ޕްރިންސިޕަލުންގެ މުސާރައަށް 82 ޕަސެންޓު އިތުރުވުމެއް، މުސާރަ 30،000 ރުފިޔާއަށް ވުރެ ބޮޑުވާނެ

އަމީރު އަހްމަދު ޕްރީސްކޫލްގެ ޓީޗަރެއް --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އިތުރުކުރުމާއެކު، ސުކޫލުތަކުގެ ޕްރިންސިޕަލުންގެ މުސާރަ 30،000 ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު ވިދާޅުވީ މުސާރައަށް ގެނެވުނު ބަދަލުތަކާއެކު ދެން މުސާރަ ދެމުން އަންނާނީ އަސާސީ މުސާރައާއި ޖޮބް އެލަވަންސްތަކުގެ އިތުރުން ހާޒިރުވާ ދުވަސްތަކަށް ދޭ އެލަވަންސްތަކުގެ މައްޗަށް ކަމަށެވެ.

ޕްރިންސިޕަލުން މުސާރައަށް ގެނެވުނު ބަދަލުތައް ހިއްސާކުރައްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ޕްރިންސިޕަލުންގެ ރޭންކު އެކެއްގައި 127 މުވައްޒަފުންގެ އަދި ރޭންކު ދޭއްގައި 48 މުވައްޒަފުން ހިމެނޭހެން ޖުމްލަ 175 ޕްރިންސިޕަލުންގެ މުސާރަ ވެސް ބޮޑުވެގެން ދާނެ ކަމަށެވެ. މިވަގުތު ރޭންކު ތިނެއްގެ ޕްރިންސިޕަލެއް ނެތް ނަމަވެސް، އެ ރޭންކުގެ ޕްރިންސިޕަލުންގެ މުސާރަ ވެސް ވަނީ ބޮޑުކޮށްފައެވެ.

ރޭންކު އެކެއްގެ ޕްރިންސިޕަލުންގެ މުސާރައަށް ގެނެވުނީ 82 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ރޭންކު ދޭއްގެ ޕްރިންސިޕަލުންގެ މުސާރަ ވެސް ވަނީ 59 އިންސައްތައަށް ބޮޑުކޮށްފައެވެ.

ޕްރިންސިޕަލުންނަށް މީގެ ކުރިން ލިބެމުން އައި މުސާރައާއި ދެން ލިބޭނެ މުސާރަ

  • ރޭންކު 1- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 16،214ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 30،610 ރުފިޔާގެ މުސާރައެއް ލިބޭނެ
  • ރޭންކު 2- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 20،049ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 33،075 ރުފިޔާގެ މުސާރައެއް ލިބޭނެ

ޕްރިންސިޕަލުންނަށް ލިބޭ މުސާރައިގެ އިތުރުން ސުކޫލް އެންރޯލްމެންޓް އެލަވަންސްގެ ގޮތުގައި 1500 ކުދިންނަށް ވުރެ އިތުރުވާނަމަ، 5000 ރުފިޔާގެ އެލަވަންސެއް ވެސް ލިބޭނެއެވެ. އަދި 1000-1500 ދެމެދުގެ ކުދިން ތިބޭ ސުކޫލުތަކުގެ ޕްރިންސިޕަލުންނަށް 4000 ރުފިޔާ ލިބޭނެއެވެ.

ޕްރިންސިޕަލުންގެ އިތުރުން ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރައަށް ވެސް ވަނީ ހެޔޮ ބަދަލެއް ގެނެސްފައެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ރޭންކު އެކެއްގެ ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރަ 78 އިންސައްތައަށް އަދި ރޭންކު ދޭއްގެ ޑެޕިއުޓީންގެ މުސާރަ 55 އިންސައްތަ އިތުރުކޮށްފައިވާ ކަމަށެވެ.

ޑެޕިއުޓީ ޕްރިންސިޕަލުންނަށް މީގެ ކުރިން ލިބެމުން އައި މުސާރައާއި ދެން ލިބޭނެ މުސާރަ

  • ރޭންކު 1- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 12,547ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 22,273 ރުފިޔާގެ މުސާރައެއް ލިބޭނެ
    ރޭންކު 2- ކުރިން ލިބެމުން ދިޔައީ އެވްރެޖުކޮށް، 16،158ގެ މުސާރައެއް. ގެނެވުނު ބަދަލާއެކު 24,291 ރުފިޔާގެ މުސާރައެއް ލިބޭނެ

ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންގެ އިތުރުން އެޑިއުކޭޝަނަލް ޕްރޮފެޝަނަލް ޕްރޮފެޝަނަލްސްގެ މުސާރަތައް ވެސް ވަނީ ބޮޑުކޮށްފައެވެ.

comment ކޮމެންޓް