ޖަރުމަނު ސަފީރަކަށް، ޗީފް އޮފް ޕްރޮޓްކޯލް ޝާން ޝާކިރު އައްޔަން ކުރަނީ

އާއިޝަތު ޝާން ޝާކިރު --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއިން ޖަރުމަނަށް ކަނޑައަޅައިފައި ހުންނަވާ ސަފީރަކަށް، ގ. ޕެންޒީމާގެ އައިޝަތު ޝާން ޝާކިރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު މަޖިލީހަށް ފޮނުއްވަވައިފައިވާ ސިޓީގައި ވަނީ ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހ. ސީވީޑް އަޙްމަދު ލަތީފް އަނބުރާ ރާއްޖެއަށް ގެނެސް، އެ މަގާމަށް ޝާން އައްޔަން ކުރުމަށެވެ.

އެހެންނަމަވެސް މި ބަދަލު ގެންނަން ނިންމެވި ސަބަބެއް ރައީސްގެ ސިޓީގައި ހާމަކުރައްވައިފައެއްނުވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ހާރިޖީ ކަންތައްތަކާ ބެހޭ ކޮމިޓީ އަށް ފޮނުއްވައިފައެވެ.

ޝާން މިވަގުތު ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައެވެ. މިނިސްޓަރުގެ ނައިބުގެ ފެންވަރުގެ އެ މަގާމަށް އޭނާ އައްޔަން ކުރައްވައިފައިވަނީ ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައި ހުންނަވަނިކޮށް، 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.

އޭގެ ކުރިން ޝާން ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމާއި، މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމާއި، ސައޫދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމުގެ އިތުރުން ވެސް، ފޮރިން މިނިސްޓްރީގެ އެހެނިހެން އިސް މަގާމުތައް ފުރުއްވާފައެވެ.

comment ކޮމެންޓް