ތަނެއްގައި ކުޅިވަރެއް ކުޅޭނަމަ، ކުޅިބަލާ މީހުންގެ ތެރޭގައި އޭނާ ހުންނާނެއެވެ. ގައިމު ވެސް، ގަލޮޅު ރަސްމީ ދަނޑުގައި މެޗެއް އޮންނަ ދުވަހެއްގައިނަމަ އޭނާ އެތަނުން ފެންނާނެއެވެ.
އެއީ އަގަކަށް، އުޖޫރައަކަށް އޭނާ ކުރާ ކަމެއް ނޫނެވެ. އެކަމުން އޭނާއަށް ލިބެނީ ހިތްހަމަޖެހުމެވެ. އުފާވެރިކަމެވެ.
ހދ. ނޭކުރެންދުއަށް އުފަން، އަހްމަދު އައްފާން (އައްޕި)އަކީ ފުޓުބޯޅައަށް މަރުދޭ ޒުވާނެކެވެ. މާ ގިނަ ބައެއްގެ މެދުގައި މަގުބޫލު ނޫނަސް، ކުޅިވަރުގެ ޒުވާން ހިދުމަތްތެރިއެކެވެ. ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލުގެ މުހިންމު ބޮޅެއް ވެސް މެއެވެ.
"ކުޑައިރުއްސުރެ ވެސް ކުޅިވަރަށް ޝައުގުވެރިކަން ހުރޭ. އަސްލު ވާގޮތަކީ ގޭ ކައިރީގައި އުޅޭނީ ހުސް ކުޅޭ މީހުން،" އައްޕި ވާހަކަ ފެށީ ކުޑައިރުގެ ހަނދާންތަކުންނެވެ.
އައްޕިގެ ޝައުގުވެރިކަން ފުޓުބޯޅައަށް ފުރަތަމަ ދަމައިގަތީ އެ ރަށަށް އުފަން، ހުނަރުވެރި ވިންގު އަހްމަދު އިމާޒް (އާއްކޮ)ގެ ކުޅުން ފެނިގެންނެވެ.
އައްޕި، އާއްކޮއާއެކު --
މޮޅު ފުޓުބޯޅަ ކުޅުންތެރިއަކަށްވުމަކީ ކުޑައިރު އައްޕި ދުށް ހުވަފެނެކެވެ. ރަށު ސުކޫލުގެ އިންޓަ ހައުސް މުބާރާތްތަކުގައި ބައިވެރިވެ، ކާމިޔާބީތައް ވެސް ހޯދައިފައި އެބަހުއްޓެވެ. އެހެން ނަމަވެސ،ް މާލެ ބަދަލުވުމަށް ފަހު މާ ބޮޑަށް ފުޓުބޯޅަ ކުޅުމުގެ ތެރޭގައި އޭނާ ނޫޅެއެވެ.
"އެންމެ ދުރު ހަނދާންވަނީ ދެހާސްއަށެއްގެ ސާފްޗެމްޕިއަންޝިޕް. އޭރު ނޭނގޭ މީހުން ވަކިކުރާކަށް ވެސް. ދަގަނޑޭ ވެސް އެނގެނީ ބޮލުގައި ކުލަ ޖައްސާފަ ހުންނާތީ. ދެން އެނގޭނީ އިމްރާންއާ އޮއްޕޮއާ،" މިހާރު އުމުރުން 20 އަހަރުގެ ޒުވާނާ ކިޔައިދިނެވެ.
ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއަކަށްވުމުގެ ހިޔާލު ވަކި ހިސާބަކުން ދޫކޮށްލި ނަމަވެސް، ފުޓުބޯޅައަށް އޭނާގެ ހިތުގައި އޮތް ލޯބި ބަދަލެއް ނުވެއެވެ.
ފުޓުބޯޅަ ކުޅުންތެރިންނާއި އެހެން ވެސް އެތުލީޓުންގެ އަގުވަޒަންކުރުމަކީ އޭނާ އަބަދުވެސް ބޭނުންވާ ކަމެކެވެ. އެހެން ނަމަވެސް، އެކަނި ޕޭޖެއް ހަދައިގެން އެކަން ނުވާނެޔޭ ހިތާ އޭނާ ހުރީއެވެ.
އެހެން ހުއްޓާ، އޭނާގެ އަތުގައި ހިފީ ގާތް ރަހުމަތްތެރިން ތަކެކެވެ. ރާއްޖޭގެ ފުޓުބޯޅަ އިތުރު ހަރުފަތެއް ކުރިއަށް ގެންދަން "ސިޑިބަރި" ވުޖޫދު ކުރަން ނިންމީ އެ ހިސާބުންނެވެ.
"ސިޑިބަރި އެއީ އަސްލު ދިލްއާ އަމީންއާ މުންކޮއާ އަބުޅިއާ އެންމެން ފެށި އެއްޗެއް. ދެން އަބުޅި ބޭނުންވީ މަ ގެންދަން. އޭނަ ބުނީ ކުރެވޭނެއޭ އަންނާށޭ،" އައްޕި ކިޔައިދިނެވެ.
އައްޕި ގައުމީ ޓީމުގެ ސައިކަލު ބުރެއްގައި --
ކުޅިވަރު ޕްރޮމޯޓް ކުރަން ރާއްޖޭގައި އެފަދަ ޕޭޖެއް ތައާރަފް ކުރީ އަލަށެވެ. އެއީ އައްޕި ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހުނު ދުވަހެކެވެ.
މެޗުތައް ކަވަރުކޮށް، ސިޑިބަރީގެ ޒަރީއާއިން އާއްމުންނަށް ގެނެސްދިނުމަށް އައްޕި ކޮންމެ މެޗަކަށްމެ ދަނޑަށް ދެއެވެ. މުސާރައެއް ލިބޭ ވަޒީފާއެއް ނޫނެވެ. އުޖޫރައެއް އަދި ލިބޭ މަސައްކަތެއް ނޫނެވެ. ހަމައެކަނި ހިތްހަމަޖެހުމާއި އުފާވެރިކަމެވެ.
"އެއީ އަސްލު ހަމަ ޕެޝަން. ޕެޝަން ހުރިއްޔާ ވާނެ ކޮންމެ ކަމެއް ވެސް. އަދި ކުރިއަށް އޮތްތާ ފައިދާ ވެސް ވާނެ. އަސްލު ގޮއްސަ މެޗެއް ބަލާލީމަ މާ ހިތްހަމަ ޖެހޭ މި ލިބޭ ސެލެރީއަށް ވުރެ ވެސް،" އައްޕި ބުންޏެވެ.
އައްޕި ބޭނުންވަނީ ސްޕޯޓްސް ޖާނަލިޒަމްގެ ދާއިރާއިން ކުރިއަށް ދާށެވެ. ކުޅިވަރާއި ކުޅިވަރު ކުޅޭ މީހުން ކުރިއަރުވާށެވެ. އެ މީހުންގެ އަޑު އިއްވައިދޭށެވެ.
ރާއްޖޭގެ ކުޅިވަރު ޕްރޮމޯޓް ކުރަން "ސިޑިބަރި"ން މައްޗަށް އަރަން އުޅުމުގެ ތެރޭގައި ވައްޓާލަން ވެސް ބައެއް މީހުން މަސައްކަތް ކުރިއެވެ. އެތައް ގޮންޖެހުންތަކަކާ ކުރިމަތިވިއެވެ.
"ސިޑިބަރި ފަށައިގެން ވަކި ހިސާބަކަށް ދިޔަ ތަނުން އެފްއޭއެމްގެ އޮފިޝަލަކު ވަރަށް ދެރަވާ ކަހަލަ އެއްޗެއް ބުނި. އެ ރޭ ވަރަށް ދެރަވި. ނުނިދިގެން ވެސް އުޅުނިން. އެކަމަކު އޭގެ ފަހުން ހިތަށް އެރީ މީހަކު ބުނާ އެއްޗަކަށް ނުބަލާ ކުރާ ކަންތައް ރަނގަޅަށް ކުރީމަ އިންނާނީ ރަނގަޅަށޭ،" އައްޕި ކިޔައިދިނެވެ.
މިއަދު ސިޑިބަރިއަކީ މަގުބޫލު ޕްލެޓްފޯމެކެވެ. އެހެން ނަމަވެސް އަދިވެސް އައްޕި ބޭނުންވާ ހިސާބަކަށް ނުދެވެއެވެ. އޭނާއާއި އޭނާގެ އެކުވެރިންގެ ގިނަ އުންމީދުތަކެއް މިކަމުގައި އެބަހުއްޓެވެ.
"އަސްލު ސިޑިބަރި ރަނގަޅު އާމްދަނީއެއް ލިބޭނެ އެއްޗަކަށް ހެދުން. މިހާރު ފުޓުބޯޅައަށް އެކަނި ދޯ. އެކަމަކު ބޭނުން އެހެން ކުޅިވަރުތައް ވެސް ފުޓުބޯޅައެކޭ އެއްފަދައިން ސިޑިބަރީގައި ޕްރޮމޯޓް ކުރަން،" އައްޕި ބުންޏެވެ.
އެކަންކަމަށް އޮތް ގޮންޖެހުމަކީ ސްޕޮންސަރުން ނުލިބުމެވެ. މިދިޔަ އަހަރުގެ ސާފްޗެމްޕިއަންޝިޕާ ދިމާކޮށް ވެސް ސްޕޮންސަރު ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.
މިހާރު އުރީދޫގައި މަސައްކަތް ކުރާ އައްޕި، ކިރިޔާ ވެސް ދެވޭނަމަ އެއްވެސް މެޗެއް ކަޓުވައެއް ނުލާނެއެވެ. މިދިޔަ އަހަރުގެ ދިވެހި ލީގުގެ ހުރިހާ މެޗަކަށް އޭނާ ދަނޑަށް ވަނެވެ.
"ކުޅޭ މީހަކަށްވީމަ އަސްލު ކުރިން ވަރަށް ދަށް ކޮށްލާފަ ތިބެނީ. ވަޒީފާއަކަށް ނުދެޔޭ. ކުޅޭށޭ ހުންނަނީ. އެ ވިސްނުން ބަދަލުކުރަން ބޭނުންވީ،" އައްޕި ބުންޏެވެ.
އައްޕި އޭނަގެ ބޭބެއާއެކު --
ދިރިއުޅުމުގެ މުހިންމު ބައެއް ކަންކަން ކަޓުވައިލައިފައި ވެސް އޭނާ ދަނޑަށް ދަނީ ހިތުގައި އެ ކަމަށް އޮންނަ ލޯތްބެއްގެ ސަބަބުންނެވެ.
ކުޑައިރުއްސުރެ އޭނާ ބޮޑުވީ ކުޅިވަރުގެ ތެރޭގައެވެ. ފުޓުބޯޅައިގެ ތެރޭގައެވެ. ބާލީހެއް ކަމަށް އޭނާ ބައްދައިގެން އެއްދުވަހު ނިދީ ވެސް ބޯޅައެއްގައެވެ.
އައްޕިގެ އުންމީދުތައް ހުރީ އުހުގައެވެ. އެ ހުވަފެންތައް އޭނާ ސިޑިބަރިން ހަރުފަތަކަށްފަހު ހަރުފަތެއް މައްޗަށް އަރާ ހާސިލުކުރާނެއެވެ.