އައު ބޯޓާއެކު، އެމްއެސްއެސްގެ ދަތުރުތައް މެލޭޝިޔާ އާއި ސިންގަޕޫރަށް

އެމްއެސްއެސް އިން ރާއްޖެ ގެނައި ފުރަތަމަ ކޮންޓެއިނަރު ބޯޓު "އެމްއެސްއެސް ގަލޭނާ" ----

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)އިން އަލަށް ގަތް ކޮންޓޭނަރު ބޯޓު، "އެމްއެސްއެސް ގްރެފީން"އާ އެކު، މެލޭޝިޔާ އަށާއި ސިންގަޕޫރަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްއެސްއެސްއިން ބުނީ އެ ބޯޓު ޖުލައި މަހު ރާއްޖެއަށް ގެނައުމާއެކު، މެލޭޝިޔާގެ ކެލާންގް ބަނދަރާއި، ސިންގަޕޫރު ބަނދަރަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެކުންފުނީގެ ފްލީޓުގައި މިވަގުތު އޮތް "އެމްއެސްއެސް ގަލޭނާ" އަންނަނީ ރާއްޖެއާ ކޮލަމްބޯއާ ދެމެދު ދަތުރުތައް ކުރަމުންނެވެ. މީގެ އިތުރުން، އެ ކުންފުނިން ގަތް ބަލްކް ކެރިއަރު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ފޯރާނެ ކަމަށް ބެލެވެއެވެ.

ގަލޭނާ އެކޭ އެއްފަދައިން، ގްރެފީންއަކީ ވެސް 680 ކޮންޓޭނަރުގެ ބޯޓެކެވެ. މި މަހުގެ 17 ވަނަ ދުވަހު އެ ބޯޓު ގަތްކަން އިއުލާނު ކުރުމާއެކު، އެމްއެސްއެސްއިން ވަނީ އެ ބޯޓުގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެ ވަޒީފާތަކުގެ ތެރޭގައި އިންޖިނޭރުން، އިލެކްޓްރީޝަނުން އަދި މާސްޓަރުންގެ މަގާމު ހިމެނެއެވެ. މި ވަޒީފާތަކަށް ލިބޭ މުސާރަތައް ހުރީ 38،000ރުފިޔާއާއި 115،000ރުފިޔާއާ ދެމެދުގައެވެ.

މީގެ އިތުރުން ސީމަނުންނާއި، ކައްކާއިންނާއި، މެސްބޯއީން އަދި ވެލްޑަރުންނާއި އޮއިލަރުން ވެސް ވަނީ ހޯދުމަށް އިއުލާނުކޮށްފައެވެ. އެ މަގާމުތަކުގެ މުސާރަ ހުރީ 15،000ރުފިޔާއާއި 19،000ރުފިޔާއާ ދެމެދުގައެވެ.

ދެހާސް ވިހިވަނަ އަހަރުގެ ފެބްރުއަރީ މަހު އުފެދުނު އެމްއެސްއެސްއިން ވަނީ ކުރުމުއްދަތެއްގެ ތެރޭގައި ޝިޕިން ވިޔަފާރީގެ ތެރެއަށް ވަދެ، ރަނގަޅު އާމްދަނީއެއް ހޯދާފައެވެ. އެ ކުންފުނީގެ އަހަރީ ރިޕޯޓުގައި ވާގޮތުން މިދިޔަ އަހަރު އެކުންފުނިން ވަނީ 141 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ. އޭގެ ކުރީ އަހަރާ އަޅާބަލާއިރު އެއީ 331 އިންސައްތައިގެ ކުރިއެރުމެކެވެ.

comment ކޮމެންޓް