އީދު ދުވަހުގެ މާރާމާރީ: ކުޑަކުއްޖެއްގެ ކަރާމާތް ގެއްލުވާ ނުލުމަށް ޖެންޑާއިން އެދިއްޖެ

މިނިސްޓާ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދު ދީދީ --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

މާރާމާރީއަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި ކުޑަކުއްޖެއްގެ ކަރާމާތް ގެއްލުވާ ނުލުމަށް ޖެންޑާ މިނިސްޓްރީން އެދިއްޖެއެވެ.

މިގޮތަށް ޖެންޑާ މިނިސްޓްރީން އެދިފައި ވަނީ މިދިޔަ ޢީދު ދުވަހު ހިނގި މާރާމާރީއަކާ ގުޅިގެން ފުލުހުން 15 އަހަރުގެ ކުޑަކުއްޖަކު ހައްޔަރުކޮށް، އެކަން ހާމަކުރި ފަހުންނެވެ.

މީގެއިތުރުން، އެ ކުއްޖާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖެއްކަމަށް ބުނެ ސޯޝަލްމީޑިއާގައި ވާހަކަ ފެތުރުމުންނެވެ.

ޖެންޑާ މިނިސްޓްރީން ކުރި ޓުވީޓެއްގައި ވަނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ނޫންކަން ކަށަވަރުކޮށްދޭ ކަމަށެވެ.

"ކުޑަކުދިންގެ ކަރާމާތް ގެއްލޭ ގޮތަށް މިފަދަ މަޢުލޫމާތު އާންމު ނުކުރުމަށް މި ސަރވިސް އިން އިލްތިމާސްކުރަމެވެ," ޖެންޑާއިން ކުރި ޓްވީޓްގައިވެއެވެ.

މާރާމާރީގެ މައްސަލައިގައި ހިމެނޭ 15 އަހަރުގެ ކުއްޖާގެ ބަންދަށް ހަތް ދުވަސް ޖަހާދީފައިވާކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

އެ މައްސަލައިގައި ދެން ހައްޔަރުކުރީ އުމުރުން 18 އަހަރުގެ ގދ. ވާދޫ، އުނިމާގެ، ހަސަން ޒިޔާންއެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މާލޭގައި އީދު ދުވަހުގެ އިތުރުން ވަޅު އީދު ދުވަހުގައި ވެސް ވަނީ ނުރައްކާތެރި މާރާމާރީތަކެއް ހިންގާފައެވެ. އެ މާރާމާރީތަކާ ގުޅިގެން ފުލުހުން ވަނީ ހަތް މީހަކު ހޯދަން ފަށައިފައެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ:

ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، މަޢުޞޫމް މުޙައްމަދުދީދީ (27އ)
ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްޙާޒު (22އ)
ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ)
ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަޙްމަދު ރަބީޢު (24އ)
ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ)
ސ. ހުޅުދޫ/ ނާދީ، މުނާދު ޖަޢުފަރު (20އ)
ސ. މަރަދޫ/ ކޮރަލް، އަޙްމަދު ސާތިޢު (21އ)

މިމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

comment ކޮމެންޓް