ޔޫރަޕުން ރަޝިއާގެ ހަކަތަ ނުގަތުމަށް ނިންމާފައި ފަރުދާގެ އަނެއް ފަރާތުން އެތަކެތި ގަންނަނީ

ގޭސް ޓޭންކަރެއް

ރަޝިއާގެ ތެލާއި ގޭސްގަތުން ހުއްޓާލުމަށް ޔޫރަޕްގެ އިއްތިހާދުން ނިންމާފައިވަނީ ތަންފީޒު ނުކުރެވޭނެ ނިންމުމެއްކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިކަމާބެހޭ ބައިނަލްއަގްވާމީ މިޑީއާ ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް އަށެއްކަ އަހަރުވެސް ޔޫރަޕް އުޅެންޖެހޭނީ ރަޝިއާގެ ތެލާއި ގޭހަށް ބަރޯސާވެގެންނެވެ. ރަޝިއާގެ ތެލާއި ގޭހުގެ ބަދަލުގައި އެހާ އަގުހެޔޮކޮށް އެހާ ފަސޭހައިން ތެލާއި ގޭސް ލިބޭނެ މަގެއް ކުރިއަށް އޮތް އަށެއްކަ އަހަރު ތެރޭގައިވެސް ޔޫރަޕްގެ ގިނަ ގައުމުތަކަށް ނުހޯދޭނެކަމަށް މި ރިޕޯޓްތައް ބުނެއެވެ.

ޚަބަރުތައް ބުނާގޮތުން ރަޝިއާގެ ތެލާއި ގޭސް ނުގަންނާނެކަމަށް ބުނެ ބޭރު ފުށަށް އަޑުއަރުވާފައިވާ ޔޫރަޕްގެ ބައެއް ގައުމުތަކުން މިހާރުވެސް ގެންދަނީ ސިއްރިއްޔާތުގައި ރަޝިއާގެ ތެލާއި ގޭސް ގަންނަމުންނެވެ. މިފަދަ ގައުމުތަކުން ސިއްރިއްޔާތުގައި ނުވަތަ ފަރުދާނެ އަނެއްފަރާތުން ރަޝިއާގެ ތެލާއި ގޭސް ގަންނަނީ ގޭހާއި ތެޔޮ ބަރުކޮށްގެން ދުނިޔޭގެ ބާޒާރުތަކަށް ވިއްކުމަށް ދަތުރުކުރާ ޓޭންކަރު ތަކުންކަމަށް ވެއެވެ.

މެޑިޓަރޭނިއަން ކަނޑުގައި ތެލާއި ގޭސް ބަރުކޮށްގެން ބުރުޖަހާ ރަޝިއާގެ ތެލާއި ގޭހުގެ ޓޭންކަރުތައް ކުއްލިއަކަށް ގެއްލިގެން ބަލާއިރު އޮންނަނީ ޔޫރަޕްގެ ކޮންމެވެސް ގައުމެއްގެ ބަނދަރަކަށް ބަނދަރުކޮށް ގޭހާއި ތެޔޮ އެގައުމަށް ފޯރުކޮށްދިނުމުގެ މަސައްކަތުގައި ކަމަށް ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތަކާ ހަވާލާދީ އަލްޖަޒީރާ ބުނެއެވެ.

ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ޔޫރަޕްގެ ތެލާއި ގޭހުގެ ގިނަ ކާރުޚާނާތައް ބިނާކޮށްފައިވަނީ ރަޝިއާގެ ތެލާއި ގޭހަށް ޚާއްޞަކޮށްގެންނެވެ. އެކި ގައުމުތަކުގެ ތެލާއި ގޭސް ސާފުކުރުމަށް ބޭނުންކުރާ ކާރުޚާނާތައް ތަފާތުވާއިރު ޔޫރަޕްގެ ތެލާއި ގޭހުގެ ވަރަށް ގިނަ ކާރުޚާނާތައް ބިނާކޮށްފައިވަނީ ރަޝިއާގެ ތެލާއި ގޭހަށް ޚާއްޞަކޮށްގެން ކަމަށްވުމަކީވެސް އެތަކެއްޗަށް ބަރޯސާވާން ޔޫރަޕަށް މަޖުބޫރުވާ ސަބަބެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ތެޔޮ ޓޭންކަރެއް

ޖަރުމަނު ފަދަ ޔޫރަޕްގެ ގިނަގައުމުތަކަކީ ގިނަ އަދަދަކަށް ތެލާއި ގޭސް ބޭނުންވާ ސިނާއީ ގައުމުތައް ކަމަށްވާއިރު ރަޝިއާއަށް ވުރެ ދުރު ގައުމުތަކުން އެތަކެތި އިންޕޯޓް ކުރުމަކީ އަގު ބޮޑުވާކަމެކެވެ. ހަކަތައިގެ އަގުބޮޑުވުމަކީ އުފައްދާ ތަކެތީގެ އަގުވެސް ބޮޑުވާކަމެކެވެ. އެހެންކަމުން ހަކަތަ އަގުބޮޑުކޮށް ގަތުމަކީ ޔޫރަޕަށް އޮތް ހައްލެއްނޫނެވެ. އަނެއްކޮޅުން އެހެންގައުމުތަކުން މިތަކެތި ހޯދުމަކީވެސް ކުރުމުއްދަތެއްގައި އަމަލީގޮތުން ކުރެވޭނެކަމެއް ނޫނެވެ.

ދާދިފަހުން ޕޮލެންޑުންވަނީ ރަޝިއާގެ ގޭސް ނުގަންނާނެކަމަށް ބުނެފައެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުގައި ޕޮލެންޑް މިހާރު ގެންދަނީ ބައެއް ބުރޯކަަރު ކުންފުނިތަކުގެ އެހީގައި ނުސީދާ ގޮތެއްގައި ރަޝިއާގެ ގޭސް ގަންނަމުންނެވެ.

ރަޝިޔާ ޔޫކްރޭނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ ރަޝިއާގެ މަގްސަދު ހާސިލް ވިޔަނުދީ އެހަނގުރާމަ ހުއްޓާލަން ރަޝިއާއަށް މަޖްބޫރު ކުރުމަށްޓަކައި ހަ މަސްދުވަހުގެ ތެރޭގައި ރަޝިއާގެ ތެލާއި ގޭސްގަތުން ހުއްޓާލުމަށް ޔޫރަޕްގެ އިއްތިހާދުން ނިންމާފައިވަނީ މިދިޔަ ހަފްތާގައެވެ. ނަމަވެސް ހަންގޭރީއާއި އިޓަލީ، ބަލްގޭރިއާ، ސުލޮވޭކިޔާ އަދި ޗެކް ރިޕަބްލިކް ފަދަ ގައުމުތަކުންވަނީ މިކަން ތަންފީޒު ނުކުރެވޭނެ ކަމަށް ބުނެފައެވެ.

ޖަރުމަނުންވެސްވަނީ މިނިންމުން ތަންފީޒުކުރަން ދަތިވާނެކަމަށް ބުނެފައެވެ. ޔޫރަޕްގެ ގިނަ ގައުމުތަކަކީ އެގައުމުތަކަށް ބޭނުންވާ ގޭހުގެ 40 އިންސައްތައާއި 60 އިންސައްތަ ގަތުމަށް ރަޝިއާއަށް ބަރޯސާވާ ގައުމުތަކެވެ. ޔޫރަޕްގެ އިއްތިޙާދުގައި 27 ގައުމު ހިމެނޭއިރު ސިޔާސީ މަގްސަދެއް ހާސިލު ކުރުމަށްޓަކައި ރަޝިޔާއިން ތެޔޮގަތުން ހުއްޓާލަން ޔޫރަޕްގެ އިއްތިޙާދުން ނިންމި ނަމަވެސް ރަޝިޔާގެ ބަދަލުގައި ތެލާއި ގޭސް ގަންނާނެ އެހެންގައުމުތަކެއް ހާމަކޮށްފައެއް ނުވެއެވެ.

ޔޫރަޕާ އެންމެ ގާތުން ތެލާއި ގޭސް ގިނަ އަދަދަކަށް އުފައްދަނީ އަރަބި ގައުމުތަކުންނާއި އީރާނުންނެވެ. އީރާނާ ދެކޮޅަށް އެމެރިކާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާތީ ފާޅުގައި އީރާނުގެ ތެލާއި ގޭސް ގަންނާކަށް ޔޫރަޕަށް ނުކުރެއެވެ. ނަމަވެސް އީރާނުވެސް އެކި އެކި އުކުޅުތައް ބޭނުންކޮށްގެން އެގައުމުގެ ތެލާއި ގޭސް އެކި ގައުމުތަކަށް ވިއްކައިގެން ބޮޑު އާމްދަނީއެއް ހޯދައެވެ. އީރާނުގެ ތެޔޮ އެކިގޮތްގޮތަށް ގަންނަ ގައުުމުތަކުގެ ތެރޭގައި ޔޫރަޕްގެ ބައެއް ގައުމުތަކާއި ޗައިނާ އަދި އިންޑިއާ އާއި މެދުތެރޭ އޭޝިއާގެ ގައުމުތައް ހިމެނެއެވެ.

ގަލްފުގެ އަރަބި ގައުމުތައް ބުނެފައިވާގޮތުގައި ރަޝިޔާއިން ފޯރުކޮށްދޭ އަދަދަށް ޔޫރަޕަށް ކައިރި މުސްތަގްބަލެއްގައި ތެލާއި ގޭސް ފޯރުކޮށެއް ނުދެވޭނެއެވެ. އަދި ތެލާއި ގޭސް ޔޫރަޕް ބޭނުންވާ ވަރަށް ފޯރުކޮށްދެވޭނީ އެކަމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްގެން އެތަކެތި އުފައްދާ މިންވަރު ގިނަކޮށްގެން ކަމަށްވާތީ މިކަމަށް ގިނަ އަހަރުތަކެއް ނަގާނެކަމުގައެވެ.

އެހެންކަމުން ރަޝިއާގެ ތެލާއި ގޭސްގަތުން ހުއްޓާލަން ޔޫރަޕްގެ އިއްތިހާދުގެ ގައުމުތައް ބޭރުފުށުން (ދެއްކުންތެރިކަމުގެ ގޮތުން) ނިންމިނަމަވެސް ސިއްރިޔާތުގައި ނުވަތަ ފަރުދާނެ އަނެއްފަރާތުން އެގައުމުތަކުން ޔޫރަޕުން ރަޝިއާގެ ތެލާއި ގޭސް ގަންނަމުން ގެންދާނެކަމަށާއި މިއީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމުގެ އަމަލަކަށް ނޫނީ ނުވާނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ތެލާއި ގޭހުގެ ބަދަލުގައި އިއާދަކުރަނިވި ހަކަތައަށް މިސްރާބު ޖަހާފައިވާ ކަަމަށް 1990ގެ އަހަރުތަކުގެ ކުރީކޮޅު ޔޫރަޕްގެ ގައުމުތައްވަނީ ބުނެފައެެވެ. ނަމަވެސް އޭގެފަހުން 30 އަހަރު ވެފައިވާއިރު ޔޫރަޕްގައި އަދިވެސް މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ތެލާއި ގޭހުން އުފައްދާ ހަކަތައެވެ. އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ވަރު އަދިވެސް ނިސްބަތުން މަދެވެ. އަދި ޔޫރަޕްގެ އެތައް ގައުމުތަކުގައި ނިއުކްލިޔާ ހަކަތަވެސް ބޭނުންކުރެއެވެ.

comment ކޮމެންޓް