ހިޔާ ފްލެޓުގެ ކުލި ދެއްކުން މިމަހުގެ ނިޔަލަށް އިތުރުކޮށްދީފި

ހިޔާ ފްލެޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުން މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްދީފިއެވެ.

ހިޔާ ފްލެޓްގެ ކުލި މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ނުދައްކައިފި ނަމަ ޖޫރިމަނާ ކުރާނެ ކަމަށް އެޗްޑީސީން މީގެ ކުރިން ވަނީ އަންގާފައެވެ.

ހިޔާ ފްލެޓްގެ މަހު ކުއްޔަކީ މެއިންޓަނެންސް ފީ ހިމަނައިގެން 8،500 ރުފިޔާއެވެ.

ކުރިން ކަނޑައަޅާފައި ވަނީ ހިޔާ ފްލެޓްގެ އިންސްޓޯލްމަންޓާއި މެނޭޖްމެންޓް ފީގެ ގޮތުގައި މި މަހަށް ދައްކަންޖެހޭ ފައިސާ 10 ވަނަ ދުވަހުގެ ކުރިން ދެއްކުމަށެވެ.

އެޗްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ފައިސާ ދެއްކުމުގެ މުއްދަތު މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްދިނުމަށް ނިންމިކަން އިއުލާންކޮށްފައެވެ.

"މި މުއްދަތުގެ ތެރޭގައި އެޗްޑީސީގެ ޕޭމެންޓް ޕޯޓަލް އަދި ކައުންޓަރުން ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖައްސާފައިވާއިރު، އެއްވެސް އިތުރު ޖޫރިމަނާއެއް ނާރާނެ،" އެޗްޑީސީން ނެރުނު ބަޔާނުގައިވެއެވެ.

އެޗްޑީސީން ބުނީ މި ގޮތަށް ނިންމުމުގެ އެންމެ ބޮޑު ބޭނުމަކީ ކުލި ދައްކަންކަންޖެހޭ ގޮތްތަކަށް ހިޔާގައި ދިރިއުޅެމުން އަންނަ ރައްޔިތުން އިތުރަށް ހޭލުންތެރި ކުރުވުން ކަމަށެވެ.

މީގެ އިތުރުން ކުލި ދެއްކުމުގެ ކަންކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ފޯރުކޮށްދިނުމަށާއި އެހީތެރިވުމަށް ޓަކައި މާދަމާއިން ފަށައިގެން ކޮންމެ ރެޔަކު 9:00އިން 11:00އަށް ހިޔާ ސަރަހައްދުގައި "ހެލްޕް ޑެސްކް"އެއް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

މިގޮތަށް ނިންމި ކަމުގައިވީ ނަމަވެސް ކުރިއަށް އޮތް މޭ މަހުން ފަށައިގެން ކޮންމެ މަހެއްގެ ވެސް ޖޫރިމަނާއަކާ ނުލާ ކުލި ދެއްކުމުގެ އެންމެ ފަހު ތާރީޚަކީ އެ މަހެއްގެ 10 ވަނަ ދުވަސް ކަމަށް އެޗްޑީސީން ބުންޏެވެ.

އެފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ދެމުން އަންނަ އެއްބާރުލުން ފާހަގަކޮށް އެޗްޑީސީން ވަނީ އެ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފެއްޓެވި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުގެ ދަށުން އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތައް މި ސަރުކާރުން ހަވާލުކުރީ ފިނިޝިންގެ މަސައްކަތްތައް ވެސް ނުނިންމައެވެ.

އެހެން ކަމުން ފުލެޓްތައް ލިބުނު ފަރާތްތަކުން އެތަންތަނަށް ބަދަލުވީ އަމިއްލައަށް އެތަނުގެ ފިނިޝިން މަސައްކަތްތައް ކޮށްގެންނެވެ. ފިނިޝިންގެ މަސައްކަތް ނިންމީ ލޯނު ނަގައިގެންނެވެ.

ލޯނު ނަގައިގެން އެ މަސައްކަތް ނިންމަން ގިނަ ދުވަސްވާތީ މީގެކުރިން ސަރުކާރުން ވަނީ ކުލި ނަގަން ފަށާ ތާރީޚު ފަސްކޮށްދީފައެވެ.

comment ކޮމެންޓް