ފަސް ލައްކަ ރުފިޔާގެ މަސްތުވާތަކެތީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި -- ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް

ކޮރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް އެތެރެ ކުރަން އުޅުމުގެ ތެރެއިން ކަސްޓަމުން އަތުލައިގަނެފައިވާ ފަސް ލައްކަ ރުފިޔާގެ މަސްތުވާތަކެތީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މި ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަސްޓަމުން މި ތަކެތި އަތުލައިގަނެފައިވަނީ ކޮރިއާ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލައި ފާސް ކުރުމުގެ ތެރޭގައެވެ.

ޕާރުސަލްގެ ތެރެއިން ފެނުނު ތަކެތި އެންމެ ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ "މެތްއެމްފެޓަމިން"އަށް ޕޮޒިޓިވް ވެފައިވެއެވެ.

މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 1.363 ކިލޯ ހުރިއެވެ. އަދި އެ ތަކެތީގެ މަގުމަތީގެ އަގު ފަސް ލައްކަ ރުފިޔާއަށް އަރައެވެ.

comment ކޮމެންޓް