މިނިސްޓަރު މާރިޔާގެ ގެކޮޅުގައި އިންޑިއާ އައުޓް ޖަހައިފި

މިނިސްޓަރު މާރިޔާގެ ގެކޮޅުގައި އިންޑިއާ އައުޓް ލިޔެފައި--

ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ދިރިއުޅުއްވާ ގެކޮޅުގައި ބަޔަކު އިންޑިޔާ އައުޓް ޖަހައިފިއެވެ.

އަލިކިލޭގެފާނުމަގުގައި ހުންނަ، މިނިސްޓަރު މާރިޔާގެ ގެކޮޅުގައި ލިޔެފައިވާ އިންޑިއާ އައުޓް ޝިޔާރު ފޮހެލުމަށް މިހާރުދަނީ ކުލަ ލުމުގެ މަސައްކަތް ކުރަމުންނެވެ.

އިންޑިއާ އައުޓް ކެމްޕެއިން އިދިކޮޅު ޕީޕީއެމްއިން ދަނީ މާލެއާއި ރާއްޖޭގެ ރަށްތަކުގައި މެދުކެނޑުމެއްނެތި ހިންގަމުންނެވެ.

ގޭގޭގައި "އިންޑިއާ އައުޓް" ލިޔަން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަމަށް ގޮވާލިފަހުންނެވެ. ފާރުތަކާއި މަގުތަކުގައި އެހެން ލިޔުމުގެ އިތުރުން ބައެއް ގޭގޭގައި ވަނީ ބެނާތަކެއް ވެސް ހަރުކޮށްފައެވެ.

އިންޑިއާ އައުޓް ގޮވުމާއި ދެކޮޅަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ޤަރާރެއްވެސް ނެރުއްވާފައެވެ.

މިނިސްޓަރު މާރިޔާގެ ގެކޮޅުގައި އިންޑިއާ އައުޓް ލިޔެފައި ހުރި ތަނުގައި ކުލަ ލަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި، ނުރައްކާ އޮތް ކަމެއް ކަމަށް ރައީސްގެ ގަރާރުގައިވެއެވެ.

މީގެ އިތުރުން އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމަންއަމާންކަމާއި ހަމަޖެހުން ގެއްލި، ރާއްޖޭގެ އިގުތިސާދަށާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަންޖެހި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އެކަހެރިވުމުގެ ބިރު އޮތް ކަމަށް ގަރާރުގައިވެއެވެ.

އެ ގަރާރަށް ފަހުން އެހެން ލިޔެފައި ހުންނަ ބެނާތައް ނެގުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ.

ރައީސްގެ ޤަރާރު ބާތިލް ކުރަން އިދިކޮޅު ޕީޕީއެމްއިން ވަނީ ކޯޓަށް މައްސަލަވެސް ހުށަހަޅާފައެވެ. ނަމަވެސް ކޯޓުން އެކަމަށް ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.

comment ކޮމެންޓް