އާ ޓާމިނަލްގެ ޑިޒައިންތައް ދައްކާލައިފި، ވަރަށް ދިވެހިވަންތަ

އާ ޓާމިނަލްގެ އާ ޑިޒައިން -- ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ ޑިޒައިން އެންމެ ފުރަތަމަ ފަހަރަށް އާންމުކޮށްފިއެވެ.

މި ޓާމިނަލްގެ ބޭރުން ފެންނަންހުރި ފާރު ތަކުގެ ޑިޒައިން ކޮށްފައިވަނީ ޤަދީމީ ޒަމާނުގެ މިސްކިތްތަކުގެ ފާރުގައި ހުންނަ ގޮތަށް ހިރިގަލުގެ ކުރެހުންތައް އަސްލަކަށް ބަލައިގެންނެވެ.

މީގެ އިތުރުން ޓާމިނަލްގެ ބޭރުން ބަލާއިރު ސިފަ ވަނީ ކަނޑުން ނަގާ ރާޅު ތަކެއްގެ ގޮތަށެވެ.

ދިވެހި ވަންތަ ސިފަތައް ހިމަނައިގެން ޑިޒައިން ކޮށްފައިވާ އާ ޓާމިނަލްގެ ތްރީޑީ ކުރެހުމެއް -- ފޮޓޯ/ އެމްއޭސީއެލް

އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ޝަމްޢާން ޝާކިރު "ސަން"އަށް ވިދާޅުވީ މިވަގުތު އާއްމުކޮށްފައިވާ ޑިޒައިން ތަކުން އެ ފެންނަނީ މި ފަހުން ޓާމިނަލް ރީޑިޒައިން ކުރިއިރު، ދިވެހި އާކިޓެކްޗަރުން ކޮށްފައިވާ ބުރަ މަސައްކަތް ކަމަށެވެ.

"ބޮޑަށް ގެނެސްދޭން މަސައްކަތް ކޮށްފައި އެހުރީ ދިވެހިވަންތަ ކަމުގެ ސިފަތައް. މާނައަކީ ދިވެހި މަސައްކަތްތެރީންގެ ގަލު ވަޑާމުގެ މަސައްކަތުގެ ތެރެއިން އައިސްފައި ހުރި ހުނަރުތަކެއް އެ ހުންނަނީ އެތަނުގެ ޕެޓާން އެއްގެ ގޮތުގައި ނަގާފައި. ދެން ޕެޓާންއެއްގެ ގޮތުގައި މަތިން ތިރިއަށް ދައްކުވައިދޭން މަސައްކަތް ކޮށްފައި އެހުރީ ދިވެހި ކަނޑުތަކުގެ ގޮތުގައި،" ޝަމްޢާން ވިދާޅުވިއެވެ.

ޝަމްޢާން ވިދާޅުވީ އެ ޑިޒައިންގެ އިތުރަށް މުޅި ޓާމިނަލްގެ ހުރިހާ ތަނެއް ވެސް ޑިޒައިން ކޮށްފައި އެހުރީ ގިނަ ދުވަސް ތަކަކަށް ބޭނުން ކުރެވޭނޭ ގޮތަށް ވިސްނައިގެން ކަމަށެވެ.

ދިވެހި އާކިޓެކްޗަރުން ކުރަހާފައިވާ އާ ޓާމިނަލްގެ އާ ޑިޒައިން -- ފޮޓޯ/ އެމްއޭސީއެލް

މީގެއިތުރުން އަމިއްލައަށް ޗެކިން ކުރެވޭނެ ނިޒާމަކާއި އެންމެ މި ޒަމާނުގެ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ޤާއިމު ކުރުމުގެ އިތުރުން ސްކޭނިން ވެސް އެ ޓާމިނަލްގައި ގާއިމްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުޅި ޓާމިނަލް ޑިޒައިން ކޮށްފައި އެހުރީ ވެސް ތަނުން ޚިދުމަތް ހޯދާ ފަސިންޖަރުންނަށް ވީހާވެސް ލުއިފަސޭހަތައް ލިބޭނެ ގޮތަކަށް ވިސްނައިގެން ކަމަށެވެ.

ދިގު މުއްދަކަށް ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އާ ޓާމިނަލްގެ އާ ޑިޒައިން -- ފޮޓޯ/ އެމްއޭސީއެލް

އެއާޕޯޓުގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއު ތެރޭގައި ހިމެނޭ އާ ޓާމިނަލްގެ މަސައްކަތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލުކުރި މަސައްކަތެކެވެ.

ބިން ލާދިން ގްރޫޕާ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 5.3 ބިލިއަން ދިވެހި ރުފިޔާއަށެވެ.

އެމްއޭސީއެލް އިން ބުނީ އާ ޓާމިނަލްގެ މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ ޚަރަދު ކުރުމަށް ހަމަޖައްސާފައި ވަނީ ސައޫދީ އާއި އަބޫދާބީގެ އިތުރުން ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުން ކަމަށެވެ.

comment ކޮމެންޓް