ޔާމީންގެ ޝަރީއަތް: މާނަކުރުމުގެ ބޮޑު އޮޅުމެއް، ހުށަހެޅުންތައް ބަލައި ނުގަތުމަށް ނިންމައިފި

ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ ރައީސް ޔާމީންގެ ޝަރީއަތުގެ މަޖިލީހެއްގެ ތެރެއިން: ކްރިމިނަލް ކޯޓުގައި މިއަދު ވަނީ އެމަނިކުފާނުގެ ޝަރީއަތެއް ބާއްވާފައި -----

މާނަކުރުމުގައި އެރި އޮޅުމެއްގެ ސަބަބުން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ބަލައި ނުގަތުމަށް ނިންމައިފިއެވެ.

ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅަން ހުރި ހުށަހެޅުންތައް ހުށަހެޅުމަށް ދައުލަތަށާއި ދިފާއަށް 15 ދުވަސް ދީފައެވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހު އޮތް އެ ޝަރީއަތުގެ މަޖިލީހުގައި ދިފާއުން ވަނީ 15 ދުވަހުގެ މުއްދަތު ހަމަވާނީ ކޮން ދުވަހަކަށްތޯ ސުވާލު ކުރައްވާފައެެވެ.

ޖަވާބުގައި އިސް ގާޒީ އަޙްމަދު ޝަކީލް ވިދާޅުވީ, މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގައި ދުވަސްތައް ގުނާނެ ގޮތް ވަރަށް ސާފުކޮށް އޮންނާނެ ކަމަށެވެ.

މަހަކަށްވުރެ ގިނަ ދުވަސް ފަހުން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިސް ގާޒީ ވަނީ ދައުލަތުންނާއި ދިފާއުން, ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ހުރި ހުށަހެޅުންތައް ކޯޓަށް ފޮނުވި ތާރީޚު އޮޅުންފިލުވާފައެވެ.

އެގޮތުން ދައުލަތުން ހުށަހެޅި ދެ ހުށަހެޅުން ކޯޓަށް ފޮނުވީ މިމަހުގެ ނުވައެއްގައެވެ. ރައީސް ޔާމީންގެ ހުށަހެޅުންތައް ފޮނުވާފައިވަނީ މިމަހުގެ އަށެއްގައެވެ. ޔޫސުފް ނައީމްގެ ހުށަހެޅުންތައް ކޯޓަށް ލިބިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

ފަނަރަ ދުވަސް ގުނާފައިވާ ގޮތާ މެދު ބަހުސް ކުރަމުން ދައުލަތުން އެންމެ ފުރަތަމަ ބުނީ, އެ މުއްދަތު ހަމަވަނީ މިމަހުގެ 10އަކަށް ކަމަށާއި އެއީ ހުށަހަޅަން ދިން ދުވަހާއި މުއްދަތު ހަމަވާ ދުވަހުގެ އިތުރުން ބަންދު ދުވަސްތައް އުނިކުރުމަށްފަހުގައި ކަމަށެވެ.

ދިފާއުން ރައީސް ޔާމީންގެ ފަރާތުން ވެސް ދައުލަތުގެ އެ ބުނުމަށް ވަނީ ތާއީދުކޮށްފައެވެ.

ނަމަވެސް ފަހުން ދައުލަތުން ވަނީ ހުށަހެޅުންތައް ހުށަހަޅާފައިވަނީ މުއްދަތު ހަމަވި ފަހުން ކަމަށް އެއްބަސްވެފައެވެ.

މާނަކުރުމުގެ ގާނޫނާ ހަވަލާދީ މައްސަލަ ބައްލަވާ ގާޒީ އަޙްމަދު ޝަކީލް ވިދާޅުވީ, އެ މުއްދަތު ހަމަވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހަށް ކަމަށެވެ. އަދި ތިން ފަރާތުން ވެސް ހުށަހެޅުންތައް ކޯޓަށް ފޮނުވާފައިވަނީ މުއްދަތު ހަމަވި ފަހުން ކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންކަމުން ގާޒީ ނިންމެވީ ތިން ފަރާތުގެ ހުށަހެޅުންތައް ވެސް ބަލައި ނުގަތުމަށެވެ.

މާނަކުރުގެ ގާނޫނުގެ 35 ވަނަ މާއްދާގެ ނ. ގައި ބުނެފައިވަނީ ހަތް ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ގުނާނަމަ އެ ދެމެދަށް އަންނަ ބަންދު ދުވަސްތައް, މުއްދަތު ގުނުމުގައި ނުހިމެނޭނެ ކަމަށެވެ.

ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް މުއްދަތުގެ ތެރޭގައި ހުށަހަޅާފައި ނެތް ކަމަށް ބަލައި ދެން އޮންނާނީ, ޝަރީއަތް ފެށުން ކަމަށް ގާޒީ އިއުލާނު ކުރެއްވިއެވެ. އަދި އަންނަ މަހުގެ ދެ ވަނަ ދުވަހު އޮންނަ ޝަރީއަތުގެ މަޖިލީހުގައި އޮންނާނީ އިބްތިދާއީ ބަޔާންތައް ހުށަހެޅުން ކަމަށް ގާޒީ ވިދާޅުވިއެވެ.

comment ކޮމެންޓް