ސްރީލަންކާގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި އާންމުންނާ ދެމެދު ތަޅާފޮޅައި ތަންތަނުގައި ހުޅުޖަހަނީ

ސްރީލަންކާގައި ހިނގާ ހަމަނުޖެހުންތަކުގައި ބަހެއްގައި ރޯކޮށްލާފައި

ކޮލަންބޯ (9 މޭ 2022) : ސްރީލަންކާގައި މިހާރު ކުރިޔަށްދަނީ އެގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަން ދިގުލައިގެން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރުގެ އިސްވެރިންނާ އަދި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް ރައްޔިތުންގެ އުތުރި އެރުމެއްކަމަށާ މި އުތުރި އެރުމުގައި ސްރީލަންކާގެ ބައެއް އިސްވެރިންގެ ގެތަކާއި ފިހާރަތަކާއި ވެހިކަލް ފަދަ މުދަލުގައި ހުޅުޖެހުންފަދަ ހަރުކަށި އަމަލުތަކެއް ހިންގަމުން ގެންދާކަމަށް ބައިނަލްއަގްވާމީ ނޫސް ރިޕޯޓްތައް ބުނެފިއެވެ.

ބައިނަލްއަގްވާމީ ރިޕޯޓްތައް މިހެން ބުނެފައިވަނީ ސްރީލަންކާގެ އާންމުންނާއި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކާ ދެމެދު މިއަދު ހަވީރުން ފެށިގެން ހިނގަމުންދާ އާދަޔާ ޚިލާފު ހަމަނުޖެހުންތަކުގައި އާންމުން އެގައުމުގެ ބައެއް އިސްވެރިންގެ ގެދޮރާއި ވިޔަފާރިތަކުގައި ހުޅުޖަހަން ފެށުމާ ގުޅިގެންނެވެ. ސްރީލަންކާގެ ބައެއް ނޫސްތައް ބުނާގޮތުން ރުޅިއައިސްފައިވާ އާންމުންގެ ބަޔަކުވަނީ މަގާމުން އިސްތިއުފާ ދެއްވި ބޮޑުވަޒީރު ރާޖަޕަކްސަގެ 2 ގެއަކާއި އޭނާގެ ފިހާރައެއްގައި ހުޅުވެސްޖަހާފައެވެ.

އަދި ޕާލަމެންޓް ގައި ހިމެނޭ ސަރުކާރަށް ތާއީދުކުރާ ބައެއް މެންބަރުންގެ ގެތަކަށާއި އެމީހުންގެ މުދަލަށް ހަމަލާދޭންވެސް ބައެއް އާންމުން މަސައްކަތްކުރާ ކަމަށް އެގައުމުގެ ބައެއް ނޫސްތައް ބުނެއެވެ.

ސްރީލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތައް

ސްރީލަންކާގެ މިޑިއާ ބުނާގޮތުން މުޒާހަރާތަކާއި ހަމަނުޖެހުންތައް ހުއްޓުވުމަށް ސްރީލަންކާ ސަރުކާރުން ނެރުނު ކުއްލި ނުރައްކަލުގެ ޙާލަތަށްވެސް އާންމުންވަނީ ގޮންޖަހާފައެވެ. މިގޮތުން ސަރުކާރުދެކެ ރުޅިއައިސްފައިވާ އާންމުން ކުއްލި ހާލަތަށް ގޮންޖެހުމަށްފަހު ގެންދަނީ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާ ޖިސްމާނީގޮތުން ކުރިމަތިލަމުންނެވެ.

މި ކުރިމަތިލުންތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް ހަމަލަދީ ތަޅާފޮޅައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު މި ހަމަނުޖެހުންތައް ހުއްޓުވަން ސްރީލަންކާގެ ސިފައިންނާއި ފުލުހުން ކުރާ މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. ސަރުކާރުދެކެ ރުޅިއައިސްފައިވާ އާންމުންނާއި ސަރުކާރަށް ތާއީދުކުރާ މީހުންނާ ދެމެދު ހިނގަމުންދާ މި ކުރިމަތިލުންތަކުގައި މިހާތަނަށް އެތަށް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާކަމަށް ސްރީލަންކާގެ ނޫސްތައް ބުނެއެވެ.

ހަމަނުޖެހުންތަކުގެ ސަބަބުން ތިންމީހަކު މިހާތަނަށް މަރުވެފައިވާއިރު އޭގެތެރޭގައި ވެރިކަންކުރާ ޕާޓީކަމަށްވާ ޕޮޑުޖަނާ ޕެރުމުނާ ޕާޓީއަށް ނިސްބަތްވާ ޕާލަމެންޓް މެންބަރަކާއި އާންމުންގެ ދެމީހުން ހިމެނެއެވެ.

ހަމަނުޖެހުންތައް ބޮޑުވެ ރައްޔިތުން ކޮންޓްރޯލް ނުވާނެކަމުގެ ބިރާއެކު މިރޭގެ ވަގުތެއްގައި ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަވަނީ މގާމުން އިސްތިއުފާދެއްވާފައެވެ.

ސްރީލަންކާގެ އިދިކޮޅު ލީޑަރުން ބުނާގޮތުގައި ގައުމުގެ ހާލަތު އާންމުންގެ އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅާހިސާބަށް ގައުމުގެ ހާލަތު ދިޔައީ ސުލްހަ ވެރިކަމާއެކު މުޒާހަރާކުރަމުންދިޔަ މީހުންނާ ދެކޮޅަށް ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން ހަމަލާތައް ދޭން ފެށުމުންނާއި އާންމުންގެ ޝުއޫރުތައް ފާޅުކުރުން ހުއްޓުވުމަށް ސިފައިންނާއި ފުލުހުން މެދުވެރިކޮށް ސަރުކާރުން ބާރުގެ ބޭނުން ކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ރައްޔިތުންނާ ކުރިމަތިލުމަށް ސަރުކާރަށް ތާއީދުކުރާ މީހުންތައް ނެރުނީ މަގާމުން އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ކަމަށާ ރާޖަޕަކްސަ ހައްޔަރުކޮށް އޭނާ ހިންގެވި ހަރުކަށި އަމަލުތައް ތަހުގީގު ކުރަން ޖެހޭކަމަށްވެސް އިދިކޮޅު ފަރާތްތަކުންވަނީ ގޮވާލާފައެވެ. ރިޕޯޓްތައް ބުނާގޮތުން ރުޅިއައިސްފައިވާ އާންމުން ވަނީ ރާޖަޕަކްސަގެ 2 ގެއަކާއި އޭނާގެ ފިހާރައެއްގައި ހުޅުވެސްޖަހާފައެވެ. އަދި ސަރުކާރުގެ އިސްވެރިންގެ މުދަލާއި ވެހިކަލްތަކަށްވެސް އާންމުން ގެއްލުން ދެމުން ގެންދާކަމަށް ވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު