މޮސްކޯ (28 އެޕްރީލް 2022) : ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއަށް ބޭނުން ކުރެވޭނެ ތަފާތު ވައްތަރުގެ ބާރުގަދަ ހަތިޔާރުތަކާ އަދި އަސްކަރީ އުކުޅުތައް އެބަހުރިކަމަށާ އެމެރިކާއާއި ނޭޓޯ މި ހަނގުރާމައިގެ ތެރެއަށް ވަންނަނަމަ އެތަކެތި ބޭނުން ކުރާނެ ކަމަށް ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން ވިދާޅުވެއްޖެއެވެ.
ޔުކްރޭން އާ ދެކޮޅަށް ރަޝިޔާ ފަށާފައިވާ ހަނގުރާމައާބެހޭ މައުލޫމާތު ރަޝިއާގެ ޕާލަމެންޓް ކަމަށްވާ "ދޫމާ" އަށް ދެއްވަމުން ޕޫޓިން ވިދާޅުވީ ޔުކްރޭންގައި ރަޝިއާ ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރާނެކަމަށާ އެކަމަށް ހުރަސްއެޅުމުގެ ފުރުސަތު އެއްވެސް ގައުމަކަށް ނުދޭނެ ކަމަށެވެ.
ޕޫޓިން ވިދާޅުވިގޮތުގައި ރަޝިއާ އިނދަޖައްސާލުމުގެ މަގުސަދުގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ވަނީ ނާކާމިޔާބުވެފައެވެ. އެ ފިޔަވަޅުތަކުގެ ބޭނުމަކީ ޔުކްރޭންގައި ރަޝިއާ ހާސިލުކުރަން ބޭނުންވާ މަގްސަދުތައް ހާސިލު ނުކޮށް އަސްކަރީ އޮޕަރޭޝަން ހުއްޓުވުމަށް ރަޝިއާއަށް މަޖުބޫރު ކުރުންކަމަށާ ނަމަވެސް އެ މަގުސަދު ހާސިލް ކުރުމުގައި އެމެރިކާއާއި ޔޫރަޕް ނާކާމިޔާބު ވެފައިވާ ކަމަށް ޕޫޓިން ވިދާޅުވިއެވެ.
އެމެރިކާއާއި ޔޫރަޕްގެ ފިޔަވަޅުތަކަށް ދުނިޔޭގެ އެހެން ގައުމުތަކުގެ އެއްބާރުލުން ހޯދުމުގައާއި ރަޝިއާ އެކަހެރި ކުރުމުގައި ވެސް އެމެރިކާއާއި ޔޫރަޕް ނާކާމިޔާބު ވެފައިވާކަން ޕޫޓިން ފާހަގަ ކުރެއްވިއެވެ.
ރަޝިއާ އަކީ ނިއުކްލިޔާ ހަތިޔާރުގެ އިތުރުން ވަރަށް ނުރައްކާތެރި ހަތިޔާރެއްކަމަށްވާ ވެކިއުމް ބޮމާއި އަޑަށްވުރެ ނުވަ ގުނަ ބާރަށް ދަތުރުކުރާ ހައިޕާސޮނިކް މިސައިލާއި އެސް 35 މަރުކާގެ ޒަމާނީ ފައިޓާޖެޓްތަކާއި ފަހުގެ ޓެކްނޮލޮޖީގެ ޓޭންކްތައްވެސް އުފައްދާ ގައުމެކެވެ. މިފަދަ ހަތިޔާރުތައް ޔުކްރޭން ހަނގުރާމައިގާ ރަޝިއާ އަދި ބޭނުންކޮށްފައެއް ނުވެއެވެ.
ނަމަވެސް އަޖުމަބެލުމުގެ ގޮތުން ހައިޕާސޮނިކް މިސައިލް ދެފަހަރެއްގެ މަތިން ޔުކްރޭން ދެ އަމާޒަކަށް ރަޝިއާ އިން ކާމިޔާބުކަމާއެކު ފޮނުވާލާފައިވެއެވެ. ނަމަވެސް ރަޝިއާގައި އުފައްދާ އެންމެ ޒަމާނީ ހަތިޔާރުކަމަށްވާ އެސް 35 މަރުކާގެ ފައިޓާ ޖެޓްތަކާއި އެންމެ ޒަމާނީ ޓޭންކަރުތައް ޔޫކްރެއިން ހަނގުރާމާގައި ރަޝިއާ އަދި އެއްވެސް ވަރަކަށް ބޭނުންކޮށްފައެއް ނުވެއެވެ.
ޔުކްރޭން ހަނގުރާމައިގެ ތެރޭގައި ރަޝިއާ ވަނީ ނިޔުކްލިޔަރ ދިހަ ބޮމަށްވުރެ ގިނަ ބޮން ހަރުކުރެވޭ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް އިޖާދުކޮށް އެ މިސައިލް ކާމިޔާބުކަމާއެކު ތަޖުރިބާކޮށްފައެވެ. މިއީ އެމެރިކާއަށްވެސް އަދި ނޭޓޯގެ އެހެން ގައުމަކަށްވެސް މިހާތަނަށް ލިބިފައިނުވާ ޓެކްނޮލޮޖީ އެކެވެ.
ގާތްގަނޑަކަށް ހަ ހާސް ކިލޯމީޓަރުގެ ރާސްތާއެއް ހުންނަ "ސަމްރަތު" ނަމަކަށްކިޔާ އެ މިސައިލަކީ ރަޝިއާއަށް ނުރައްކާ ކުރަން ރާވާ ގައުމުތަކަށް ރަޝިއާގެ އަސްކަރީ ބާރާ އަދި ހަތިޔާރުގެ ޓެކްނޮލޮޖީގެ ގާބިލްކަން ވަޒަންކުރަން ލިބުނު ފުރުސަތެއްކަމަށް ވިދާޅުވެ ޕޫޓިން ވަނީ ރަޝިއާއަށް ގޯނާކުރަން ރާވަމުން ގެންދާނަމަ ހިތި ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެކަމުގެ އިންޒާރު އެމެރިކާއަށާއި ނޭޓޯގެ އެހެން ގައުމުތަކަށް ދެއްވާފައެވެ.
މީގެ އިތުރުން ޕޫޓިން ވަނީ އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ނޭޓޯގެ ގައުމުތަކުން ޔުކްރޭނަށް ފޮނުވާ ހަތިޔާރުގެ ޝިޕްމަންޓްތަކަށް ވެސް ރަޝިއާ ސިފައިން ހަމަލާތައްްދޭން ފެށިކަން ހާމަކުރައްވާފައެވެ. އެެމެރިކާއިން ޔުކްރޭނަށް ފޮނުވާ ހަތިޔާރުގެ ޝިޕްމަންޓްތަކަށް ހަމަލާތައް ދިން ނަމަވެސް އެސަޕްލައި އެއްކޮށް ހުއްޓުވުމަކީ ދަތިކަމެއްކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ނަމަވެސް ހުޅަނގުގެ ހަތިޔާރުގެ ސަޕްލައި 80 އިންސައްތައަށް ހުއްޓުވުމަކީ ރަޝިއާއަށް ކުރެވިދާނެކަމެއްކަމެއް ކަމަށާ މިހާލަތުގައި ޔުކްރޭން ސިފައިން ބަލިކަށިވެ ރަޝިއާގެ މަގްސަދުތައް ހާސިލްކުރަން ރަޝިއާ ސިފައިންނަށް ފަސޭހަ ވެގެންދާނެކަމަށް އެ ފަރާތްތަކުން ބުނެއެވެ.