އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުލަބް ވެލެންސިއާ އާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބައްދަލު ކުރި މެޗު ކާމިޔާބުކޮށް ވެލެންސިއާއިން ހަމަޖެހުމެއް ހޯދައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު އެ މެޗުން ވެލެންސިއާ ޑަ ގްރާންޑޭ ބަލިކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ.
މިއަދުގެ މެޗާ ކުރިމަތިލިއުރު، ވެލެންސިއާ ޓީމު ވަނީ އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެފައެވެ.
މިއަދުގެ މެޗުން ވެސް ދެ ޓީމުގެ ފަރާތުން ވެސް ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.
އެގޮތުން މެޗުގެ 28 ވަނަ މިނެޓުގައި ވެލެންސިއާގެ ޒުވާން ފޯވާޑް ޢަބްދުﷲ ޔާމީން ވަނީ ވެލެންސިއާއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް އެ ލީޑު އެ ޓީމަށް ދެމެހެއްޓިފައިވަނީ ފުރަތަމަ މެޗުގެ 42 ވަނަ މިނެޓާ ހަމައަށެވެ.
މެޗުގެ 42 ވަނަ މިނެޓުގައި ދަ ގަރަންޑޭއަށް ކުޅެމުންއަންނަ ސްރީލަންކާގެ ބިދޭސީ ކުޅުންތެރިޔާ މުޙައްމަދު އާކިބް މުޙައްމަދު ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ނަމަވެސް ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓު ތެރޭގައި ވެލެންސިއާއިން ވަނީ އަލުން ލީޑު ނަގާފައެވެ. އެ ގޯލު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ބޯޖަސް މާޓިން ގޮންޒަލޭޒްއެވެ.
މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ބޯޖަސް އިތުރު ގޯލެއް ކާމިޔާބުކޮށް ވެލެންސިއާގެ ލީޑު ވަނީ އިތުރަށް ފުޅާކޮށްދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައި ވެލެންސިއާގެ ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު ވަނީ ވެލެންސިއާގެ ހަތަރު ވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.
އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެ މެޗުގައި ދެ ގޯލު ކާމިޔާބުކޮށްދީ މުޅު ކުޅުމެއް ކުޅެދިން ބޯޖަސްއެވެ.
ދަ ގްރާންޑޭ އަތުން ހޯދި މޮޅާ އެކު ވެެލެންސިއާ ވަނީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފައެވެ.