އައްޔޫބުގެފާނަށް ކުރިމަތިވި ހާދިސާއިން ޢިބްރަތް ހާސިލްކުރަމާ!

އައްޔޫބުގެފާނަކީ ﷲގެ ނަބިއްޔުންނާއި ރަސޫލުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭކަލެކެވެ. އައްޔޫބުގެފާނާ ކުރިމަތިވެވަޑައިގަތް އިމްތިޙާނަކީ ކޮބައިކަން އަޅުގަނޑުމެންނަށް އެނގެއެވެ. ރަސޫލުންނާއި ނަބިއްޔުންގެ ތާރީޚުގެ ތެރެއިން ވަރަށް ބޮޑު އިމްތިޙާނަކާ ކުރިމަތިވެވަޑައިގެން އެކަލޭގެފާނު އެތައް ޒަމާނެއްވަންދެން އާދަޔާ ޚިލާފު ބައްޔެއްގައި އުޅެންޖެހިވަޑައިގެންނެވިއެވެ. އެ ބަލީގައި ހަށިގަނޑުގައި އުފެދުނު ފާރުތަކުގައި ފުޅައަޅައި އެ ވޭނާއި ކެކުޅުމުގައި އެކަލޭގެފާނު އުޅުއްވަންޖެހިވަޑައިގެންނެވިއެވެ. ނަބީބޭކަލެއްގެ ހައިސިއްޔަތުން ކަމުގައި ވިޔަސް އެކަލޭގެފާނާ އެ ދަތިތަކާ ކުރިމަތިލާން ޖެހިވަޑައިގެންނެވިއެވެ. އެ ދަނޑިވަޅުގައި އެއްވެސް ޝަކުވާއެއްނެތި ﷲއަށް ޝުކުރުއަދާކުރުމުގެ ގޮތުން އައްޔޫބުގެފާނު ދެންނެވި މުނާޖާއަކީ ކޮބައިތޯ؟ ﷲގެ މި ނަބިއްޔާ އައްޔޫބުގެފާނު ދެންނެވި މުނާޖާއަކީ އެއީ ވަރަށް ވަރުގަދަ މުނާޖާއެކެވެ. އެ މުނާޖާގެ އަސަރުގަދަކަން އަޅުގަނޑުމެން އެންމެން ހަނދާނަށް ގެންނަން ވަރަށް މުހިންމެވެ. އަޅުގަނޑުމެންނަށް ހަޔާތުގައި ދިމާވާ ހިތްދަތި ކަންތަކާ އުނދަގޫތަކުން ސަލާމަތްވުމަށްޓަކައި އައްޔޫބުގެފާނުގެ ހަޔާތްޕުޅުގައި ކުރިމަތިވެވަޑައިގެންނެވި އެ ކަންތައްތަކުން ވަރަށް ބޮޑަށް ޢިބްރަތްލިބިގަންނަން އެބަ ޖެހެއެވެ. އައްޔޫބުގެފާނު ﷲގެ ހަޒުރަތުގައި ދެންނެވި މުނާޖާއަކީ ކޮބައިތޯ؟

وَاَيُّوْبَ اِذْ نَادٰى رَبَّهٗٓ اَنِّيْ مَسَّنِيَ الضُّرُّ وَاَنْتَ اَرْحَمُ الرَّاحِمِيْنَ . އައްޔޫބުގެފާނު އެއެކަލޭގެފާނު ހެއްދެވި ރަސްކަލާންގެއަށް މުނާޖާދެންނެވި ހިނދު ހަނދުމަކުރާށެވެ. މި އަޅާއަށް އުނދަގޫތަކާ ދަތިތައް ކުރިމަތިވެއްޖެއެވެ. އިބަﷲ އީ އެންމެ ރަހުމުކުރައްވަވާ އޯގާވަންތަ ރަސްކަލާންގެއެވެ.

އެނގިވަޑައިގަންނަވާތޯ އައްޔޫބުގެފާނުގެ އެ ހަށިކޮޅުގައި އުފެދުނު ދަތި އުނދަގޫތަކުން ސަލާމަތްކޮށްދެއްވެވުމަށް އެދިވަޑައިގަތީކީ އެއްވެސް ހާލެއްގައި އަރާމެއްލިބިވަޑައިގަތުމުގެ ބޭނުމަކަށްވުރެ ބޮޑަށް އެ ދަތި އުނދަގޫ ހާލަތުގައި އެ ދަތި ހާލަތުގައި ﷲޞުބުޙާނަހޫ ވަތަޢާލާގެ އުބޫބިއްޔަތުގެ ތެރެއަށް ފުރިހަމައަށް ވަދެވަޑައިގަތުމަށް ފުރުސަތުލިބިވަޑައިނުގެންފާނެކަމުގެ ބިރަށްޓަކައެވެ. އަޅުކަންކުރުމަށް ހުރަސްތަކެއް އެޅިދާނެކަމުގެ ބިރަށްޓަކައި ﷲ ޞުބުޙާނަހޫ ވަތަޢާލާގެ ހަޒުރަތުގައި ދެންނެވީ ޔާﷲ! މިއަޅާއަށް ކުރިމަތިވެފައިވާ ބިކަ ހާލުން މިއަޅާ ސަލާމަތްކޮށްދެއްވާށެވެ. ނިޔަތަކީ ކޮބައިތޯ؟ އެއްވެސް ހާލެއްގައި އަރާމެއް ހޯދުމުގެ ނިޔަތެއް ނޫނެވެ. އޭގެ ބަދަލުގައި އެ ބަލިހާލުގެ ތެރޭގައި ހުންނެވުމުގެ ނަތީޖާއީ ﷲއަށްޓަކައި ފުރިހަމައަށް އަދާކުރަންޖެހޭ އަޅުކަން އަދާކުރުމުގައި އެކަލާގެފާނަށް އިހުމާލެއް ވެވިދާނެކަމަށްޓަކައެވެ.

މި ހާދިސާ އަޅުގަނޑުމެންގެ ހަޔާތާ ގުޅުވައިލައިފިކަމަށް ވަނީ ނަމަ ދަންނަވަންތޯ އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލުގައި އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމުގައިވެސް ބައިވަރު އިމްތިހާނުތަކާ ކުރިމަތިލާންޖެހެއެވެ. އަދި އެ ދަތި އިމްތިހާނުތަކުގެ ތެރެއިންލައިގެން ﷲގެ އުބޫބިއްޔަތުގެ ތެރެއަށް ފުރިހަމައަށް ވަނުމަށް އަޅުގަނޑުމެންނަށް އެތައް ބައިވަރު ހުރަސްތަކެއް އެޅިގެން އެބަދެއެވެ. އެ ހުރަސްތަކުން ސަލާމަތްކޮށްދެއްވުމަށް އެދި ދެންނެވުމަށްޓަކައި މި މުނާޖާ ދަންނަވަން އަޅުގަނޑުމެން އެބަޖެހެވެ. ﷲގެ ހަޒުރަތުގައި އަޅުގަނޑުމެން ދަންނަވަންވީ އަޅުގަނޑުމެންނަކީ މިފަދަ ބަލިތަކުން ސަލާމަތްކުރެވިފައިވާ ފުރިހަމަ ސިއްހަތެއްގައިވާ ބައެއްކަމަށް ލައްވަވާ ހެޔޮ ހާލުގައި ތިބެ ﷲއަށް ހެޔޮގޮތުގައި އަޅުވެތިވާބައެއްކަމުގައި ލައްވަތޯއެވެ. އަދި މި ބަރަކާތްތެރިވި ރަމަޟާންމަހުގެ ރޯދަތައް އެންމެ ފުރިހަމައަށް ހިފޭ ހާލަތެއްގައި ތިބި ބައެއްގެ ގޮތުގައި ލެއްވެވުމަށް ﷲގެ ހަޒުރަތުގައި އަބަދު މުނާޖާ ދެންނެވުމަކީ އެއީ އަޅުގަނޑުމެން ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ.

comment ކޮމެންޓް