އައްމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައިކޯޓުން ތާއިދުކޮށްފި

ސީލައިފްގެ އެމްޑީ މުހައްމަދު އަހުމަދު މޫސާ ---

ފްލެޓު އެޅުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި ދައުވާ އުފުލާފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފިއެވެ.

ޚިޔާނާތުގެ 42 ދައުވާއެއް ކޮށްފައިވާ އައްމަޓީ ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެނިކޮށް އޭނާ ހޯދައިގެން ހައްޔަރުކޮށް، ރާއްޖެ ގެނައީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އޭރު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ދައުލަތުން އެދުނު ނަމަވެސް މިދިޔަ އަހަރުގެ ޖޫން 17ގައި ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލަން ނިންމިއެވެ.

ނަމަވެސް ޕްރޮސެކިއުޓާ ޖެެނެރަލް (ޕީޖީ) އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އޭނާ ހައްޔަރުކުރަން ހައިކޯޓުން އަމުރުކުރިއެވެ.

އޭގެ ފަހުން، މިދިޔަ އޮކްޓޯބަރު މަހު ކަފާލާތުގެ ދަށުން އައްމަޓީ ދޫކުރަން ކްރިމިނަލް ކޯޓުން އެންގިއެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން އެ މައްސަލަ ބޭރުކޮށްލިއެވެ.

ނަމަވެސް ހައި ކޯޓުން އަނެއްކާވެސް މައްސަލަ ބަލަން ޖެހުނީ މިދިޔަ މަހު ސުޕްރީމް ކޯޓުން އެންގުމުންނެވެ.

ހައި ކޯޓުން މިއަދު ކުރި އަމުރުގައި ވަނީ، އައްމަޓީ ބަންދުގައި ބަަހައްޓަން ދައުލަތުން އެދޭ މައިގަނޑު ސަބަބަކީ އޭނާ ފިލައިގެން ގޮސްދާނެތީ ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައި ވަނީ ފިލައިގެން ނުދެވޭ ފަދަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ފަހުކަން އެނގެން އޮތް ކަމަށް ހައި ކޯޓުގެ އަމުރުގައިވެއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ވަނީ އައްމަޓީގެ ޕާސްޕޯޓު ހިފެހެއްޓުމަށާއި ކޯޓަށް ހާޒިރުވުމަށް އަންގާ ގަޑިއަށް ހާޒިރުވުމަށާއި ރަސްމީ ކޮންމެ ދުވަހެއްގެ 23:32އަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ހާޒިރުވުމަށާއި ކޯޓުގެ ހުއްދަނެތި ޕާސްޕޯޓު އާ ނުކުރުމަށާއި ޓްރެވެލް ޑޮކިއުމަންޓް ހެއްދުމަށް ހުށަނޭޅޭނެ ކަމަށް އަންގާފައެވެ. އަދި ކަނޑައަޅާފައިވާ އެއްވެސް ޝަރުތަކާ އޭނާ ޚިލާފުވެއްޖެނަމަ ވަގުތުން ބަންދުކުރުމަށް ޝަރުޠުކުރެވޭނެ ކަމަށް ވެސް އެ އަމުރުގައިވެއެވެ.

އައްމަޓީ އެ ޝަރުތުތަކާ އެއްގޮތަށް އަމަލުކޮށް ޝަރީއަތަށް އެއްބާރުލުން ދީފައިވާކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކްރިމިނަލް ކޯޓަށް އަންގައި، ކަމާ ބެހޭ ލިޔެކިޔުންތައް ހިއްސާކޮށްފައިވާ ކަމަށް އެ އަމުރުގައިވެއެވެ.

އެހެންކަމުން އައްމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ބަދަލު ގެންނަން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް ހައި ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ވަނީ މިއަދު ނިންމަވާފައެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުޙއްމަދު ފައިސަލް، ފަނޑިޔާރު ޝުއައިބު ޙުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.

އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ސީލައިފް ކުންފުންޏާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ފްލެޓް އެޅުމަށް، ސީލައިފްއާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ފްލެޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

comment ކޮމެންޓް