ޖެޓް ފިއުލްގެ އަގު ބޮޑުވުމުގެ ސަބަބުން ނައިޖީރިއާގެ އެއާލައިންތަކުން ދަތުރުތައް ހުއްޓާލަނީ

ފޮޓޯ: އޭޕީ

ޖެޓް ފިއުލްގެ އަގު ބޮޑުވުމުން ނައިޖީރިއާގެ އެއާލައިންތަކުން މާދަމާއިން ފެށިގެން އެތެރޭގެ އުދުހުންތައް ހުއްޓާލަން ނިންމައިިފިއެވެ.

ނައިޖީރިއާގެ އެއާލައިން އޮޕަރޭޓަރުން ހިމެނޭ ޖަމުއިއްޔާއެއް ކަމަށްވާ އޭއޯއެން އިން ބުނި ގޮތުގައި އެގައުމުގައި ޖެޓް ފިއުލް ލީޓަރެއްގެ އަގު ވަނީ 190 ނައިރާ (0.45 ޑޮލަރު)އިން 700 ނައިރާ (1.70 ޑޮލަރު)އަށް އަރައިފައެވެ.

ޖެޓް ފިއުލްގެ އަގުތައް އުފުލިފައިވަނީ މިދިޔަ ފެބްރުއަރީ މަހު ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ފެށުމާ ގުޅިގެންނެވެ.

ތެލުގެ އަގު ބޮޑުވުމާ ގުޅިގެން އޭއޯއެން އިން ބުނީ އެއްގަޑިއިރުގެ ފްލައިޓަކަށް މިހާރު ކޮންމެ ކަސްޓަމަރަކު 120،000 ނައިރާ (289 ޑޮލަރު) ހޭދަ ކުރަން ޖެހޭނެ ކަމަށެވެ. އަދި އެއީ ނައިޖީރީއާގެ ގިނަ ރައްޔިތުންނަށް ބޮޑު އަދަދެއް ކަމަށާއި އެފަދަ ބޮޑު އަގެއްގައި ދަތުރުކުރުމުގެ ތަނަވަސްކަން އެމީހުންގެ އަތުގައި ނެތްކަމަށް އެ ޖަމުއިއްޔާއިން ބުންޏެވެ.

އޭއޯއެން އިން ބުނީ އެ ޖަމުއިއްޔާގައި ހިމެނޭ އެއާލައިންތަކުން މާދަމާއިން ފެށިގެން، ވަކި ގޮތެއް އަންގަންދެން އެތެރޭގެ ދަތުރުތައް ނުކުރާނެ ކަމަށެވެ.

މި ނިންމުމާ ގުޅިގެން ނައިޖީރިއާގެ އޭވިއޭޝަން މިނިސްޓްރީން ވަނީ އެއާލައިންތަކުން އޮޕަރޭޝަންތައް ބަންދުކުރުމުގެ ސަބަބުން ނައިޖީރިއާގެ ރައްޔިތުންނަށާއި ދުނިޔޭގެ ދަތުރުވެރިންނަށް ކުރާނެ އަސަރަށް ވިސްނުމަށް އިލްތިމާސްކޮށްފައެވެ. އަދި ނައިޖީރިއާގެ ކޮންސިއުމާ ޕްރޮޓެކްޝަން އޭޖެންސީން ވެސް ވަނީ މި ނިންމުމުގެ ސަބަބުން ޑޮމެސްޓިކް އެއާލައިންތަކުގެ ފަސިންޖަރުންނަށް ކުރިމަތިވާ ދަތިތަކާއި ދަތިތަކާ މެދު ވިސްނުމަށް އެދިފައެވެ.

މީގެ އިތުރުން، އެއާލައިންތަކުން ދަތުރުތައް ހުއްޓާލާނެ ކަމަށް ބުނި ނަމަވެސް ޓިކެޓް ވިއްކަމުން ދާތީ އެކަމާ ބެހޭ ގޮތުން ކޮންސިއުމާ ޕްރޮޓެކްޝަން އޭޖެންސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނައިޖީރިއާގައި ތެލުގެ އަގު އުފުލެމުން ދިއުމުގެ ސަބަބުން ފާއިތުވި ހަފްތާތަކުގައި އެގައުމުގައި ކަރަންޓު ކެނޑޭ ވަގުތުތައް ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް