ފަހު މެޗުން ވެސް ބަލިވެ ރާއްޖެއަށް ކޮލިފައިން ނިމިއްޖެ

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމް -- ފޮޓޯ / ގައުމީ ފުޓްސެލް ޓިމް

އޭޝިއަން ފުޓްސެލް ކޮލިފައިންގެ ފަހު މެޗުގައި މިއަދު ތުރުކުމެނިސްތާނު އަތުން ބަލިވެ ރާއްޖެއަށް ކޮލިފައިން ނިމިއްޖެއެވެ.

މިއަދުގެ މެޗުން ވެސް ރާއްޖެ ބަލިވެފައިވަނީ 7-0 ގެ ނަތީޖާއަކުންނެވެ.

ކޮލިފައިންގެ ފުރަތަމަ މެޗުގައި ރާއްޖެ ބަލިވީ އެންމެ ފަހުގެ ޗެމްޕިއަން އީރާން އަތުންނެވެ. އެ މެޗުން ރާއްޖެ ބަލިވެފައިވަނީ 17-0 ގެ ނަތީޖާއަކުންނެވެ. ދެ ވަނަ މެޗުގައި ކިރިގްސްތާން އަތުން ބަލިވެފައިވަނީ 7-1 ގެ ނަތީޖާއަކުންނެވެ.

މިއަދު ކުޅުނު މެޗުގައި ވެސް ރާއްޖެ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މުބާރާތުގެ މެޗަކަށް ފަހު މެޗެއް ފެނުނީ ރާއްޖެ ޓީމުން ކުރިއެރުންތަކެއް ހޯދިތަނެވެ.

މިއަދުގެ މެޗުން ތުރުކުމެނިސްތާނު މޮޅުވި ނަމަވެސް، ރާއްޖެއިން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ހޯދާފައެވެ. އެގޮތުން ރާއްޖޭގެ ޢަލީ ހާފިޒް (ހާއްޕެ)، ޢަބްދުﷲ ޝާފިއު (ޝާއްޕެ) އަދި ހުޒައިފަތު ރަޝީދު (ހުޒޭ) ވަނީ ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ.

ކުވޭތުގައި ބާއްވާ އޭޝިއަން ކަޕަށް މި ގްރޫޕުން ކޮލިފައިވެފައިވަނީ އީރާނާއި ތުރުކުމެނިސްތާނެވެ. އިރާނުން ކޮލިފައިން ނިންމާލާފައިވަނީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ހަ ޕޮއިންތާއެކުި ދެ ވަނަ ތުުރުކުމެނިސްތާނަށް ލިބޭއިރު، ތިން ވަނައަށް ދިޔަ ކިރްގިސްތާނަށް ލިބެނީ ތިން ޕޮއިންޓެވެ. އަދި ރާއްޖެ ފުލަށް ދިޔައީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.

ތައިލޭންޑުގައި މިދިޔަ މަހު ބޭއްވި އިންވިޓޭޝަނަލް ކަޕްގައި ބައިވެރިވެ ރާއްޖެއިން ވަނީ ފަސް ވަނަ ހޯދާފައެވެ.

އެ މުބާރާތަށް ދިޔައިރު ގައުމީ ޓީމިގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ އެފްއޭއެމްގެ މިނީ ޓާފާއި ގިޔާސުއްދީން ސްކޫލް ހޯލްގައި ހުރި މެޓް ދަނޑުއަދި ޕީކޭ ސަރަަހައްދު ފުޓްސަލް ދަނޑުގައެވެ.

ގައުމީ ފުޓްސަލް ޓީމުގެ ފަރިތަކުރުންތަކަށް ރަނގަޅު ދަނޑެއް ނެތުމުގެ ޝަކުވާ އޮތީ ވަރަށް ބޮޑުވެފައެވެ. މާލޭގައި ސަރުކާރުތަކުން ގާއިމުކޮށްފައިވާ ޓާފް ދަނޑުތަކަކީ އިންޓަނޭޝަނަލް ފުޓްސަލް ކުޅެން ބޭނުންވާ ސައިޒުގެ ދަނޑުތަކަކަށް ނުވާތީ، ބައިނަލްއަޤްވާމީ މުބާރާތަކަށް ތައްޔާރުވާން އެ ތަންތަނުގައި ޕްރެކްޓިސް ނުކުރެވެއެވެ.

comment ކޮމެންޓް