މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން އިސްކަންދޭ: ނައިބު ރައީސް

ބަންގްލަދޭޝް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ސަފީރު، ނައިބު ރައީސްގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

މަސައްކަތުގެ މާހައުލުގައި މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ރިއާ އެޑްމިރަލް އެސް އެމް އަބްދުލް ކަލާމް އާޒާދާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖޭގެ ތަރައްޤީގައި، އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

ބަންގްލަދޭޝްގެ ސަފީރު، ނައިބު ރައީސްގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިން ޤަވާއިދުގެ ތެރެއަށް ވެއްދުމަށް ކުރިޔަށްގެންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމާ ބެހޭގޮތުން ނައިބު ރައީސް ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫއުތައް އިތުރުވަމުން އަންނައިރު މުސްތަޤްބަލުގައި އިތުރު މަސައްކަތްތެރިންނަށް ބޭނުންވާނެކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް އާއި ބަންގްލަދޭޝްގެ ސަފީރު ވަނީ ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި، ވިޔަފާރިއާއި، ސިއްޙީ ދާއިރާއާއި، ފަތުރުވެރިކަމާއި، އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ ދާއިރާއިން ހުރި ފުރުސަތުތައް ފަދަ ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ސަފީރު ވަނީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމާއި ތަފާތުކުރުމެއްނެތި ވެކްސިން ފޯރުކޮށްދިނުމަށް ކޮށްފައި މަސައްކަތް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ އެމަނިކުފާނު އެންމެފަހުން ބަންގްލަދޭޝް އަށް ކުރެއްވި ދަތުރުފުޅުގެ ހަނދާންތައް އައު ކުރައްވަމުން އެ ދަތުފުޅުގައި އެމަނިކުފާނާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް އަދާކުރެއްވި ފުރިހަމަ މެހުމާންދާރީއަށް ޓަކައި ބަންގްލަދޭޝް ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ނައިބު ރައީސް އާއި ސަފީރު ވަނީ ދެ ޤައުމުގެ ސަރުކާރުގެ އިސް ފަރާތްތަކުން ދެ ޤައުމަށް ކުރައްވާފައިވާ ދަތުރުފުޅުތަކާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް މަގުފަހިވެގެންގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.

ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ ސެޕްޓެންބަރު 22، 1978 ގައެވެ.

comment ކޮމެންޓް