މިދިޔަ އަހަރު އޭސީސީން ނިންމީ 588 މައްސަލަ، އެއީ 38 ޕަސެންޓުގެ ވެއްޓުމެއް

އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޮފީސް-- ސަން ފޮޓޯ / މުޙައްމަދު ނާއިލް ހުސައިން

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިިދިޔަ އަހަރު 588 މައްސަލަ ބަލާ ނިންމި ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އޭސީސީއިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރު އޭސީސީއަށް 782 މައްސަލަ ހުށަހެޅިއެވެ.

މިދިޔަ އަހަރު 588 މައްސަލަ ނިންމިއިރު އެއީ އޭގެ ކުރީ 2020 ވަނަ އަހަރާ އަޅާބަލާއިރު 38 ޕަސެންޓު ވެއްޓުމެކެވެ. 2020 ވަނަ އަހަރު އޭސީސީއިން ވަނީ 961 މައްސަލަ ނިންމާފައެވެ.

ތަހުގީގާއި ދިރާސާ ކުރުމަށް ފަހު އިދާރާތަކަށް އިސްލާހުކުރުމަށް 341 އެންގުމެއް މިދިޔަ އަހަރު އޭސީސީއިން އެންގިއެވެ. އެ ކޮމިޝަނުން ބުނާގޮތުގައި ޖުމްލަ 2.1 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާބެހޭ އިދާރާތަކަށް މިދިޔަ އަހަރު އެންގިއެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން މިދިޔަ އަހަރު އެ ކޮމިޝަނުން ވަނީ 24 މައްސަލައެއް ކޮމިޝަނުން އިސްނަގައިގެން ބަލަން ނިންމައިފައެވެ. އަދި ކޮމިޝަނުގައި ރަޖިސްޓްރީ ކުރި 782 މައްސަލައަކާއެކު، ޖުމްލަ 806 މައްސަލަ މިދިޔަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުމުގެ މަސައްކަތްތަކުގެ ދަށުން، މިދިޔަ އަހަރު ހޭލުންތެރިކުރުމުގެ 51 ސެޝަނެއްގައި 1775 މީހަކަށް މައުލޫމާތު ދިން ކަމަށާއި ރިސްކް އެސެސްމެންޓް/ހުދު ކަރުދާސް އަދި ގައިޑްލައިންގެ މަސައްކަތްތަކުގެ ތެރެއިން ހަތަރު ކަރުދާހެއްގެ މަސައްކަތްކޮށް ތިން ކަރުދާހެއް ޝާއިއު ކުރި ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް