ރެއާލް އަތުން 2018 ވަނަ އަހަރު ލިބުނީ ތަޖުރިބާއެއް، މިއަހަރު ނިކުންނާނީ މޮޅުވާން: ކްލޮޕް

ޖާގެން ކްލޮޕް---

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި 2018 ވަނަ އަހަރު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވި ނަމަވެސް އެ މެޗުން ލިބުނީ ތަޖުރިބާއެއްކަމަށާއި، މާދަމާ ރޭ ނިކުންނާނީ އެ ތަޖުރިބާގެ އަލީގައި ރެއާލްއާ ދޮކޮޅަށް ފައިނަލުގައި ކުޅެ މޮޅުވާންކަމަށް ލިވަޕޫލުގެ ކޯޗު ޖާގެން ކްލޮޕް ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގައި މާދާމާ ރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ލިވަޕޫލުން ކުޅޭ ފައިނަލް މެޗުގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް ކްލޮޕް ބުނީ ލިވަޕޫލަށް 2018 ވަނަ އަހަރު ލިބުނީ ތަޖުރިބާއެއް ކަމަށެވެ. އެއާ ޖެހިގެން އައި އަހަރު ގޯސްތައް ރަނގަޅުކޮށް ޗެމްޕިއަންސް ލީގު ނަގައިފައިވާނެކަމަށް ވެސް ކްލޮޕް ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ ލިވަޕޫލުން މިއަހަރުގެ ފައިނަލަށް ނިކުންނައިރު އެންމެ ފަހުން އެ ދެ ޓީމު ބައްދަލުކުރިއިރު ކުޅުނު ގިނަ ކުޅުންތެރިން އަދިވެސް ޓީމުގައި އެބަ ތިބިކަމަށެވެ.

"ރެއާލް 2018 ގައި ކުޅުނު ގިނަ ކުޅުންތެރިން އަދިވެސް ޓީމުގައި އެބަތިބި. ހާއްސަކޮށް މެދުތެރެއަށް ކުޅޭ ކުޅުންތެރިން،" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ މި އަހަރު ފައިނަލަށް ނިކުންނައިރު ރެއާލްގެ ޓީމުން ރޮނާލްޑޯ ނުފެނު ނަަމަވެސް ކަރީމް ބެންޒީމާގެ އިތުރުން ވިނިޝިއަސް ޖޭއާރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވާކަމަށެވެ. އެހެން ކަމުން މާދާމާ ރޭގެ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެކަމަށް އެނާ ވަނީ ބުނެފައެވެ.

ބަދަލު ހިފުމުގެ ރޫޙުގައި ކުޅެގެން މިކަހަލަ ބޮޑު މުބާރާތެއްގެ ފައިނަލް މެޗުން މޮޅު ނުވެވޭނެކަމަށާއި ލިވަޕޫލުން މާދަމާ ރޭގެ މެޗަށް ނިކުންނާނީ އެ ޓީމުގެ އަމިއްލަ ގޮތުގައި ތަފާތުކޮށް ކުޅެގެން މޮޅުވާން ކަމަށް ވެސް އޭނާ ބުންޏެވެ.

ކްލޮޕް ބުނީ އޭނާ އެއް އިރަކުވެސް އަނެއް މީހާއަށް ދެރަގޮތެއް ހެދުމަށްފަހު މޮޅުވާން ބޭނުން ނުވާކަމަށެވެ. ވޭތުވެ ދިޔަ ތަނުގައި އެހެން އެއްވެސް ކަމެއް ވެފައި ނުވާނެ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް އެހެން އެކަން ވިޔަ ނުދޭނެކަމަށް އޭނާ ބުންޏެވެ.

މާދަމާ ރޭ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯސް އެޗޮލޮޓީ ބުނީ ރެއާލް މެޑްރިޑުން ވެސް ނިކުންނާނީ 1981 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ލިވަޕޫލް އަތުން ވީ ބަލީގެ ބަދަލު ހިފަންކަމަށެވެ.

ލިވަޕޫލާ ގުޅޭގޮތުން އޭނާ ބުނީ އެ ޓީމު މިހާރު ކުޅެނީ ވަރަށް މަތީ ފެންވަރުގެ ފުޓުބޯޅައެއްކަމަށެވެ. އެ ޓީމުގެ ފިޒިކަލް ލެވެލް ވެސް ހުރީ އެންމެ މަތީ ފެންވަރުގައި ކަމަށާއި މި އަހަރު އެ ޓީމާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅެލަން ލިބުމަކީ އުފަލެއްކަމަށް އެންޗޮލޮޓީ ބުންޏެވެ.

ލިވަޕޫލް އަދި ރެއާލް މެޑްރިޑް ބައްދަލުކުރާ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ކުޅޭނީ މާދަމާ ރޭ ރާއްޖެ ގަޑިން 12:00 ގައެވެ. އެ މެޗު ކާމިޔާބު ކޮށްގެން ރެއާލް މެޑިރިޑަށް 14 ވަނަ ފަހަރަށް އެ މުބާރާތް ކާމިޔާބު ކުރެވޭއިރު ލިވަޕޫލް މޮޅުވެގެން ހަތް ވަނަ ފަހަރަށް އެ ޓީމަށް އެ މުބާރާތް ކާމިޔާބު ކުރެވޭނެއެވެ.

comment ކޮމެންޓް