ކަރަންޓު ކެނޑުމުގެ މައްސަލައަށް ދެ ދުވަހެއް ތެރޭ ދާއިމީ ހައްލެއް ލިބޭނެ: ސްޓެލްކޯ

ކަރަންޓު ދިޔުމާއި ގުޅިގެން ބޭއްވި ޕްރެސްގެ ތެރެއިން -- ފޮޓޯ/ މުހައްމަދު ހައްޔާން

މާލެއިން ކަރަންޓު ކެނޑުމުގެ މައްސަލައަށް ދެ ދުވަހެއްގެ ތެރޭގައި ދާއިމީ ހައްލެއް ލިބޭނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

މާލެއިން މިއަދު ކަރަންޓު ކެނޑުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ މިވަގުތު މުޅި މާލެއަށް ކަރަންޓު ދީފައިވީ ނަމަވެސް މިއީ ވަގުތީ ހައްލެއް ކަމަށާއި ލޯޑު ބޮޑުވާ ގަޑީގައި ކަރަންޓު ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"މިވަގުތު އަޅުގަނޑުމެން މުޅި މާލެއަށް ކަރަންޓު ދީފައިވިޔަސް މިއީ ވަގުތީ ހައްލެއް. ދެ ދުވަހެއްގެ ތެރޭ ދާއިމީ ހައްލެއް ލިބޭނެ. ލޯޑު ބޮޑުވާ ގަޑި އަދިވެސް ކަރަންޓު ދިޔުމަކީ އެކަށީގެންވާ ކަމެއް،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކަރަންޓު ކެނޑެން ދިމާވީ ކަރަންޓު ފޯރުކޮށްދޭ މައި ކޭބަލްތަކުގެ ތެރެއިން ކޭބަލެއް ހަލާކުވެގެން ކަމަށެވެ. އަދި އެ ކޭބަލް މަރާމާތު ކުރުމަކީ ނުރައްކާ ކަމަކަށް ވާނެތީ އާ ކޭބަލެއް އަޅަން ދެ ދުވަސްވަރު ނަގާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މާލެއިން ކަރަންޓު ކެނޑުނީ ކަރަންޓު ދިނުމަށް ބޭނުންކުރާ ފީޑަރުތައް ނުވަތަ ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ ޓްރާންސްމިޝަން ލައިންތަކަށް މައްސަލައެއް ޖެހިގެން ކަމަށް ސްޓެލްކޯއިން ވަނީ މީގެ ކުރިން ބުނެފައެވެ.

މުޅި މާލެއިން ކަހަލަ ގޮތަކަށް ކަރަންޓުގެ ހިދުމަތް ކެނޑިފައިވަނީ ރޭ ފަތިހު ހަތަރެއްހާއިރެވެ. އަދި 7:30 ހާއިރު މުޅި މާލެއިން ވަނީ ކަރަންޓު ކެނޑިފައެވެ. ހުރިހާ ހިސާބަކަށް ކަރަންޓު ފޯރުކޮށްދެވުނީ, 9:15 ހާއިރެވެ.

ކަރަންޓުގެ ހިދުމަތް ކެނޑުމުގެ ސަބަބުން ތިން ސްކޫލެއްގެ ހެނދުނު ދަންފަޅީގެ ކިޔެވުންވެސް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެއީ އިމާދުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލްގެ އިތުރުން އިއްޒުއްދީން ސްކޫލްގައެވެ.

comment ކޮމެންޓް