މި ސަރުކާރުގެ ކުރިން އައި އެއްވެސް ސަރުކާރަކުން އެއްވެސް ރަށެއްގައި އެންމެ ފުޓުބޯޅަ ދަނޑެއްވެސް ގާއިމްކޮށްދީފައި ނުވާނެކަމަށް ސްޕޯޓްސް މިނިސްޓަރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ޔޫތު މިނިސްޓްރީގެ ކަންކަން ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް މަހުލޫފް ވަނީ ހާޒިރުކޮށްފައެވެ.
މިއަދު މަޖިލީހުގައި ދާންދޫ ދާއިރާގެ މެންބަރު އަޙްމަދު ޔައުގޫބް ވަނީ މިނިސްޓަރުގެ ޒައާމަތުގައި ތަރައްގީކުރި ފުޓުބޯޅަދަނޑުގެ އަދަދަކީ ކޮބައިތޯއާއި ތަރައްގީކުރި ކުޅިވަރު ފެސިލިޓީތަކުގެ އަދަދަކީ ކޮބައިތޯ އައްސަވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތް ފަހުން 40 ފުޓުބޯޅަދަނޑު ތަރައްގީކޮށްފައި ވާނެ ކަމަށެވެ.
"ފުޓުބޯޅަދަނޑު މިހާރު 40 ހަކަށް ދަނޑު ނިންމާލެވިއްޖެ. އަޅުގަނޑު ހިތްހަމަޖެހެނީ އަޅުގަނޑުމެން މި މަގާމާ، މި ފުރުސަތު ލިބުމުގެ ކުރިން ރާއްޖޭގެ އެއްވެސް ސަރުކާރަކުން އެންމެ ފުޓުބޯޅަ ދަނޑެއްވެސް ގާއިމްކޮށްފައެއް ނުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެއާއެކު، ކޮވިޑުގެ ހާލަތުގައި ދެ އަހަރެއް ވަންދެއް މަސައްކަތް ނުކުރެވުނު ނަމަވެސް 40 ދަނޑުގެ މަސައްކަތް ނިންމާލެވުމަކީ ކުޑަކަމެއް ނޫންކަމަށް މިނިސަޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، މިވަގުތު ވެސް ބޮޑު 50 ދަނޑުގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"މިހާރުވެސް ޖުމްލަ 50 ބޮޑު ދަނޑުގެ މަސައްކަތް ކުރިއަށް އެބަދޭ. މިއީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް މިއީ ވަރަށް ބޮޑު އަދަދެއް. ދިމާވާ ބައެއް ބޭރުގެ، ކުޅިވަރުގެ އިސް ފަރާތްތަކާ ބަދަލުވެ އަޅުގަނޑުމެން 100 ދަނޑު އަޅަން މަސައްކަތް ކުރާ ވާހަކަ ބުނީމަ ވަނީ ވަރަށް ބޮޑު ކަމަކަށް،" މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް ވަނީ ބައެއް ރަށްރަށުގެ ފުޓުބޯޅަދަނޑު ނިންމުމުގައި ވަރަށްބޮޑު ލަސްތަކެއް ވެފައިވާކަން ފާހަގަކުރައްވައި، އެކަމަށް މަޢާފަށް އެދިވަޑައިގެންފައެވެ.
މަހުލޫފް ވިދާޅުވީ ގިނަ މަސައްކަތްތައް ނުނިމި ލަސްވެފައިވަނީ ކޮންޓްރެކްޓަށް މަސައްކަތް ހަވާލުކުރުމުން، މަސައްކަތާ ހަވާލުވާ ބަޔަކަށް ދީފައިވާ މުއްދަތައް މަސައްކަތް ނުނިމޭތީ އާއި އެ ކެޕޭސިޓީ ކުންފުނިތަކުގައި ނެތުމުން ކަމަށެވެ.