އިދިކޮޅު ޕީޕީއެމްއިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ފަށާފައިވާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން މީހުން ޖަލަށް ލައިގެން ފުރޭނީ ރާއްޖޭގެ ޖަލުތައްކަމަށާއި، ނަމަވެސް އެ ހަރަކާތް ނުހުއްޓުވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ޝަރީފް ވިދާޅުވީ މީހުން ޖަލަށް ލައިގެން އެ ކެމްޕޭން ނުހުއްޓުވޭނެކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރަށް ދަންނަވާލަން ބޭނުން މުޙައްމަދު އިސްމާޢީލް ހައްޔަރުުކުރިއްޔާ ކޮންމެސް އެހެން އިސްމާޢީލެއް ހުންނާނެ. އެއް ޒުވާނަކު ބަންދު ކުރިއްޔާ އަނެއް ތިން ޒުވާނުން މިކަމަށް ނިކުންނާނެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންޑިއާ ސިފައިން ބޭރުކުރުމަށް އެ ޕާޓީއިން ހިންގާ ހަރަކާތްތައް ހުއްޓޭނީ މި ޤައުމުން އިންޑިއާ ސިފައިން ފޭބުމުން އެކަނި ކަމަށެވެ.
ޕޮލިސް މުޙައްމަދު ހަމީދު އިސްވެ ހުންނަވައިގެން އެއްވެސް ހަމައެއް ލަމައެއްނެތި ސަލާމަތީ ބާރުތައް ބޭނުންކޮށްގެން އެ ހަރަކާތް ހުއްޓުވުމަށް މަސައްކަތްކުރާކަމަށް އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކާމިޔާބުކުރައްވާ ދިވެހީންގެ ސަލާމަތީ ބާރުތައް ދިވެހީންނަށް އަނބުރައި ހޯދައިދޭނެކަމަށެވެ.
މީގެ އިތުރުން އެ ހަރަކާތް ހިންގާކަމަށް ބުނެ ފުލުހުން ޒުވާނުން ފުރޭމްކޮށް އެމީހުން ހައްޔަރުކުރާކަމަށް ވެސް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދިވެހި ފުލުހުން އެމަނިކުފާނުގެ މުށުތެރެއަށް ލާފައިވާ ކަމަށެވެ.
އިންޑިއާ އެމްބަސީން ވެސް ދިވެހި ފުލުހުންގެ މައްޗަށް އަމުރު ހިންގައި ކުށެއް ނެތް އެތައް ޒުވާނުންނެއް ހައްޔަރުކުރުމަށް އަންގާކަމަށް ވެސް ސައީދު ތުހުމަތު ކުރެއްވިއެވެ.
"އަޅުގަނޑުމެން މި އުޅެނީ ބިރިޔާނީއާ ކުކުޅުބިހާ ބަނބުކޭލާ އެއްޗިހި ނުލިބިގެނެއްނޫން. ދުފާއެއްޗެހި ނުލިބިގެނެއް ނޫން. އެހެން ނަމަވެސް އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭކަން ނުޖެހޭ" ސައީދު ވިދާޅުވިއެވެ.
އެނާ ވިދާޅުވީ އެކަން ހުއްޓުވުމަށް ސަރުކާރުން ކުރަނީ ޤައިރު ކަންކަންކަމަށެވެ. އަދި އެކަން ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާ އައުޓް ހަރަކާތް ރާވައި ހިންގި ކަމުގެ ތުހުމަތުގައި މިއަދު ކޯޓު އަމުރެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލާއި އިތުރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އެ އަމުރުގައި ވަނީ މުޙައްމަދު އިސްމާޢީލް އެ ހަރަކާތް އިތުރަށް ފުޅާކޮށް، އެކަމުގައި އިތުރު މީހުން ބައިވެރިކުރުވާ ކަމަށެވެ. އަދި އެ ހަރަކާތް ހުއްޓުވަން ދައުލަތުގެ އިދާރާތަކުން ކުރަމުންދާ މަސައްކަތަށް ގޮންޖަހައި އޭނާ ހުރަސްއަޅަމުންދާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
ކޯޓު އަމުރުގައިވާގޮތުން އިންޑިއާ އައުޓް ބެނާތަކާއި ކުރެހުންތަކާއި ލިޔުންތައް ތައްޔާރުކޮށް އެތަކެތި މާލެ އާއި އަތޮޅުތަކުގެ ރަށްތަކަށް ފޯރުކޮށްދޭ ކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރެއެވެ.
އެކަމުގެ ސަބަބުން ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ޚާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަނގަޅު އަސަރުކުރާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.