މާލޭގައި ކަދުރު ރުއް އިންދަން ފަށައިފި، 200 ރުއް އިންދާނެ

އެއްލައްކަ ގަސް ޕްރޮގްރާމްގެ ދަށުން މާލޭގެ ބޮޑުތަކުރުފާނުމަގުގައި 200 ކަދުރު ރުއް އިންދުމުގެ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މާލޭގައި އެއްލައްކަ ގަސް އިންދުމުގެ މަޝްރޫއުގެ ތެރެއިން މިއަދު ކަދުރު ރުއް އިންދަން ފަށައިފިއެވެ.

މިއަދު ހަވީރު އިންޑަސްޓްރިއަލް ވިލެޖުގައި ބޭއްވި ރުއް އިންދުމުގެ ހަރަކާތުގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން މާލޭގައި 200 ރުއް އިންދާނެކަމަށެވެ.

"އަޅުގަނޑުމެން ޕްލޭންކޮށްފަ މި އޮތީ ބޮޑުތަކުރުފާނު މަގުގަ އެކީ އެކަށްޗަކަށް ކަދުރު ރުއް އިންދާ ގޮތަށް،" މޭޔަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރުއްތައް ބަލަހައްޓާނީ އެކަމުގެ މާހިރުންގެ ލަފަޔާ އެއްގޮތަށްކަމަށެވެ.

"އެބޭފުޅުން ވިދާޅުވަނީ 45 ދުވަސް ފަހުންނޭ ރުކުގަ އައްސާފަ އެހުރި ވާތައް މުހާލެވޭނީ. އަދި ރަނގަޅަށް ހެދެންފަށާނީ،" އޭނާ ވިދާޅުވިއެވެ.

އެއްލައްކަ ގަސް ޕްރޮގްރާމްގެ ދަށުން މާލޭގެ ބޮޑުތަކުރުފާނުމަގުގައި 200 ކަދުރު ރުއް އިންދުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތައްފަހު މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މޭޔަރު ވިދާޅުވީ އުންމީދުކުރަނީ ކުރިއަށް އޮތް ދެމަސްތެރޭ މާލޭގައި ކަދުރު ރުއް އިންދައި ނިންމޭނެކަމަށެވެ.

މާލޭގައި އެއްލައްކަ ގަސް އިންދުމުގެ މަޝްރޫގެ ތެރެއިން މިދިޔަ ހަފުތާގައި ވަނީ ކަނބާއައިސާރަނިހިނގުމުގައި އަނބުގަސް އިންދާފައެވެ.

މޭޔަރު ވިދާޅުވީ މާލޭގައި އިންދަން ނިންމާފައިވަނީ އެކި ވައްތަރުގެ މާއަޅާ ގަސްތަކުގެ އިތުރުން އަނބު، ސައްކެޔޮ، ޖަނބުރޯލު ފަދަ މޭވާ އަޅާ ގަސްތައްކަމަށެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ މާލެއަކީ ފެހިކަން ގަދަ، މޭވާ އަޅާ، ފައިދާ ހުރި ގަސްތައް ގިނަ ޗާލު ސިޓީއަކަށް ހެދުމެވެ.

comment ކޮމެންޓް