ސްޓެލްކޯއިން އާ ކޭބަލެއް އަޅައިފި، މާލޭގެ ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލެއް

ސްޓެލްކޯއިން ވަނީ އާ ކޭބަލާއެކު ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ބުނެފަ --

މާލޭގައި ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސްޓެލްކޯއިން އާ ކަރަންޓު ކޭބަލެއް އަޅައި، އެ ކޭބަލަށް ކަރަންޓު ދޭން ތައްޔާރުވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު މާލެއިން ތަކުރާރުކޮށް ކަރަންޓު ކެނޑުމާ ގުޅިގެން, އެ ދުވަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ވިދާޅުވީ ކަރަންޓު ފޯރުކޮށްދޭ މައި ކޭބަލްތަކުގެ ތެރެއިން ކޭބަލެއް ހަލާކުވެފައިވާ ކަމަށެވެ. އަދި އެ ކޭބަލް މަރާމާތު ކުރުމަކީ ނުރައްކާތެރި ކަމަކަށް ވާތީ އާ ކޭބަލެއް އަޅާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަޙުމަދު މުޙައްމަދު މިއަދު "ސަން"އަށް ވިދާޅުވީ، ގެއްލުން ލިބުނު ކޭބަލްގެ ކަރަންޓު ކަނޑާލުމަށް ފަހު މިހާރު އާ ކޭބަލެއް އަޅާފައިވާ ކަމަށެވެ. އަދި މިއަދު ހަވީރުގެ ވަގުތެއްގައި އެ ކޭބަލް ސަބްސްޓޭޝަނާ ގުޅާލުމަށް ފަހު، ކަރަންޓު ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކޭބަލް އަޅާފައި ވަނީ އަމީނީ މަގުން ގޮސް ގާކޮށްޓާ ދިމާލަށް ކަމަށާއި ކޭބަލް ގުޅާލާނީ އެ ސަރަހައްދުގައި ހުންނަ ސަބްސްޓޭޝަނަކާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މީގެ ކުރިން އޮތް ކޭބަލަށް ގެއްލުންވީމަ އެ ސަބްސްޓޭޝަނަށް ކަރަންޓު ދިނީ އެހެން ދިމަދިމާލުން ކަރަންޓު ގެންގޮސްގެން، އެހެން ސަބްސްޓޭޝަންތަކުން. އެެހެންވެގެން އެ ސަރައްދުން ކަރަންޓު ކެނޑެނީ. މިއަދު އެ މައްސަލަ އެއްކޮށް ހައްލު ކުރެވޭނެ އާ ކަބާލާ އެއްކޮށް،" އަޙުމަދު މުޙައްމަދު ވިދާޅުވިއެވެ.

އެ އާ ކޭބަލަށް ކަރަންޓު ދޭ ވަގުތު، ގާކޮށި ސަރަހައްދުން ހަވީރު 4:00އިން ފެށިގެން 15 މިނިޓާއި 20 މިނިޓާ ދެމެދުގެ ވަގުތުކޮޅަކަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މިދިޔަ އަންގާރަ ދުވަހު މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނީ ފަތިހު ހަތަރެއްހާއިރެވެ. އަދި 7:30 ހާއިރު މުޅި މާލެއިން ކަރަންޓު ކެނޑުނެވެ. އޭގެ ފަހުން ހުރިހާ ހިސާބަކަށް ކަރަންޓު ފޯރުކޮށްދެވުނީ 9:15 ހާއިރެވެ.

ކަރަންޓުގެ ޚިދުމަތް ކެނޑުމުގެ ސަބަބުން އެ ދުވަހު ތިން ސްކޫލެއްގެ ހެނދުނު ދަންފަޅީގެ ކިޔެވުން ކުރިއަށްގެންގޮސްފައިނުވެއެވެ. އެއީ އިމާދުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލްގެ އިތުރުން އިއްޒުއްދީން ސްކޫލްގައެވެ.

comment ކޮމެންޓް