އައްޑޫގައި ސައިކަލުން ވެއްޓި، ހާލު ސީޔަސްވި ދީދީ އޮތީ ވެންޓިލޭޓަރުގައި: ޢާއިލާ

ސ. ފޭދޫ އޯކިޑް މަންޒިލް، އަޙްމަދު ދީދީ -- ފޮޓޯ/ ސޯޝަލް މީޑިއާ

އައްޑޫގައި ސައިކަލުން ވެއްޓި، ހާލު ސީރިޔަސް ވެގެން އިތުރު ފަރުވާއަށް މާލެ ގެނައި ސ. ފޭދޫ އޯކިޑް މަންޒިލް، އަޙްމަދު ދީދީ 56، މިހާރު އޮތީ ވެންޓިލޭޓަރުގައި ކަމަށް އޭނާގެ ޢާއިލާއިން ބުނެފިއެވެ.

ދީދީ ސައިކަލުން ވެއްޓިފައި އޮއްވައި ރޭގެ ވަގުތެއްގައި ފެނިފައިވަނީ އައްޑޫ ފަޅުރަށްތަކުގެ ތެރޭގައި އޮންނަ ކުނި ކޮށި ކައިރިން ލިންކު ރޯޑަށެވެ.

"ސަން"އާ ވާހަކަ ދައްކަމުން ދީދީގެ ފިރިހެން ދަރިފުޅު، މުޙައްމަދު ތޯރިގް ބުނީ ބައްޕައަށް ލިބިފައިވާ އަނިޔާގެ ބޮޑުކަމުން ސިކުނިޑިއަށް ކޮންމެވެސް ވަރަކަށް ލޭ ފައިބާފައިވާ ކަމަށާއި ނަމަވެސް ސާޖަރީއެއް ކުރާން ނުޖެހި، ބޭހުން ރަނގަޅު ކުރެވިދާނެ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު މިއަދު ވިދާޅުވެފައިވާ ކަމަށެވެ.

"ބައްޕަގެ ބޮލަށް އަނިޔާވީ. އޭގެ ސަބަބުން ވައަތު ލޮލަށް ވަނީ ވަރަށް ބޮޑަށް ލޭ އަރާފައި. ޖެހުނު ވަގުތު ބައްޕަގެ ދަތްދޮޅި ވެސް ވަނީ ނެއްޓިފައި. އައިޖީއެމްއެޗްގެ ޑޮކްޓަރު ވިދާޅުވީ މޫނުގައި އިން ރެނދު، ސާޖަރީއެއް ހަދައިގެން ރަނގަޅުވާނެ ކަމަށް،" ތޯރިގް ބުންޏެވެ.

"ބައްޕަ މި ވަގުތު އޮތީ އައިސީޔޫގައި. އިންކިއުބޭޓާގައި ބާއްވާފައި ނެގީމަ ފިޓް ޖެހުމުން ދުރު ކުރަން ވެގެން މިހާރު ވަނީ ވެންޓިލޭޓަރަށް ލާފައި،"

"ސަން"އަށް މަޢުލޫމާތު ދެއްވަމުން ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު ސަލްމާ ވިދާޅުވީ ދީދީ ފެނުނީ މަގުމައްޗަށް ވެއްޓިފައި އޮއްވާ ކަމަށާއި އެހެންކަމުން އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފު ނުވާ ކަމަށެވެ.

"ދީދީ ވަޒީފާ އަދާ ކުރަނީ ހިތަދޫގައި. ދެން ރޭ ގާތްގަނޑަކަށް އަށެއް ނުޖަހަނީސް އެކޮޅުން ނައްޓާލީ. އޭނާ ސައިކަލުގައި އައީ އެކަނި. ދެން ފެނުނީ ވެއްޓިފައި އޮއްވާ. އަދި ނޭނގޭ މީހަކު ޖެއްސީ ކަމެއް ނޫނީ ވީ ކިހިނެއް ކަމެއް. ދީދީގެ އިންޓާނަލް ބްލީޑިން ވެސް ހުރި. އަދި ދަތްދޮޅިވެސް އިނީ ނެއްޓިފައި،" ސަލްމާ ވިދާޅުވިއެވެ.

ދީދީއަށް އިތުރު ފަރުވާ ދިނުމަށް ޓަކައި މިއަދު މާލެ ގެނައީ އެންއެންޑީއެފްގެ އެހީތެރިކަމާއެކު ހެލިކޮޕްޓަރުގައެވެ.

comment ކޮމެންޓް