ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހެލްތު އެކްރެޑިޓޭޝަން ސެޓްފިކެޓު

ފެބްރުއަރީ 24، 2021: އެކި އެއާ ލައިންސްތައް ވެލާނާ އެއާރ ޕޯޓްގައި ޕާކް ކޮއްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއާޕޯޓް އިންޓަނޭޝަނަލް ކަައުންސިލް (އޭއައިސީ)ން ދޭ ހެލްތު އެކްރެޑިޓޭޝަން ސެޓްފިކެޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދެވަނަ ފަހަރަށް ލިބިއްޖެއެވެ.

އެ އެއާޕޯޓު ހިންގާ އެމްއޭސީއެލުން ބުނީ އެ ސެޓްފިކެޓު ލިބުނީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެއާޕޯޓުގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

އެ ސެޓްފިކެޓާއެކު އޭއައިސީން ފޮނުވި ސިޓީގައި ވަނީ ސިއްހީ ރައްކާތެރިކަމުގެ މިންގަނޑު ދެމެހެއްޓުމަށް އެއާޕޯޓުން ކުރި މަސައްކަތްތަކަށް މަރުހަބާ ކިޔާފައެވެ.

މި ސެޓްފިކެޓަކީ ބައިނަލްއަގުވާމީ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އެއާޕޯޓުގެ އިންތިޒާމުތައް ހަމަޖެހިފައިވޭތޯ ބެލުމަށް ހެދޭ ތަފްސީލު އެސެސްމަންޓް ތަކަކަށް ފަހު ދެވޭ ސެޓްފިކެޓެކެވެ. އޭގެ ސަބަބުން އެއާޕޯޓުގެ ކަސްޓަމަރުންނަށާއި، ދަތުރުވެރިންގެ މެދުގައި އިތުބާރު ދެމެހެއްޓުމަށް އެހީވެދެއެވެ.

މި ސެޓްފިކެޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެންމެ ފުރަތަމަ ލިބުނީ 2020ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެއީ މުޅި އޭޝިއާއިން އެ ސެޓްފިކެޓު ހާސިލުކުރި ދެވަނަ އެއާޕޯޓެވެ.

comment ކޮމެންޓް