ލިމިޓު އުވާލުމުން ވެސް މަސް ކިރޭ ގޮތެއް ނުވި، ހަމަނުޖެހުންތައް ކުރިއަށް

ކޫއްޑޫ ފިޝެރީސް މޯލްޑިވްސް ލިމިޓެޑުން މަސް ބަންދުކުރާ ކާރުހާނާ. -- ފޮޓޯ/ހުވަދޫ ނިއުސް

ދެކުނަށް މަސްވެރިކަން ރަނގަޅުވުމުގެ ސަބަބުން ކޫއްޑޫއަށް މަސް ކިރުން ލިމިޓު ކުރުމާއެކު، އިހުތިޖާޖަށް ނުކުތް މަސްވެރިންގެ މަޝްވަރާގެ މަތިން އެ ލިމިޓު އުވާލުމުން ވެސް މަސްކިރޭ ގޮތް ނުވެ، އިތުރަށް މަޝްރަހު ހޫނުވެއްޖެއެވެ.

ކޫއްޑޫގައި މިވަގުތު ހުރި މަސްވެރިއެއް ކަމަށްވާ އަހްމަދު މަނިކު "ސަން"އަށް ބުނީ މަސް ކިރުމަށް ކަނޑައެޅި ފަސް ޓަނުގެ ލިމިޓު އުވާލީ ގިނަ އަދަދަކަށް މަސްބޭނި ދޯނިތަކުގެ އެދުމުގެ މަތިން ކަމަށެވެ. ނަމަވެސް، ލިމިޓު އުވާލުމާއެކު، ފަސް ޓަނަށް ވުރެ މަދުން މަސްބޭނި ދޯނިތަކުން ހިތްހަމަ ނުޖެހުން ފާޅުކުރަން ފެށީ ކަމަށް އޭނާ ބުންޏެވެ.

"ކޫއްޑޫއިން މި ނިންމީ ކިއު ތަރުތީބުން ދޯނީގައި ހުރި ހުރިހާ މަހެއް ކިރަމުން ދާގޮތަށް، އޭރަށް ދުވާލަކު ހައެއްކަ ދޯނި ކިރާ އިރަށް ކެޕޭސިޓީ އެބަ ފުލްވޭ. ދެން އަނެއްކާ ވެސް އަނެއް ދުވަހު ކިރަން ފަށާގޮތަށް" އަހްމަދު ބުންޏެވެ.

އޭނާ ބުނީ މިވަގުތު ވެސް ގިނަ އަދަދަކަށް މަސްބާނައިގެން އައިސް އޮތް އެތައް ދޯންޏެއް އޮތްއިރު، އެ ހުރިހާ ދޯންޏަކުން ވެސް ބޭނުން ވަނީ ކިޔު ތަރުތީބުން ހުރިހާ މަހެއް ކިރަމުން ދިޔުމަށް ކަމަށެވެ.

"އެހެން ނޫނީ، ކުރިން އޮތް ގޮތުން ވިއްޔާ އެބަ ޖެހޭ ދުވާލަކު ފަސް ޓަނު ކިރާލަ ކިރާލާ 10 ވަރަކަށް ދުވަސް އޮންނަން. އެހެން އެތިކޮޅުކޮޅުން ކިރުމަކީ ކޮލިޓީވެސް ދަށްވާ ކަމެއް" އޭނާ ބުންޏެވެ.

ކޫއްޑޫއިން ވާހަކަދެއްކި އިތުރު މަސްވެރިއަކު ބުނީ މިހާރު ހަމަނުޖެހުން އުފައްދަމުން ދަނީ މަދު ބަޔަކު ކަމަށެވެ.

"މިތާ ހުރި ބޮޑު ކައްޓާއަކަށް އަރައިގެން އެމީހުން ތިބީ އެހެން ވީމަ ކިރުން ހުއްޓިފައި އޮތީ. ގިނަ މަސްވެރިން ބޭނުންވާ ގޮތަށް ކިރަން ފަށަން ތައްޔާރު ވަނިކޮށް އެމީހުން އައީ" އޭނާ ބުންޏެވެ.

ކޫއްޑޫގައި ހަމަނުޖެހުންތައް ހިނގަމުން ދާތީ މިވަގުތު އެރަށުގައި އެސްއޯ ފުލުހުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އަދި، ވީހާވެސް އަވަހަކަށް އަލުން މަސް ކިރަން ފެށޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި މަޝްވަރާތައް ދަނީ ކުރިއަށެވެ.

comment ކޮމެންޓް