ފަސް މަހަށް ފަހު، އެއާޕޯޓު ކުންފުންޏަށް މެނޭޖިން ޑިރެކްޓަރެއް

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރި މަހްޖޫބް ޝުޖާއު ---

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފަސް މަސްދުވަހު ހުސްކޮށް އޮތުމަށް ފަހު، މިއަދު އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން މިއަދު އެ މަގާމަށް އައްޔަނުކުރީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް މީގެ ކުރިން ކުރައްވަވާފައިވާ މަޙްޖޫބް ޝުޖާއުއެވެ.

މީގެ އިތުރުން އޭނާ ވަނީ އެއާޕޯޓް ތަރައްގީގެ މަޝްރޫއުގައި ސަރުކާރުގެ މަންދޫބެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވެ ވަޑައިގެންފައެވެ.

އެމްއޭސީއެލްގެ އެމްޑީގެ މަގާމުގައި އެންމެ ފަހުން ހުންނެވި އިނގިރޭސިވިލާތުގެ ގޯޑަން އެންޑްރޫ ސްޓުއާޓް އެމަގާމުން ވަކި ކުރީ މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައެވެ.

އޭގެ ފަހުން، ކުންފުނި ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަތީ ޑެޕިއުޓީ ޗީފް އޮފިސަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ތޯހާއެވެ. މިމަހުގެ ހަވަނަ ދުވަހު ތޯހާ ވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރައްވާފައެވެ.

އެއާއެކު އެ ކުންފުނީގެ ބޯޑު މިހާރު އެކުލެވިގެންވާ ގޮތަކީ:

  • ޗެއާމަން، މުޙައްމަދު ޢުމަރު މަނިކު
  • މެނޭޖިން ޑިރެކްޓަރު، މަޙްޖޫބު ޝުޖާޢު
  • ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، އިބްރާހީމް ތޯހާ
  • އިބްރާހީމް ނޫރައްދީން
  • އައިޝަތު އަރޫޝާ
  • އަހުމަދު އީމާން މޫސާ
  • އިބްރާހިމް ސިޔާދު ގާސިމް
  • ޑރ.އިބްރާހިމް މަހްފޫޒް

އެ ކުންފުނީގެ ސީއީއޯގެ މަގާމު އަދިވެސް އޮތީ ހުހަށެވެ.

comment ކޮމެންޓް