ސީރިޔާގެ ހަނގުރާމަވެރި ސަރަހައްދަކުން ރާއްޖެއަށް ގެނައި ދިވެހި ޢާއިލާ، އިތުރު އަށް މަސް ދުވަހަށް ކ. ހިންމަފުށީގައި ހުންނަ ރީއިންޓެގްރޭޝަން ސެންޓަރުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މިދިޔަ މަހުގެ 11 ވަނަ ދުވަހު ރާއްޖެ ގެނައި އެ އާއިލާގައި 33 އަހަރުގެ އަންހެނަކާއި، 18 އަހަރުން ދަށުގެ ހަތަރު ކުދިން ހިމެނެއެވެ.
ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އެ އަންހެންމީހާ މީގެ ކުރިން އުޅެފައިވަނީ ސީރިޔާގެ އިދްލިބްގައެވެ. ހަނގުރާމަވެރި އެ ސަރަހައްދުން އެ މީހުން ތުރުކީއަށް ގޮސް، އެގައުމުން ރާއްޖެ އައިސްފައިވާ ކަމަށް ކޯޓުގައި ވަނީ ބުނެފައެވެ.
އެ އާއިލާގެ މެންބަރުން ބަންދުކުރުމާ މެދު އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ވެސް ކޯޓުގައި އަންހެން މީހާ ވަނީ ބުނެފައެވެ.
"ސަން"އާ ވާހަކަ ދައްކަވަމުން ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ހަފްސީ ޢަބްދުﷲ ވިދާޅުވީ ސީރިޔާ އިން ރާއްޖެ ގެނައި ގޮތަށް އެ އާއިލާ ބޭތިއްބީ އެ ފަދަ ފަރާތްތަކަށް ފަރުވާ ދިނުމަށް ޓަކައި ޚާއްސަކޮށްފައިވާ މަރުކަޒުގައި ކަމަށެވެ. އަދި ވިދާޅުވީ ޤާނޫގައި ބުނާ މުއްދަތު މިއަދަށް ހަމަ ވުމުން ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކ. ހިންމަފުށީގައި ހުންނަ ރީއިންޓެގްރޭޝަން ސެންޓަރުގައި އިތުރު އަށް މަސް ދުވަހު ބައިތިއްބައިގެން ފަރުވާގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށެވެ.
މި އާއިލާ ރާއްޖެ ގެނެވުނުކަން އިޢުލާނުކުރަމުން ހޯމް މިނިސްޓްރީން ބުނެފައިވަނީ އެއީ ރާއްޖެއިން ބޭރުގައި ހާލުގައި ޖެހި، ފުރާނައަށް ނުރައްކާވާ ދަރަޖައަށް ގޮސްފައިވާ އާއިލާތައް އަލުން އަނބުރާ މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބައެއް ކަމަށެވެ.