އައްޑޫ ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ފަށަނީ

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެ މަޝްރޫއުގެ ޕްރީކޮލިފައި ކުރުމުގެ މަސައްކަތް އިންޑިއަން އެގްޒިމް ބޭންކުން މިއަދު ފަށާފައިވާ ކަމަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީ ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާއެކު ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރާނެއެވެ.

މީގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ
ސްޓޭޝަނެއް އިމާރާތް ކުރާން ނިންމާފައިވެއެވެ. އަދި އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއިއެކު ކާގޯ ވަސީލަތްތައް ތަރައްގީ ކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.

އެ މަޝްރޫއުގެ ތެރެއިން އެއާޕޯޓުގެ މަގުތައް ތަރައްގީކޮށް، ޕާކިން ސަރަހައްދެއްވެސް ހަދާނެއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށިކަމުގައި ވީހިނދު، އެ އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ދެކުނުގެ ތަރައްގީއަށް ނުހަނު ބޭނުންތެރި ކަމެއްކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އެ މަޝްރޫއުއަކީ ދެކުނުގެ އަތޮޅުތަކުގެ އިގްތިސާދު
ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިއުމުގައި މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް