިއަށްދާ ވިއަވަތި ކޮންފަރެންސްގެ ތެރެއިން އާންމުން އެންމެ ސިއްސުވާލި ޚަބަރަކީ މި ތަފާސް ހިސާބުތަކެވެ.

ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރާ ގޮތުގަައި މީގެތެރެއިން އެންމެ ނުރައްކާތެރި ގޭންގުތަކަށް ނިސްބަތްވާ މީހުން ކޮންމެ ދުވަހަކު މަގުތަކަށް ނުކުމެ، މާރާމާރީއާއި، ވައްކަން ފަދަ ކުށްކުށަށް އަރައިގަންނަ ކަމަށް ފުލުހުން ބުންޏެވެ. މިހާރު އޮތް އެންމެ ބޮޑު ބިރަކީ ވެސް އެ ގޭންގުތައް އިތުރަށް ވަރުގަދަވެ އަތޮޅުތަކަށް ފެތުރުމެވެ. ފުލުހުން ބުނަނީ އެ ފަދަ ކަމެއް ހިނގުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

ގޭންގުތަކުގެ ހަތިޔާރު ގުދަން ތަރައްގީވެ، ކަނޑިޔާއި، ހަށިގަނޑުގައި ފޮރުވައިގެން ގެންގުޅެވޭފަދަ، ހަތިޔާރު ވެސް ގެންގުޅޭ ކަމަށް ވެސް ފުލުހުން މައުލޫމާތުދިން ކަމަށް ޕީއެސްއެމުން ރިޕޯޓުކުރެއެވެ.

ގޭންގުތަކުގެ ނުފޫޒު ސަރުކާރުގައި

މިއީ މިހާރު ސިއްރެއް ނޫނެވެ. ދައުލަތުގެ އެކި މުއައްސަސާތަކުގައި ގޭންގުތަކުގެ ނުފޫޒު އިންތިހާއަށް އެބައޮތެވެ. ސިޔާސީ ފަރާތްތަކާ އެކު ގޭންގުތަކުން ގުޅުން އޮންނަ ކަމަށް އިއްޔެ ވެސް ފުލުހުން ބުންޏެވެ.

ގޭންގުތައް ހުއްޓުވުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ވެސް އެފަދަ ނުފޫޒުތަކެވެ. ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވިގޮތުގައި އެފަދަ ގުޅުންތަކުގެ ދަށުން ސިޔާސީ މަގުސަދުތައް ހާސިލުކުރުމަށް ވެސް ގޭންގުތައް ބޭނުން ކުރަމުން އާދެއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ފުލުހުންގެ އިސްވެރިން މައުލޫމާތު ދެއްވަނީ --- ފޮޓޯ/ ރައީސް އޮފީސް

"ސިޔާސީ މަގުސަދުތައް ހާސިލުކުރުމަށް ނުބައި ނިޔަތުގައި މިކަހަލަ ކަންތައްތައް [މާރާމާރީތައް] ހިންގާފައި ހުންނަނީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވިގޮތުގައި ފަހުގެ ތާރީޚެއްގައި އެކުލަވާލެވުނު ކޮންމެ ސަރުކާރެއްގައި ވެސް ގޭންގުތަކުގެ އިސް ސަފުން ފެންނަ މީހުން ސިޔާސީ މަގާމުތަކުގައި ތިބެއެވެ.

"ކޮންމެ ސަރުކާރެއް އަންނަ އިރު ވެސް އޭގެ ތެރޭގައި އެބަތިބޭ ބޮޑެތި ކުށުގެ ރިކޯޑު އޮންނަ މީހުން. ވަޅި ހެރުމާ، ގޭންގު ހިންގުން ފަދަ ކަންކަން ކުރާކަން އެންމެން ދަންނަ މީހުން އެބަތިބި ކޯޑިނޭޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ދައުލަތުގެ ހުރިހާ ބާރެއްގެ ތެރެއަށް ވެސް ގޭންގުތަކުގެ ނުފޫޒު ވަދެފައިވެއެވެ.

ވިއަވަތި ކޮންފަރެންސް ހުޅުއްވައިދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްކެވި ވާހަކަފުޅުގައި ވެސް މި ކަމަށް އަލިއަޅުއްވާލާފައި ވެއެވެ.

"ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެބޮޑު އިޖުތިމާޢީ އެއް މައްސަލައަކީ، އެއް ގަހެއްގެ ދެ ގޮފި. އެއީ މަސްތުވާ ތަކެއްޗާއި، ގޭންގް ކުށްތައް. މިކަމުގެ އެންމެ ފުނުގައި ވަނީ، އިންތިޒާމުވެ ރޭވިގެން ހިންގާ ކަންކަން. އޭގެފަހަތުގައި ސިޔާސީ ނިޔަތާއި، މާލީ ނަފާގެ ސަބަބުތައް ޝާމިލުވޭ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ބޮޑު އަގުގައި ވަކީލުން ހޯދައިގެން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ވެސް ގޭންގުތަކުން މަސައްކަތް ކުރާ ކަމަށް ފުލުހުންނާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރެއެވެ.

މަތަވުމެއް، މައިތިރިވުމެއް ނެތް

ޕީއެސްއެމުން ރިޕޯޓުކުރާ ގޮޮތުގައި މި ފަހަކަށް އައިސް އަޅަމުން އައި ފިޔަވަޅުތަކާއެކު، ގޭންގުތަކުގެ ހަރަކާތްތައް ވަނީ ކޮންޓްރޯލް ކުރެވިފައިކަމަށް ފުލުހުން އިއްޔެ ބުންޏެވެ.

ނަމަވެސް، ހިނގަމުން އަންނަ ހާދިސާތަކަށް ބަލައި، ހަގީގަތް ވަޒަންކޮށްލާއިރު ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. މިދިޔަ ފިތުރު އީދަށް ވިލުނު ރޭ މާލެ ތެރޭ ހިންގަން ފެށި މާރާމާރީގެ ސިލްސިލާ ދެތިން ދުވަހަށް ދެމިގެން ދިޔައިރު، ފުލުފުލުގައި ހަމަލާތައް ދެމުން އައީ ލޮލުފިޔަ ޖަހާލާނެ ފުރުސަތެއް ވެސް ނުދީއެވެ.

ކުޑަ ހިނދުކޮޅެއްގެ ތެރޭ މުޅި މާލޭގައި ނާމާންކަން ފަތުރާލި އިރު، އެފަދަ ސިލްސިލާތަކުގެ ނިމުމަކަށް ގިނަ ފަހަރު ވަނީ މައްސަލަ ޖެހުނު ދެ ގުރޫޕުގެ ދެމެދުގައި ސުލްހަ ގާއިމުކުރުމެވެ.

"ހަގީގަތުގައި މިހާރު މި ދިމާވާ ގޮތަކީ ގޭންގުތަކުގައި ތިބި މީހުންނަށް އެބަ އެނގޭ އެ މީހުންގެ އެތައް ބަޔަކު ހަލާކުވެގެން ދާކަން. އެހެންވީމަ، ވަޅި ޖެހުމާ، މިކަންކަން ކުރުމަކީ އަދި ހައްލެއް ނޫންކަން އެމީހުންނަށް ވެސް އެނގޭ ހިސާބަށް ރާއްޖޭގެ ކަންކަން ގޮސްފައި މިވަނީ،" މެންބަރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ގޭންގުތަކުގެ ބާރު ފެނުނު އަނެއް ކަމަކީ މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި، ގޭންގުތަކަށް ނިސްބަތްވާ ގްރެފިޓީތައް ފުލުހުންނާއި ސިޓީ ކައުންސިލް ގުޅިގެން ފުހެލުމާ ގުޅިގެން ހިނގި ކަންކަމެވެ. ކުޑަ ވަގުތުކޮޅެއް ތެރޭ އަނެއްކާވެސް ފެނުނީ ކުލަލީ ފާރުތަކުގެ މަތިން ގޭންގުތަކުގެ ޝިއާރުތައް ފާޅުވީ ތަނެވެ.

މާލޭގެ ފާރުތަކުގައި ކުރަހާފައިވާ ގްރެފިޓީތައް ފުހެލިތާ މާ ގިނައިރުތަކެެއް ނުވަނީސް އަނެއްކާވެސް އެތަންތަނުގައި ގްރެފިޓީ ކޮށްފައި -- ސަން ފޮޓޯ

އެކަމުން އެނގެނީ މާލޭގެ އަމާންކަން ނަގާލުމުގެ ބާރު ގޭންގުތަކުގެ އަތްމަތީގައި އަބަދުވެސް އޮންނަކެމެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވިގޮތުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ފެށިގެން މިހާތަނަށް އައި ހުރިހާ ސަރުކާރުތަކުން ވެސް ގޭންގުތަކުގެ މައްސަލައިގައި ދައްކަނީ އެއް ވާހަކައެކެވެ. އަދި، ގޭންގުތައް ހުއްޓުމަށް މިހާތަނަށް އެޅުނު ފިޔަވަޅުތަކުގައި ވެސް ހަރުދަނާ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކަމެއް ދިމާވީމަ ސިފައިންނާއި ފުލުހުންނާ އެއްކޮށްގެން ނެރެނީ. އެއީ ބޭރުފުށުން ދައްކާލާ ދައްކާލުމެއް. އޭގެ ފަހަތުގައި އެއްވެސް ނަތީޖާއެއް ނެތް ކަމެއް އެއީ،" އުމަރު ވިދާޅުވިއެވެ.

ޓާސްކްފޯހަކީ "ދަތް ނެތް މިނިކާވަގެއް"

ގޭންގުތައް ހުއްޓުވުމަށް ރައީސް އެކުލަވާލެއްވި ޓާސްކްފޯސް އުމަރު ސިފަ ކުރައްވަނީ "ދަތް ނެތް މިނިކާވަގެއް"ގެ ގޮތުގައެވެ.

"ކިތަންމެ ވަރުގަދަ ޓާސްކްފޯހެއް ހެދިޔަސް، ގާނޫނީ ބާރާއި، ވެރިކަމުގެ ފަރާތުން ބޭނުންވާ ޖެހިލުން ކުޑަކަން ނުދެއްކޭ ކަމުގައި ވަންޏާ ކުށްވެރިން އެ މީހުންގެ ޖެހިލުން ކުޑަކަން ދައްކަމުން ދާނީ،" އުމަރު ވިދާޅުވިއެވެ.

އޭނާގެ ނަޒަރުގައި މި މަސައްކަތުގައި އެންމެ މުހިއްމު ކަމަކީ ފުލުހުން އިތުރަށް ބާރުވެރިކޮށް، ގޭންގުތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅޭނެހެން ގާނޫނުތައް ބައްޓަން ކުރުމެވެ. އަދި ނަމެއްގައި ކަންކަން ކުރުމުގެ ބަދަލުގައި އެންމެނަށް ވެސް ގަބޫލުކުރެވޭ ފަދަ ހަރުދަނާ ފިޔަވަޅުތަކެއް މިކަމުގައި އަޅަންޖެހޭ ކަމަށް އޭނާ ދެކެއެވެ.

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވެސް ވިދާޅުވިގޮތުގައި ޓާސްކްފޯހަކީ ހަމައެކަނި ސިޔާސީ ގޮތުން ދައްކާލާ މަންޒަރެކެވެ. އޭނާ އެ ޓާސްކްފޯސް އެއްފަދަ ކުރެއްވީ ގޮތް ނޭނގޭ މަރުތައް ބެލުމަށާއި، ޚިޔާނާތުގެ ތެރެއިން ދައުލަތަށް ގެއްލުނު މުދާ އަނބުރާ ހޯދުމަށް ރައީސް އެކުލަވާލެއްވި ކޮމިޝަންތަކެވެ.

ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

"ނަމެއްގައި އަދި އެކަން ބެލުމަށް ބަޔަކު އައްޔަނުކުރި ކަމުގައި ވިޔަސް އެކަމާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް ނޭޅޭ ކަމުގައި ވަންޏާ އެކަމުގެ އެއްވެސް ނަތީޖާއެއް ނުފެންނާނެ ދެއްތޯ؟" އާދަމް ޝަރީފް ވިދާޅުވިއެވެ.

ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ގަބޫލުކުރައްވާ ގޮތުގައި މިވަގުތު އެކުލަވާލެވިފައިވާ ގާނޫނުތައް ކިތަންމެހާ ވެސް ފުރިހަމައެވެ. ނަމަވެސް މައްސަލަ އޮތީ ތަންފީޒީ މަރުހަލާގައެވެ.

"ޚާއްސަކޮށް ގޭންގު ކުށްތަކާ ބެހޭ ގާނޫނެއް ހެދިގެން އެބަހުރި ވަރަށް ގިނަ ބާރުތަކެއް ފުލުހުންނަށް ދެވިފައި. އެހެންވީމަ މިހާރަކު ގާނޫނީ ވާހަކަ ދައްކަވައިގެން ފުލުހުންނަށް މިކަމުގައި ޕާސްއެއް ލިބިވަޑައިގަންނަވާނެ ކަމަކަށް ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވިއެވެ.

ކާނަލް ނާޒިމް ވެސް ފާހަގަކުރައްވާ ގޮތުގައި ރައީސްގެ ޓާސްކްފޯހުން ކުރި މާ ގިނަ މަސައްކަތްތަކެއް ފެންނާކަށް ނެތެވެ.

"މިހާތަނަށް އެ ޓާސްކްފޯހުން ކުރެވުނު މާ ބޮޑު މަސައްކަތެއް ނެތް. އެއީ އެ މަސައްކަތްތަކާ ގުޅޭ އެއްވެސް ތަފްސީލެއް ނެތް މަޖިލީހާ ވެސް ހިއްސާ ކުރެވިފައެއް،" ނާޒިމް ވިދާޅުވިއެވެ.

ގޭންގު ހަރަކާތްތައް ދާއިމަށް ހުއްޓުވުމަށް މިދިޔަ ޖެނުއަރީ މަހު ރައީސް އެކުލަވާލެއްވި ޓާސްކް ފޯހަށް މިއަދާ ހަމައަށް ހާސިލުކުރެވުނު ނަތީޖާއެއް ފެންނާކަށް ނެތެވެ. ފުލުހުން އިއްޔެ ހާމަކުރި މައުލޫމާތުތަކުން ވެސް އެ ޓާސްކު ފޯހަށް މާބޮޑު ކަމެއް މިހާތަނަށް ހާސިލުވެފައިނުވާކަން އެނގެއެވެ.

ފުލުހުން އިއްޔެ ދެއްކި ވާހަކަތަކުން ހާމަވީ މާލޭގެ ގޭންގުތަކުގެ ހަރަކާތްތައް ވަރުގަދަވެ، އެމީހުންގެ ވިޔަފާރިއާއި، ހަރަކާތްތައް ރާއްޖޭގައި ފުޅާވެފައިވާ މިންވަރެވެ. އަދި ކުރިއަށް އޮތް ތަނުގައި އޭގެ ނުރައްކާ މިހާރަށްވުރެ ބޮޑުވެދާނެ ކަމުގެ ބިރު އޮތް ކަމެވެ.

ސުވާލަކީ، ސަރުކާރުގެ އެންމެ އެތެރެއަށް ފޯރާފައިވާ ނުފޫޒާހުރެ ކޮންޓްރޯލުން ނެއްޓިފައިވާ ގޭންގުތައް މައިތިރި ކުރުމުގެ ގާބިލުކަމާއި، ފަންވަރު ރައީސް އެކަމަށްޓަކައި އެކުލަވާލެއްވި ޓާސްކްފޯހުގައި އެބަހުރިތޯއެވެ.

comment ކޮމެންޓް