ފުނަދޫން ފެންނަނީ އެއްފަސްކުރުމުގެ ސާފު ކާމިޔާބީ

ށ. ފުނަދޫ ކަނބަލުންތަކެއް ބައިސްކަލް ދުއްވަނީ: އެރަށުން ފެންނަނީ އެއްފަސްކުރުމުގެ ސާފު ކާމިޔާބީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އާބާދީ އެއްފަސްކުރުމުގެ ސިޔާސަތަކީ މީގެ އެތައް އަހަރެއް ކުރިން ރާއްޖޭގައި ކާމިޔާބު ކަމާއެކު ތަންފީޒުކޮށްފައިވާ ސިޔާސަތެކެވެ. ނަމަވެސް ބައެއް ރައްޔިތުންނަކީ އެމީހުން އުޅެ ބޮޑުވި މާހައުލާ ދުރަށް ދާން ބޭނުންނުވާ މީހުންނެވެ. އެހެންވެ އެފަދަ މީހުން މި ސިޔާސަތަށް ތާއީދު ނުކުރަނީއެވެ. ށ. އަތޮޅުގެ އިރުމަތީގައި އޮންނަ ފުނަދޫގެ ތާރީޚުން ކިޔައިދެނީ ތަފާތު ވާހަކަތަކެކެވެ.

ފުނަދޫގައި މީހުން އާބާދު ކުރިތާ މިއީ 55ވަނަ އަހަރެވެ. އެންމެ ފުރަތަމަ ފުނަދޫއަށް ހިޖުރަ ކުރީ ނ. ބޮމަސްދޫ މީހުންނެވެ. އެގޮތުން ބޮމަސްދޫ މީހުން ފުނަދޫއަށް ބަދަލުވެ ނިމުނީ 1971 ވަނަ އަހަރުގެ މާރިޗު 8ގައެވެ. ބޮމަސްދޫއަކީ ރަށެއްގެ ހުރިހައި ރައްޔިތުން ފުނަދޫއަށް ހިޖުރަކުރި ރަށްތަކުގެ ތެރެއިން އެއްރަށެވެ. އެއީ 177 މީހުންގެ އާބާދީއެކެވެ.

މުޅި އާބާދީ އެއްކޮށް ދެން އެރަށަށް ހިޖުރަކުރި ރަށަކީ ށ. ފިރުނބައިދޫއެވެ. އެރަށުގެ މީހުން އެއްކޮށް ފުނަދޫއަށް ބަދަލުކުރީ 2004 އޮގަސްޓް 19 ގައެވެ. އޭރު އެރަށުގެ އާބާދީއަކީ 781 އެވެ. މާކަނޑޫދޫގެ ބައެއް މީހުން ވެސް ފުނަދޫއަށް ބަދަލުކުރެވުނުވެ. އެރަށުން ފުނަދޫއަށް ބަދަލުވާން އެދުނު 130 މީހުން ފުނަދޫއަށް ބަދަލުކޮށް ނިމުނީ 2009 ގައެވެ. އޭރު އެރަށުގެ އާބާދީއަކީ 1382 އެވެ.

ދެން އެރަށަށް ހިޖުރަކުރީ ށ. ނޫމަރާއާއި، ކޮމަންޑޫއާއި، ޅައިމަގާއި، މަރޮއްޓާއި، މާއުނގޫދޫގެ ބައެއް މީހުންނެވެ.

ތަފާތު އެކި ރަށްރަށުގެ މީހުން ހިޖުރަކޮށްފައި ވިޔަސް އެރަށަކީ އެއްބައެއް ވަންތަކަމުގެ ނަމޫނާ ރަށެއްކަން "ސަން"އިން އެރަށަށް ކުރި ދަތުރުން ވެސް އެނގުނެވެ.

ށ. ފުނަދޫ: ގިނަ ރަށްރަށުން އެރަށަށް މީހުން ހިޖުރަކޮށްފައިވޭ --- ސަން ފޮޓޯ/ މުހައްމަދު ޝަފީއު

ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހީމްފުޅު ވިދާޅުވިގޮތުގައި ތަފާތު ރަށްރަށުގެ މީހުން އެރަށުގައި އުޅުނު ކަމުގައި ވިޔަސް، މިހާރު އެރަށުގެ ހުރިހާ ރައްޔިތުންނަކީ ވެސް ވަރަށް ގުޅިގެން އަދި އެއްބައެއްގެ ގޮތުގައި އުޅޭ ރައްޔިތުންތަކެކެވެ.

އެހެން ރަށަކަށް ހިޖުރަކޮށްފިނަމަ އެ ބަޔަކާމެދު ތަފާތުކުރުން ގެންގުޅޭނެ ކަމަށް ބައެއް މީހުން ދެކެއެވެ. ނަމަވެސް އެފަދަ އެއްވެސް މަންޒަރެއް ފާއިތުވި އަހަރުތަކުގެ ތެރޭގައި ފުނަދޫން ފެންނާކަށް ނެތެވެ. އެރަށަށް ހިޖުރަކުރި އެކި ރަށްތަކުގެ މީހުން އެރަށުގައި ދިރިއުޅެނީ ވަރަށް ހިތްހަމަޖެހިގެންނެވެ.

"ލަފާފުރުމުގަ އެންމެ ފަސޭހަވީ ފުނަދޫއަށް ބަދަލުވެގެން. ދެން މިހާރުވެސް ލިބެން ހުންނަ ވަސީލަތްތަކާ ހެދި އެ ފަސޭހަ އިހުސާސް ކުރެވޭ. ހުރިހައި ދާއިރާއަކުން ބެލިޔަސް. ކިޔެވުމާއި، ސިއްހީ ދާއިރާއާއި އެހެން ފެސިލިޓީތަކަށް ބެލިޔަސް ހަމަ ވަރަށް ސަޅި. ފައިދާ ކުރޭ ބަދަލުވީމަ،" ފިރުނބައިދޫއިން ފުނަދޫއަށް ހިޖުރަ ކުރި ޖަވާދު މުޙައްމަދު ކިޔައިދިނެވެ.

އާބާދީ އެއްކޮށް ބަދަލުނުވި ނަމަވެސް، އާބާދީގެ ބޮޑުބައެއް ފުނަދޫއަށް ބަދަލުވި ރަށަކަށް ނޫމަރާ ވާނެއެވެ. މިހާރުވެސް އެ ރަށަކީ ށ. އަތޮޅުގައި އާބާދީ އެންމެ މަދު ރަށެވެ. އަދި ރާއްޖޭގައި މީހުން އުޅޭތާ އެންމެ ގިނަ ދުވަސްވީ އެއް ރަށެވެ.

ފުނަދޫއަށް ދިރިއުޅުން ބަދަލުކުރި ނޫމަރާ ޒުވާނަކު ބުނިގޮތުގައި އޭނާ އެރަށަށް ބަދަލުވީ އާއިލާއަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށެވެ. އަދި ފުނަދޫއަށް ދިރިއުޅުން ބަދަލުކުރީ އެކަށީގެންވާ ތައުލީމާއި ސިއްޙީ ފަރުވާ ލިބެން ނެތުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުގެ ބައްޕަ އަދިވެސް އުޅެނީ ނޫމަރާގައި. ބައްޕަ އޭރު ބޭނުމެއް ނުވި އުޅެ ބޮޑުވި ފަސްގަނޑު ދޫކޮށްފަ ދާން. އެކަމަކު މިހާރު ބައްޕަ އެބަ ކިޔާ ފުނަދުއަށް ބަދަލުވެވުނު ނަމަ ކިހާ ރަނގަޅުހޭ،" ނޫމަރާއިން ފުނަދުއަށް ބަދަލުވި ޙުސައިން ޒިޔާދު ކިޔައިދިނެވެ.

ށ. ފުނަދޫ މަގެއްމަތިން ބަޔަކު ހިނގާފައި ދަނީ: އެރަށުން ފެންނަނީ އެއްފަސްކުރުމުގެ ސާފު ކާމިޔާބީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އާބާދީ އެއްފަސްކުރުމާއެކު 2019 ވަނަ އަހަރު އެރަށުގެ އާބާދީ އަކީ 2،619 އެވެ. އާބާދީ ކިތަންމެ ބޮޑުވިޔަސް ޖިނާއީ ކުށުގެ ވެއްޓެއް އެރަށުގައި ނެތް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ވައްކަމާއި މާރާމާރީތަކަކީ މިރަށުން ވަރަށް ނުފެންނަ ކަންކަން. އެގޮތަށް ބަލާނަމަ، މި ރަށަކީ ކުށުގެ ވެއްޓެއް ނެތް ތަނެކޭ ވެސް ބުނުމަކީ ދޮގަކަށް ނުވާނެ. އެހެންނަމަވެސް ހުރިހައި ތާކުވެސް އާންމުކަމަކަށް މިއޮންނަ މަސްތުވާތަކެތީގެ ވަބާ މިރަށުގައިވެސް އޮވޭ،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފުނަދޫއަށް ހިޖުރަކުރަން ބޭނުންވާ އެހެން ރަށްރަށުގެ މީހުންނަށް އަބަދުވެސް އެރަށުން މަރުހަބާ ކިޔާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އާބާދީ އެއްފަސްކުރުމަކީ ޖުމްލަކޮށް ގިނަ ކަންކަމުގައި އޭގެ ފައިދާ ކުރަނިވި ކަމެއްކަން ފުނަދޫގެ ތަޖުރިބާއިން އެނގި ހާމަވެއެވެ. އެ ތަޖުރިބާއިން ބުނެދެނީ އެއީ ބައެއް މީހުން ބުނާހާ ދަތި އުނދަގޫ ކަމެއް ނޫންކަމެވެ. އަދި އެއީ، ރަނގަޅު، ހެޔޮ ނިޔަތެއްގައި ކޮށްފިނަމަ ކާމިޔާބުވާނެ ކަމެއް ކަމެވެ.

comment ކޮމެންޓް