ކޫއްޑޫ ފަޅުގައި އޮތް ހުރިހާ ދޯންޏެއްގެ މަސް ކިރަން ނިންމައިފި

ކޫއްޑޫގައި މަސްކިރަން ދޯނިފަހަރު ކިއޫ ހަދާފައި -- ފޮޓޯ/ 'ފަރެސްމާތޮޑާ މަސްވެރިން' ފޭސްބުކް ޕޭޖް

މަސް ކިރަން ކޫއްޑޫ އަށް ގޮސް، އެރަށު ފަޅުގައި އޮތް ހުރިހާ ދޯންޏެއްގެ މަސް ކިރަން ސަރުކާރުން ނިންމައިފިއެވެ.

ދެކުނަށް މަސްވެރިކަން ރަނގަޅުވުމުގެ ސަބަބުން ކޫއްޑޫއަށް މަސް ކިރުން ލިމިޓު ކުރުމާއެކު، އިހުތިޖާޖަށް ނުކުތް މަސްވެރިންގެ މަޝްވަރާގެ މަތިން އެ ލިމިޓު އުވާލުމުން ވެސް މަސްކިރޭ ގޮތް ނުވެ، އިއްޔެ ވަނީ މަސް ކިރުން ވަގުތީގޮތުން ހުއްޓާލާފައެވެ.

އެކަމާ ގުޅިގެން ރޭ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މަސްވެރިންގެ ޝަކުވާތަކަށް ހައްލު ހޯދުމަށްފަހު، އަލުން މަސް ކިރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން، މަސްވެރިންނަށް އެއްބަސްވެވޭ ފަދަ ގޮތަކަށް ސަރުކާރުން ވަނީ މަސް ކިރޭނެ ގޮތް ހަދާފައި ކަމަށް ނޫސްބަޔާނުގައި ބުންޏެވެ.

"މަސްވެރިންނަށް ކިއު އޯޑަރު ހަމަޖައްސައި އެ އޯޑަރާ އެއްގޮތަށް މަސްކިރޭނެ އިންތިޒާމުތައް ކޫއްޑޫގައި ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައި،" ބަޔާނުގައިވެއެވެ.

އެ ޕްލޭންގެ ދަށުން، މަސް ކިރޭނެ ތަރުތީބާއި ދުވަސް، އެ މަސްވެރިންނަށް އަންގާފައި ވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މަސްކިރުމާ ގުޅޭގޮތުން އިއްޔެ ކޫއްޑޫގައި އިހުތިޖާޖުކޮށް ހަމަނުޖެހުންތައް ހިންގުމުން، އެރަށުގައި އެސްއޯ ފުލުހުން ހަރަކާތްތެރިވިއެވެ. އަދި، ވީހާވެސް އަވަހަކަށް އަލުން މަސް ކިރަން ފެށޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ޓަކައި މަޝްވަރާތައް ބޭއްވިއެވެ.

comment ކޮމެންޓް