ޖަރުމަނުގެ ގަދަ ބާރު ބަޔާނަށް ކުޅެމުން އަންނަ އިތުބާރު ފޯވާޑް ރޮބާޓޯ ލެވަންޑޮސްކީ ދޫކޮށް ނުލާނެކަމަށް އެ ކުލަބުގެ ސީއީއޯ އޮލިވާ ހާން ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ މި ސީޒަށް ނިމުމުން ލެވަންޑޮސްކީ ބަޔާން ދޫކޮށް، ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވާން އުޅޭކަމަށް މީޑިއާތަކުގައި އަޑު ފެތުރިފައި ވަނިކޮށެވެ.
މިކަމާ ގުޅިގެން އޮލިވާ ބުނެފައިވަނީ ބަޔާނުން ލެވަންޑޮސްކީ ދޫކޮށްނުލާނެ ކަމަށާއި، އަދި އެ މީހުންނަކީ މޮޔައިންނެއް ނޫން ކަމަށެވެ.
"ޔަގީނުން ވެސް އަންނަ ސީޒަނުގައި ލެވަންޑޯސްކީ ފެންނާނީ ބަޔާނުން. އަހަރެމެން މިއީ މޮޔައިން ތަކެއް ނޫން. ސީޒަނަކު 30 ނުވަތަ 40 ލަނޑު ޖަހާ ކުޅުންތެރިއެއް ދޫކޮށްލުމާ ބެހޭގޮތުން މަޝްވަރާ ކުރާކަށް. އަހަރެމެން މިތިބީ ވަރަށް ހަމަޖެހިގެން. ލެވަންޑޯސްކީ އަކީ ބަޔާންގެ ކުޅުންތެރިއެއް،" އޮލިވާ ހާން ބުންޏެވެ.
ލެވަންޑޮސްކީ ބަޔާނާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތީ އެންމެ އަހަރެެކެވެ. އެހެންކަމުން، ކޮންޓްރެކްޓް އައު ކުރުމުގެ މަސައްކަތް ބަޔާނުން ކުރަމުން އައި ނަމަވެސް، އެއްބަސްވުން އައު ކުރުމަށް ލެވަންޑޮސްކީ ދެކޮޅު ހަދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ބަޔާންގައި ލެވަންޑޮސްކީ ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ފީފާ އިން ދޭ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ހާސިލްކޮށްފައެވެ. އޭނާ މި އެވޯޑު ހޯދާފައިވަނީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ލިއޮނަލް މެސީއާ ވާދަކޮށެވެ.