ޔޫކްރޭނަށް ބޭނުންވާ ހަތިޔާރު ގަތުމަށް ފްރާންސުން 100 މިލިއަން ޔޫރޯގެ ފަންޑެއް

ފްރާންސްގެ ރައީސް އެމަނުއަލް މެކްރޯން --- ފޮޓޯ/ ރޮއިޓާސް

ރަޝިއާއާ ދެކޮޅަށް ޔޫކްރޭނުން ކުރަމުން އަންނަ ހަނގުރާމައިގައި ޔޫކްރޭނަށް އޮތް ތާއިދު ދެއްކުމުގެ ގޮތުން ޔޫކްރޭނަށް ބޭނުންވާ ހަތިޔާރު ގަތުމަށް ޚާއްސަ ފަންޑެއް ފްރާންސުގެ ރައީސް އެމަނުއެލް މެކްރޯން އުފައްދަވައިފިއެވެ.

މެކްރޮން އުފައްދަވާފައިވާ މި ފަންޑަށް އެ ގައުމުން 100 މިލިއަން ޔޫރޯ ހޭދަކޮށްފައިވާއިރު، ޔޫކްރޭނަށް ސީޒާ ބަޑިތައް ފޯރުކޮށްދިނުމުގެ މަޝްވަރާތައް ޑެންމާކާއެކު ފްރާންސުން ދަނީ ކުރަމުންނެވެ.

ޕްރާގުގައި އޮތް ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން މެކްރޯން ވިދާޅުވީ، މިހާރުވެސް ފޯރުކޮށްދީފައިވާ ހަތިޔާރުތަކާ އެއްފަދަ ހަތިޔާރުތައް ގަތުމަށް 100 މިލިއަން ޔޫރޯ ޚަރަދުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

މީގެއިތުރުން މެކްރޯން ވިދާޅުވީ، ސީޒާ އާޓިލަރީ ސިސްޓަމްގެ ބައިވަރު ޔުނިޓުތައް ގަތުމުގެ ފުރުސަތު މިއާއެކު ހުޅުވިފައިވާ ކަމަށާއި، އެ އާޓިލަރީ ސިސްޓަމަކީ އިފެކްޓިވް ސިސްޓަމެއް ކަމަށެވެ.

ރަޝިއާއާ ދެކޮޅަށް ޔޫކްރޭނުން ކުރާ ހަނގުރާމައިގައި ޔޫރަޕުގެ ގައުމުތަކުންނާއި ޔޫރަޕުގެ އިއްތިހާދުން ޔޫކްރޭނަށް އަންނަނީ އެތައް ގޮތަކުން އެހީތެރިވަމުންނެވެ. ހަމައެހެންމެ، އެމެރިކާއާއި ހުޅަނގުގެ އެހެނިހެން ގައުމުތަކުންވެސް ޔޫކްރޭނަށް މާލީ ގޮތުންނާއި އަސްކަރީ ގޮތުން އެތައް އެހީތެރިކަމެއް އަންނަނީ ފޯރުކޮށްދެމުންނެވެ.

ޔޫކްރޭނުން ވަނީ ނޭޓޯއާ ގުޅުމަށް ނިންމާފައެވެ. އަދި ޔޫރަޕުގެ އިއްތިހާދާ ގުޅުމަށްވެސް އެ ގައުމުން ނިންމާފައިވެއެވެ. މިއާއެކު ރަޝިއާއިން ވަނީ ޔޫކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފައެވެ. އަދި ޔޫކްރޭނުގެ ބިމުގެ 15 އިންސައްތަކަމުގައިވާ ޔޫކްރޭނުގެ ހަތަރު ރީޖަނެއް ރަޝިއާގެ ބާރުގެ ދަށަށް ގެނެސްފައިވެއެވެ.

ރަޝިއާ-ޔޫކްރޭން ހަނގުރާމަ ފެށިފައިވަނީ ޔޫކްރޭނުން ނޭޓޯއާ ގުޅުމުގެ ވާހަކަތައް ދައްކަން ފެށުމުންނެވެ. ރަޝިއާއިން ވަނީ ޔޫކްރޭން ހަނގުރާމައިގައި ކާމިޔާބު ހޯދުމަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެކަމުގެ އިޝާރާތެއްވެސް ކޮށްފައެވެ.

comment ކޮމެންޓް