އަލިފާނާ ކުޅެން ނޫޅުމަށް ގޮވާލައި، އެމެރިކާގެ އިންޒާރަށް ޗައިނާ ވަރުގަދަ ރައްދެއް ދީފި

ތައިވާން ޗައިނާގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔުމަށް ޗައިނާއިން ބާރުގެ ބޭނުންކޮށްފިނަމަ ތައިވާންގެ ދިފާއުގައި އެމެރިކާ ޗައިނާއާ ދެކޮޅަށް ތެދުވާނެކަމަށް ރައީސް ޖޯ ބައިޑެން ވިދާޅުވުމުން ޗައިނާއިން ރުޅިވެރިކަމާއެކު އިއްޔެވަނީ ބައިޑެންއަށް ރައްދު ދީފައެވެ.

ބައިޑެންއަށް ރައްދު ދެއްވަމުން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވާންގް ވެން ބިން ވިދާޅުވީ އެމެރިކާ ކުޅެން އެއުޅެނީ އަލިފާނާ ކަމަށާއި އެއަލިފާނުން އެންމެ ފުރަތަމަ އަނދައިގެންދާނީ އެމެރިކާ ކަމުގައެވެ.

އިތުރު ތަފުސީލު ދެއްވަމުން ވެން ބިން ވިދާޅުވީ ތައިވާންއަކީ 1949 ވަނަ އަހަރު ޗައިނާއާ ވަކިވެގަނެ ބަޣާވާތުގެ ވަކިވެރިކަމެއް އުފައްދައިގެން އުޅޭ ޗައިނާގެ ސަރަހައްދެއްކަމަށާއި އެސަރަހައްދު ޗައިނާގެ ކޮންޓްރޯލްގެ ދަށަށްގެނައުމަކީ ޗައިނާގެ ދާޚިލީ ކަމެއްކަމުގައެވެ. ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު އެމެރިކާއަށް ނުދޭނެކަމަށާ ޗައިނާގެ ދާޚިލީ ކަންކަމާ ބެހެމަކީ އަލިފާނާ ކުޅުންކަން އެމެރިކާ ހަނދާންކުރަން ޖެހޭނެކަމަށްވެސް ވެން ބިން ވިދާޅުވިއެވެ.

ތައިވާން ގެ ވެރިރަށް ތައިބޭ ގެ މަންޒަރެއް

ތައިވާންގެ ދިފާއުގައި އެމެރިކާ ޗައިނާއާ ދެކޮޅަށް ތެދުވާނެކަމަށް ރައީސް ޖޯ ބައިޑެން ވިދާޅުވެފައިވަނީ އޭނާ މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. އެމެރިކާއަކީ އެއް ޗައިނާ ސިޔާސަތަށް ތާއީދުކުރާ ގައުމަކަށް ވިޔަސް ބާރުގެ ބޭނުންކޮށްގެން ތައިވާން ޗައިނާގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔުމާ ދެކޮޅުކަން މީގެކުރިންވެސް އެމެރިކާވަނީ ހާމަކޮށްފައެވެ.

ނަމަވެސް މިފަދަ ހާލަތެއްގައި ޗައިނާއާ ދެކޮޅަށް އެމެރިކާ އަސްކަރީ ގޮތުން ތެދުވާނެކަމަށް މީގެކުރިން އެމެރިކާ ގެ ރައީސަކު ވިދާޅުވެފައެއް ނުވެއެވެ. އެހެންކަމުން ބައިޑެންގެ ވާހަތަކަކީ ތައިވާންގެ މައްސަލާގައި މިހާތަނަށް އެމެރިކާގެ ރައީސަކު މިމައްސަލާގައި ދެއްވި އެންމެ ހަރުކަށި ބަޔާނެވެ. މިއީ މިހާތަނަށް ތައިވާން މައްސަލާގައި އެމެރިކާ ގެންގުޅުނު ސިޔާސަތަށް ބޮޑު ބަދަލެއް އައުންކަން މުރާސިލުން ސިފަކުރެއެވެ.

މުހައްލިލުން ދެކޭގޮތުގައި 2027 ވަނަ އަހަރު ކުރިން ޗައިނާ ބާރުގެ ބޭނުންކޮށްގެން ނުވަތަ އެނޫން ގޮތަކަށް ނަމަވެސް ތައިވާން އެގައުމުގެ ކޮންޓްރޯލްގެ ދަށަށް ގެންދާނެއެވެ. ތައިވާންގެ މައްސަލާގައި އެމެރިކާ ޗައިނާއާ ދެކޮޅަށް އަސްކަރީ ބާރު ބޭނުންކޮށްފިނަމަ ޗައިނާއާއި އެމެރިކާއާ ދެމެދު އަސްކަރީ ވަރުގަދަ ކުރިމަތިލުމެއް ހިނގާނެކަމަށް ބެލެވެއެވެ. އަދި މިފަދަ ކުރިމަތިލުމެއް ދުނިޔޭގެ ތިންވަނަ ބޮޑުހަނގުރާމައަކަށް ބަދަލުވެދާނެކަމުގެ ބިރުވެސް އެބައޮތެވެ.

ޗައިނާއަކީ އެމެރިކާގެ ކޮންމެ ތަނަކަށް ކޮންމެ ވަގުތަކުވެސް ނިއުކްލިޔާ ހަމަލާދެވޭވަރުގެ ހައިޕާ ސޮނިކް ނިއުކްލިޔާ މިސައިލްއާއި އެނޫންވެސް ފަނާކުރަނިވި ހަތިޔާރުހުރި ބާރުގަދަ ގައުމެއްކަމުން ޗައިނާއާ ކުރިމަތިލައިގެން އެމެރިކާއަށް ހަނގުރާމެއް ކާމިޔާބު ނުކުރެވޭނެއެވެ. މިފަދަ ކުރިމަތިލުމަކީ ނިއުކްލިޔާ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު އޮތްކަމެއްކަމަށް މިކަމާބެހޭގޮތުން ވާހަކަ ދެއްކެވި މުހައްލިލުން ދެކެވަޑައިގަންނަވައެވެ.

އެމެރިކާގެ ރައީސް ތައިވާންގެ މައްސަލާގައި މިގޮތަށް އިންޒާރު ދެއްވިނަމަވެސް ތައިވާނަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދިނުން ފިޔަވައި ޗައިނާއާ ދެކޮޅަށް އެމެރިކާ އިތުރުކަމެއް ކުރާނެކަމަށް ނުބެލެވޭނެ ކަމަށް ގިނަ މުހައްލިލުން ދެކެވަޑައިގަންނަވައެވެ.

އެބޭފުޅުން ދެކެވަޑައިގަންނަވާގޮތުގައި ބައިޑެން ގެ ވާހަކަތަކަކީ ތައިވާން އެއްކޮށްލުމަށް ބާރުގެ ބޭނުން ނުކުރުމަށް ޗައިނާއަށް ދިން އިންޒާރެކެވެ. ބޭނުމަކީ އެކަން ކޮށްފިނަމަ ކުރިމަތިވާނެ ބިރު ޗައިނާއަށް އަންގައި ދިނުމެވެ.

ރަޝިއާ ޔުކްރޭނަށް އަރައިގަތުމުގެ ކުރިންވެސް އެމެރިކާވަނީ އެތަށް އިންޒާރުތަކެއް ރަޝިއާއަށް ދީފައެވެ. ނަމަވެސް ޔުކްރޭން ހަނގުރާމައިގެ ތެރެއަށް ސީދާގޮތެއްގައިވަންނަން އެމެރިކާއަށް ކެރިފައެއް ނުވެއެވެ.

ތައިވާން އާއި ޗައިނާ އާދެމެދުގައިވާ ތައިވާން ކަނޑުއޮޅި

ތައިވާންއަކީ 1949 ވަނައަހަރު ޗައިނާއަށް ކޮމިއުނިސްޓް އިންގިލާބު ގެނަސް ކޮމިއުނިސްޓުން ވެރިކަމާ ހަވާލުވުމާއެކު އޭރު ޗައިނާގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން އެމެރިކާގެ އެހީގައި ފިއްލަވައިގެން ވަޑައިގެންނެވި ޗައިނާގެ ސަރަހައްދެވެ. އެދުވަސްވަރު އެމެރިކާ ޗައިނާ ކަމަށް ގަބޫލުކުރީ ތައިވާން އަށެވެ. ނަމަވެސް ފަހުން އެމެރިކާގެ ސިޔާސަތު ބަދަލުކޮށް ތައިވާންގެ ބަދަލުގައި އެމެރިކާ ޗައިނާއަށް އިއުތިރާފުވީ 1971 ވަނަ އަހަރުގައެވެ. މިއާއެކުވެސް ތައިވާނަށް ހަތިޔާރު ވިއްކައި އަސްކަރީ ގޮތުން އެހީތެރިވުމުގެ ކަންތައް އެމެރިކާ ކުރިޔަށްގެންދެއެވެ.

ތައިވާންގެ ނަމަކީ ރިޕަބްލިކް އޮފް ޗައިނާއެވެ. ބޮޑު ޗައިނާގެ ނަމަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއެވެ. އެމެރިކާއަށް ތައިވާން މުހިއްމުވަނީ ތައިވާނަކީ އެމެރިކާ ސްޓައިލްގެ ވެރިކަމުގެ ނިޒާމެއް އޮންނަ ގައުމަކަށްވެފައި އެމެރިިކާއަށް ކިޔަންވެ ބޯލަނބާ ވެރިކަމުގެ ނިޒާމެއް އެގައުމުގައި އޮންނާތީއެވެ. މީގެއިތުރުން ތައިވާން އަކީ ދެކުނު ޗައިނާ ކަނޑުގައި އޮން ގައުމަކަށް ވެފައި ތައިވާން ކަނޑުއޮޅިއަކީ ޗައިނާގެ ވިޔަފާރީގެ މައި ކަނޑއޮޅިއަށް ވުމަކީވެސް އެމެރިކާއަށް ތައިވާން މުހިއްމުވާ ސަބަބެކެވެ.

އެއީ ދެކުނު ޗައިނާ ކަނޑުގައި އޮންނަ ތައިވާން ކަނޑުއޮޅިއަކީ ޗައިނާއަށް ޖެއްސުން ކުރަން ބޭނުންކުރެވިދާނެ ތަނަކަށް ވެފައި ތައިވާންއާ ގާތްގުޅުމެއް ބޭއްވުމުން ޗައިނާގެ ކުރިއެރުމަށް ހުރަސްއެޅުމަށާއި ޗައިނާއަށް ޖެއްސުން ކުރުމުގެ ހަރަކާތްތައް ދެކުނު ޗައިނާ ކަނޑުގައި ހިންގުމަށް އެމެރިކާއަށް ފަސޭހަވާނެތީއެވެ.

ނަމަވެސް ޗައިނާވަނި މިސަރަހައްދުގެ ގާތްގަނޑަކަށް 80 އިންސައްތައަކީ ޗައިނާގެ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާތީ ޗައިނާ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަށް އަސްކަރީ އުޅަނދުތައް ވައްދާކަމަށް އެމެރިކާއަކަށް ނުކެރެއެވެ.

comment ކޮމެންޓް