ގާނޫނީ ގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއް އޭޖީ އޮފީހުން ފަށައިފި

އާންމުން ހޭލުންތެރިކުރުވުމަށް އޭޖީ އޮފީހުން އާންމުކުރި ވީޑިއޯއިން ނަގާފައިވާ ސްކްރީންޝޮޓެއް ---

އެޓާނީ ޖެނެރަލްގެ އޮފީހާއި ޔޫއެންޑީޕީއާ ގުޅިގެން ގާނޫނީ ގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ކެމްޕޭނެއް ފަށައިފިއެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ޙުސައިން ޙަސަން ވިދާޅުވީ މި ކެމްޕޭނުގެ އަމާޒަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށް ދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމާއި އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާގައި ހިމެނޭ ފަރާތްތަކުގެ ދައުރު އާންމުންނަށް އޮޅުންފިލުވައިދިނުން ކަމަށެވެ.

އާންމުންނަށް ފަސޭހައިން ދޭހަވާނެ ގޮތަށް ތައްޔާރުކޮށްފައިވާ ކުރު ވީޑިއޯ ކްލިޕްތަކާއި އިންފޯގްރަފިކް ބޭނުންކޮށްގެން ކުރިއަށްގެންދާ މި ކެމްޕެއިންގެ މަގުސަދަކީ ގާނޫނީ ނިޒާމަށް ރައްޔިތުން ހޭލުންތެރި ކުރުވައި، އިންސާފަށް ވާސިލުވާނެ ގޮތް ރައްޔިތުންނަށް ބުނެދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކެމްޕެއިން ކުރިއަށް ގެންދާނީ އޭޖީ އޮފީހުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުންނެވެ. މިގޮތުން، ޓްވިޓާ، ފޭސްބުކް، ޔޫޓިއުބް އަދި އިންސްޓަގްރާމްގައި މި ކެމްޕޭނު ކުރިއަށް ގެންދާނެއެވެ.

އެ ކެމްޕޭން ކުރިއަށް ގެންދިއުމުގައި ޔޫއެންޑީޕީގެ ފަރާތުން އޭޖީ އޮފީހަށް ދެމުންދާ އެއްބާރުލުމަށް ޙުސައިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

comment ކޮމެންޓް