މަޑިވަރު ދަތުރުތަކަށް ތަރުހީބު ދަށް، މައްސަލައަކީ އަގުބޮޑުވުން

މަޑިވަރަށް ޓެސްޓް ފްލައިޓް ޖެއްސުން -- ފޮޓޯ: މުހައްމަދު ޝާހިދު

މިދިޔަ ފެބްރުއަރީ މަހު އޮޕަރޭޝަންތައް ފެށި މަޑިވަރު އެއާޕޯޓުގެ ދަތުރުތަކުގެ އަގު ބޮޑު ވުމުގެ ސަބަބުން ދަތުރުތަކަށް އޮތް ޑިމާންޑު އަދިވެސް ދަށްކަން "ސަން"އަށް އެނގިއްޖެއެވެ.

އެ އެއާޕޯޓުގެ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން"އަށް ބުނީ މިހާރު ދުވާލަކު އެއް ފްލައިޓް ދާއިރު، ތިން މީހުން ދަތުރުކުރާ ދުވަސް ވެސް ދާކަމަށެވެ. އަދި އެންމެ ގިނައިންދާ ދުވަސް ދުވަހު ވެސް ދަތުރުކުރަނީ ވިއްސަކަށް މީހުން ކަމަށް އޭނާ ބުންޏެވެ.

މަޑިވަރު އެއާޕޯޓަށް މޯލްޑިވިއަނުން އާންމުކޮށް ކުރަނީ ޓްރާންސިޓް ދަތުރުތަކެވެ. އެގޮތުން، ހަނިމާދޫ، މާފަރު، އަދި އިފުރަށް ކުރާ ދަތުރުތަކުގައި ވެސް މަޑިވަރަށް ބައެއް ފަހަރު ޖައްސައެވެ.

ނައިފަރު ކައުންސިލުގެ ރައީސް މުޙައްމަދު ރަޝީދު "ސަން"އަށް ވިދާޅުވީ ސަރަހައްދުގެ ރައްޔިތުން އެއާޕޯޓުން ދަތުރުކުރާ މިންވަރު ދަށް ވުމުގެ އެންމެ ބޮޑު ސަބަބަކީ އަގު ކަމަށެވެ.

"ހުކުރު ނޫން ކޮންމެ ދުވަހަކު ތިން ހަތަރު ލޯންޗު އެބަ ދަތުރުކުރޭ މާލެއަށް، ދެގަޑި އިރު ނޫނީ ދެގަޑިއިރާ ބައިގެ ދަތުރެއް އެއީ، 450އާ 500 ރުފިޔާ އާ ދެމެދުގަ މިއުޅެނީ. އެހެންވީމަ 1019 ރުފިޔާ ދީފަ ދަތުރުކުރަން އަގުބޮޑީ،" ރަޝީދު ވިދާޅުވިއެވެ.

މަޑިވަރު އެއާޕޯޓު ހުޅުއްވައިދެއްވުމަށާއެކު، މިދިޔަ ފެބްރުއަރީ މަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޅ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގަައި ވަނީ އެ އެއާޕޯޓުގެ ދަތުރުތަކުގެ އަގު ދަށްކޮށްދެއްވުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

"މިއަދު އަޅުގަނޑަށް މިތާހުރެފަ ވަކި ގޮތެއް އޭގައި ތި ބޭފުޅުންނާ ހިއްސާކޮށްލަން ދަތިވި ނަމަވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު އައިލެންޑް އޭވިއޭޝަނާ އެ ވާހަކަދައްކާ އެކަމަށް ރަނގަޅު ހައްލެއް ލަސްތަކެއް ނުވެ ގެނައުމުގެ މަސައްކަތް ކޮށްދޭނަން،" ނައިފަރުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވިއެވެ.

ޅ. މަޑިވަރު އެއާޕޯޓު -- ސަން ފޮޓޯ: އަހުމަދު ހަސަން

ނައިފަރު ކައުންސިލުގެ ރައީސް ވިދާޅުވީ އަދި އެކަމުގެ އެއްވެސް އިތުރު ޚަބަރެއް ލިބިވަޑައިގެންފައި ނުވާ ކަމުގައެވެ.

ފާދިއްޕޮޅަކީ ގިނަ ޓޫރިސްޓު ރިސޯޓުތަކެއް ހިންގަމުން އަންނަ އަތޮޅެކެވެ. ނަމަވެސް، މިހާތަނަށް އެއްވެސް ރިސޯޓަކާއެކު އެ އެއާޕޯޓުން ވަނީ އެއްބަސްވުމަކާ ހަމައަށް އާދެވޭ ގޮތް ނުވެފައެވެ.

އައިލެންޑް އޭވިއޭޝަންގެ ތަރުޖަމާނު "ސަން"އަށް ވިދާޅުވީ މިހާރު ރިސޯޓުތަކާއެކު އެއްބަސްވުން އެކުލަވާލުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމުގައެވެ. އަދި އަގާއި، އެހެނިހެން ކަންބޮޑުވުންތަކަށް ވެސް އަވަސް ހައްލެއް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ހުޅުވުނުތާވީ މުއްދަތާ އަޅާ ބަލާއިރު، އަދި ޑިމާންޑު ދަށް ކަމަށް ނުބުނެވޭނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ތަރުހީބު ރަނގަޅުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ކުރެއްދު ހޯލްޑިންސްއިން ތަރައްގީ ކުރި އެ އެއާޕޯޓު އައިލެންޑް އޭވިއޭޝަނާ ހަވާލުކުރީ މިދިޔަ ޖަނަވަރީ މަހުއެވެ. ޖުމްލަ 11 މިލިއަން ޑޮލަރަށް ތަރައްގީކުރި މަޑިވަރު އެއާޕޯޓުގެ އަމަލީ މަސައްކަތް ކުރީ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ.

މި އެއާޕޯޓު ހެދުމުގެ އެއްބަސްވުމުގައި ކުރެއްދު ހޯލްޑިންސްއާ ސަރުކާރާ ދެމެދު ސޮއިކުރީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. ޅ. އަތޮޅުގައި އެންމެ ގިނަ ރިސޯޓު ހިންގަމުން އަންނަނީ ކުރެއްދު ހޯލްޑިންސް އަދި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިންނެވެ.

comment ކޮމެންޓް