މަސްތުގެ ހާލުގައި ހުރި މީހަކު ކުމުންދޫ ކައުންސިލް ދޮރަށް ގެއްލުންދީފި

ހދ. ކުމުންދޫ-- ފޮޓޯ/ ކުޅުދުއްފުށީ އޮންލައިން

މަސްތުގެ ހާލަތުގައި ހުރި ކަމަށް ޝައްކު ކުރެވޭ މީހަކު، ހދ. ކުމުންދޫ ކައުންސިލްގެ ދޮރަށް ގެއްލުންދީފިއެވެ.

އިއްޔެ ހަވީރު ހިނގި މި ހާދިސާއާ ގުޅިގެން ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު "ސަން" އަށް ވިދާޅުވީ، ކައުންސިލަށް ގެއްލުން ދީފައި ވަނީ ގަސްތުގައި ކަމަށް ނުބެލެވޭ ކަމަށާއި، އެއީ މަސްތުގެ ހާލުގައި ހުރި މީހަކު، ހަމަބުއްދި ނެތި ދީފައިވާ ގެއްލުމެއް ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެމީހާ ކައުންސިލަށް ގެއްލުން ދޭންޖެހޭނެ އިތުރު ސަބަބެއް ނޯންނާނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

"އެފަރާތުން އައިސް ފައިގަ ދޮރުން ޖަހާ، ތަޅު ވަނީ ހަލާކު ކޮށްލާފަ. ދެން ބޮޑަށް ލަފާކުރެވެނީ މަސްތުގެ ހާލަތުގައި ހުރި ފަރާތެއް ކަމަށް. އެވަގުތު ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކޮށް، ކައުންސިލުން ވަނީ އެމީހާ ފުލުހުންނާ ހަވާލު ކޮށްފައި،" އަމީން ވިދާޅުވިއެވެ.

https://m.facebook.com/story.php?story_fbid=320898153558257&id=100069142242643

ގެއްލުން ދިނުމަށްފަހު، ފުލުހުން އަންނަންދެން ވެސް އެމީހާ ހަރަކާތްތެރިވީ ކައުންސިލް އިދާރާ ކައިރީގައި ކަމަށް އަމީން ވިދާޅުވިއެވެ.

"އެވަގުތު އަޅުގަނޑު އެތާކު ނެތިން. އެހެން ނަމަވެސް އެތާތިބި ކައުންސިލަރުން ކައިރީ ބުނި ކަމަށް ވަނީ، ކައުންސިލަރުންނާ ބައްދަލުކުރާށޭ މި އައީ،" އަމީން ވިދާޅުވިއެވެ.

ހަވީރު ހަތަރަކާއި ހަޔަކާ ދެމެދު އެ ހާދިސާ ހިނގިއިރު ކައުންސިލްގައި ހުރީ އިދާރީ މުވައްޒަފެކެވެ.

އަމީން ވިދާޅުވީ، ކައުންސިލަށް އިތުރު ގެއްލުންތަކެއް ނުލިބި ސަލާމަތް ކުރެވުނީ، އެވަގުތު މުވައްޒަފަކު ކައުންސިލް އިދާރާގައި ހުރުމުން ކަމަށެވެ.

"އެހެން ނޫންނަމަ އިތުރު ގެއްލުންތަކެއް ލިބޭނެ ކަމަށް ލަފާކުރެވޭ،" އަމީން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، އެރަށުން 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށާއި، އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

ކުމުންދޫ ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވި ގޮތުގައި، މިފަދަ މައްސަލަތަކާހެދި، އެރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމް ކުރުން މުހިންމެވެ.

މި އަހަރު ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމު ކުރެވޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އެންގި ކަމަށާއި، ނަމަވެސް އެކަމާ ގުޅޭ އެއްވެސް މަސައްކަތެއް މިހާތަނަށް ކުރިއަށް ނުދާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް