މަރުގެ ތުހުމަތުގައި ހައްޔަރުކުރި ކައްކާގެ ބަންދަށް 15 ދުވަސް

ބަންގްލަދޭޝްގެ ވޭޓަރުގެ މަރާ ގުޅިގެން ހައްޔަރުކުރި ޕާކިސްތާނުގެ އާބިދު---

ހުޅުމާލޭ ޚާންޖީ ރެސްޓޯރެންޓުގައި ހިނގި މަރުގެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި، ޕާކިސްތާނު ކައްކާ، މުހައްމަދު އާބިދުގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ އިރު އޮއްސުނު ވަގުތު، ޚާންޖީ ކެފޭތެރޭގައި މަރާލި ބަންގްލަދޭޝަށް ނިސްބަތްވާ އެމްޑީ ޝަމީމަކީ، އެ ތަނުގައި އުޅޭ ވޭޓަރެކެވެ.

ބަންގްލަދޭޝް ވެއިޓަރު މަރާލިކަމަށް ތުހުމަތުކުރެވޭ އަބީދަކީ އެ ތަނުގެ ކައްކާއެވެ. އޭނާ ފިލައިގެން އުޅެނިކޮށް އަބީދު ހައްޔަރުކުރީ އެ ރޭ، މެންދަމުން އަލިވެ، 02:30 ހާއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަތިރިމަތިންނެވެ.

މި މައްސަލައިގައި ހުޅުމާލެ ކޯޓުން ފުރަތަމަ އަމުރު ކޮށްފައިވަނީ އާބިދުގެ ބަންދަށް 15 ދުވަސް ޖެހުމަށެވެ.

ބަންދުގެ މުއްދަތާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިދީފައެވެ.

އޭނާގެ ބަންދާ މެދު ގޮތް ނިންމަން އިއްޔެ ކުރިއަށް ދިޔަ ބަންދު މަޖިލީހުގައި އާބިދު ވަނީ އޭނާގެ ބޮލަށް ލިބިފައިވާ އަނިޔާއަށް ފަރުވާ ނުލިބޭ ކަމަށް ބުނެ، އެ ޝަކުވާ ކޮށްފައެވެ. އެކަމާ ގުޅިގެން ކޯޓުން ވަނީ ފަރުވާގެ ކަންކަން ކުރިއަށްދާ ގޮތް ބެލުމަށް އަންގައިފައެވެ.

ބަންގްލަދޭޝްގެ މީހާ މަރުވީ ހަމަލާއަށް ފަހު ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ ކަރަށާއި ބޮލަށާއި އަދި ފަޔަށް ވަޅިން ހަމަލާދީފައިވާ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ.

comment ކޮމެންޓް