ހިންނަވަރުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 34 ފުޅި ބަނގުރާ ހޯދައިފި

ހިންނަވަރުން ހޯދާފައިވާ ބަނގުރާ ފުޅި ތަކެއް ----

ބ. ގޮއިދުއާއި ޅ. ހިންނަވަރުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހިންނަވަރުން 34 ފުޅި ބަނގުރާ ހޯދައިފިއެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަންގެ ތެރެއިން ގޮއިދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރި ކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މި މަހު ފަސް ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރުމަތިން 26 އަހަރުގެ ދިވެހި ފިރިހެނަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެެލެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓު ފެނިފައި ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅުވައިގެން ބ. މާޅޮހު ކޯޓުން އެ މީހާ ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ވަނީ ދީފައިވެއެވެ.

މި އޮޕަރޭޝަންގެ ތެރެއިން ހިންނަވަރުގައި ހިންގި އޮޕަރޭޝަނަކީ ހިންނަވަރު ޕޮލިހާއި ނައިފަރު ޕޮލިސް ގުޅިގެން މި މަހުގެ ދެވަނަ ދުވަހުން ފަށައިގެން ފަސް ވަނަ ދުވަހާ ހަމައަށް ހިންގި އޮޕަރޭޝަނެކެވެ.

ހިންނަވަރުގެ މި އޮޕަރޭޝަނުގައި، ރަށުގެ ފަޅު ގޯތިތަކާއި ކުށްކުރާ ކަމަށް ބެލެވޭ މީހުން އެއްވެ އުޅޭ، ރަށުގެ އެކި ސަރަހައްދުތަކާއި ވަލުތެރެ ވަނީ ބަލައި ފާސްކޮށްފަވެއެވެ.

އެގޮތުން މި ސަރަހައްދުތައް ބަލައި ފާސްކުރުމުގެ ތެރޭގައި 34 ފުޅި ބަނގުރާ ހޯދާފައިވެއެވެ. މި ފުޅިތައް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަވެއެވެ.

ފުލުހުން ބުނީ މި ދެ މައްސަލަ ވެސް ތަހުޤީގު އަންނަ ކަމަށެވެ.

comment ކޮމެންޓް