ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާ ދިނުމުގެ ކަންކަން ނިންމައި ރާއްޖޭގެ ފުޓުބޯޅަ ލީގަށް އެނބުރި އައުމަށް ކާމިޔާބު އެއްޓީމު ވިކްޓްރީ ސްޕޯޓްސް ކުލަބު ތައްޔާރުވެއްޖެއެވެ.
ވިކްޓްރީ ސްޕޯޓްސް ކުލަބުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ކުލަބަށް ކުޅެފައިވާ ކުޅުންތެރީންނަށް ދޭންޖެހޭ މުސާރަ ދިނުމަށްޓަކައި މުސާރައަށް ވާ ފައިސާ ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ހަވާލު ކޮށްފައިވާކަމަށެވެ.
މީގެ އިތުރުން، އެ ބަޔާނުގައި ބުނެފައިވަނީ އެ ފައިސާ ދެއްކުމަށް ފަހު އަންނަ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ ވާ ދެ ވަނަ ޑިވިޝަންގެ މުބާރާތުގައި ބައިވެރިވުމަށް ވާދަވެރި ޓީމެއް އެކުލަވާލުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާކަމަށެވެ.
އެ މަސައްކަތުގެ ތެރެއިން މިހާތަނަށް އައިއިރު ރާއްޖެއިން ބޭރުން ގެނައުމަށް ހަމަޖެހިފައިވާ ހަތަރު ކުޅުންތެރިންނާ އެކު ޖުމްލަ 26 ކުޅުންތެރީން އެ ޓީމާ ގުޅޭނެކަމަށް ވިކްޓްރީ ސްޕޯޓްސް ކުލަބުން ނެރުނު ބަޔާނުގައިވެއެވެ.
"ރާއްޖެއިން ބޭރުން ގެނައުމަށް ހަމަޖެހިފައިވަނީ، ގޯލް ކީޕަރަކާއި، ޑިފެންޑަރަކާއި މިޑްފީލްޑަރަކާއި އަދި ސްޓްރައިކަރެއް. ޖޯޑުންއިން ގެންނަ ސްޓްރައިކަރު ފިޔަވާ ބިދޭސީން އެހެން ކުޅުންތެރީންނަކީ، މިސުރުގެ
ކުޅުންތެރީންން" ވިކްޓްރީ ސްޕޯޓްސް ކުލަބުން ނެރުނު ބަޔާނުގައި ވެއެވެ.
ކުރިއަށް އޮތް މުބާރާތުގައި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކޯޗު
ކޮށްދިނުމަށްޓަކައި ޓީމާ ހަވާލުވުމަށް ހަމަޖެހިފައވަނީ ބަންގްލަދޭޝް އާއި ސްރީލަންކާ ގައި މޮޅު ކުޅުމެއް ދައްކާފައިވާ އަދި ކާމިޔާބު ކޯޗިން
ކެރިއަރެއް އޮތް ލަންކާގެ ކޯޗެއްކަމުގައިވާ ޕަކީރު ޢަލީކަމަށް ވެސް އެ ޓީމުން ބުންޏެވެ.
ޕަކީރު ޢަލީގެ އިތުރުން ކީޕަރު ޓްރެއިނަރެއްގެ ގޮތުގައި ސްރީލަންކާގެ ޤައުމީ ޓީމުގެ ކީޕަރު ޓްރެއިނާ ވެސް ގެނައުމަށް ހަމަޖެހިފައިވާކަމަށް އެ ޓީމުން ބުނެއެވެ. އަދި ވިކްޓްރީ ސްޕޯޓްސް ކުލަބުން ބުނީ ކޯޯޗިންގެ ހަރަކާތްތަކުގައި ޕަކީރު ޢަލީއަށް އެހީތެރިވެދިނުމުގައި ވިކްޓްރީ ސްޕޯޓްސް ކަލަބަށް ކާމިޔާބީތަކެއް ހޯދައިދީފައިވާ އިސްމާޢީލް އަނިލް ވެސް މަސައްކަތް ކޮށްދޭނެ ކަމަށެވެ.
ވިކްޓަރީގެ ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދޭ މައްސަލައިގައި ކުލަބު ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭގޮތަށް އެ ޓީމު ވަނީ ސަސްޕެންޑު ކޮށްފައެވެ. އެކި ފަހަރުތަކުގެ މަތިން ފުރުސަތު ދިން ނަމަވެސް، ވިކްޓްރީގެ ކަންކަން ރަނގަޅު ނުކުރުމުން އެ ކުލަބް ސަސްޕެންޑް ކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.